18 ޖުލައި 2024 - 15:01 1
ލީވާން އަލީ ނާސިރު
އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު
18 ޖުލައި 2024 - 15:01 1
އަތުލައިގަނެވޭ މަސްތުވާތަކެތި 24 ގަޑިއިރު ތެރޭގައި ނައްތާލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ކަސްޓަމްސްއިން ނިންމުމާއެކު، ބަންދުކުރާ މީހާއަށް އިންސާފު ލިބިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު ވިދާޅުވީ ކަސްޓަމްސްއިން އަތުލައިގަންނަ މަސްތުވާތަކެތި ތަހުލީލުކޮށް، ގާނޫނު އިސްލާހުކޮށް ހެއްކަށް ކޯޓަށް ހުށަހަޅާނީ ކަސްޓަމްސްގެ ނަތީޖާ ކަމަށެވެ.
މިހާރު އަމަލުކުރާ ގޮތުން ކަސްޓަމްސްއިން މަސްތުވާތަކެތި ތަހުލީލު ކުރުމަށްފަހު، އެ ތަކެތި ހަވާލުކުރަނީ ފުލުހުންނާ އެވެ. އެއަށްފަހު، ފުލުހުން ވެސް އެ ތަކެތި ދެވަނަ ފަހަރަށް ޓެސްޓު ކުރެ އެވެ.
ނަމަވެސް މާނިއު ވިދާޅުވީ އެ ތަކެތި އަތުލައިގަންނަތާ 24 ގަޑިއިރު ތެރޭ ނައްތާލެވޭނަމަ، އެ ތަކެތި މުޖުތަމައުއަށް އަނބުރާ ދާ ކަމަށް ދެކެވޭ ވާހަކަ ނިމުމަކަށް އައިސް، އިތުބާރު ވެސް އުފެދޭނެ ކަމަށެވެ.
އެގޮތުން މަސްތުވާތަކެތި ޓެސްޓު ކުރުމަށް ކަސްޓަމްސްއިން ލެބޯޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް ކަސްޓަމްސްއިން މި އަހަރު ފަށާނެކަން ފާހަގަކުރައްވާ މާނިއު ވިދާޅުވީ އަތުލައިގަންނަ ތަކެތި 24 ގަޑިއިރަށްވުރެ އިތުރަށް ބަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
މިކަމާ ގުޅިގެން އެންމެ ބޮޑު ސުވާލެއް އުފެދެނީ ކަސްޓަމްސްއިން އަތުލައިގަންނަ މަސްތުވާތަކެތި އެންމެ ފަހަރަކު ޓެސްޓު ކުރުމަށްފަހު، 24 ގަޑިއިރު ތެރޭގައި ނައްތާލުމުން ނޭދެވޭ ނަތީޖާއެއް ނިކުމެދާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ފުލުހުންގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ފުލުހުންގެ ލެބެއް ހުއްޓައި، އިތުރު ލެބެއް ހެދުމަކީ ބޭކާރު ކަމެއް ކަމަށާއި ފުލުހުން ސާމްޕަލްތައް ޓެސްކުރަނީ ވަކި ޕްރޮސެސްއެއްގެ ތެރެއިން ކަމަށެވެ.
"މުޅި މިކަމަކީ ވަކި ޕްރޮސެސްއެއްގެ ތެރެއިން ވަކި ގޮތަކަށް ހިނގާ ކަމެއް. ފުލުހުން އަތުގައި ރައްކާކޮށްފައި ހުންނަ މަސްތުވާތަކެތި ނައްތާލުމާ ހަމައަށް ސިސްޓަމުން ފެންނަން ހުންނާނެ. ގިނަ ލެބްތަކެއް ހަދައިގެން މިކަން ކުރުމުގެ ބޭނުމެއް ނުވިސްނޭ،" އޮފިޝަލް ވިދާޅުވި އެވެ.
ދާދި ފަހުން ކަސްޓަމްސްއިން މަސްތުވާތަކެތި ކަމަށް ޓެސްޓު ނަތީޖާއިން ދައްކައިގެން، ފުލުހުންނާ ވޭޕް ކާޓްރިޖްތަކެއް ހަވާލުކުރި އެވެ. އެއާއެކު، ފުލުހުންގެ އިންޓެލިޖެންސްއިން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގައި، އެ ވޭޕް ކާޓްރިޖްތައް ގެނައި ފަރާތް ހައްޔަރުކުރި އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން އެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައި ވަނިކޮށް، ފުލުހުންގެ ތަހުލީލުން ދެއްކި ގޮތުގައި އެ ކާޓްރިޖްގައި މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް ނެތްކަން ޔަގީންވި އެވެ. އެއާއެކު، ހައްޔަރުކުރި މީހާ ވެސް ދޫކޮށްލަން ޖެހުނެވެ.
އެ ހައްޔަރުކުރި މީހާ "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވާން ނޭދޭ ކަމަށާއި އަތުލައިގަންނަ މަސްތުވާތަކެތި 24 ގަޑިއިރު ތެރޭ ކަސްޓަމްސްއިން ނައްތާލިނަމަ އޭނާއަށް އިންސާފު ލިބުން ނާދިރުވީސް ކަމަށެވެ.
"އިނޮސެންޓްކަން ދެއްކޭނެ އެއްވެސް ގޮތެއް ނީންނާނެ ކަސްޓަމުން 24 ގަޑިއިރު ތެރޭގައި އެ އަތުލައިގަންނަ އެއްޗެއް ނައްތާލާނަމަ. ޕޮލިހަކަށް ވެސް އޭރަށް ޓެސްޓެއް ނެހެދޭނެ. އެއް ބަޔަކަށް ދޫކޮށްލައިގެން މިކަން ނުވާނެކަން އަހަރެންގެ ކަންތަކުގައިވެސް މި އެނގުނީ. ބޭނުންވެއްޖެނަމަ ދެވަނަ ފަހަރަށްވެސް ޓެސްޓު ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ،" އޭނާ ބުންޏެވެ.
ގާނޫނީ ވަކީލަކު "އަދަދު" އަށް ވިދާޅުވީ އަތުލައިގަންނަ މަސްތުވާއެއްޗެއް ކޯޓު މަރުހަލާ ނިމުމުގެ ކުރިން ނައްތާލުމުން، ޝަރީއަތުގެ މަރުހަލާގެ ތެރެއިން ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު ކޮށްފިނަމަ، އެތަކެތި އަލުން ތަހުލީލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"ޝަރީއަތުގެ މަރުހަލާގެ ތެރެއިން ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފައްދައިފިނަމަ، އެ ތަކެތި އަލުން ތަހުލީލު ކުރެވޭނެ ގޮތެއް އޮންނަން ޖެހޭ. އެގޮތަށް އެކަން ނުވެއްޖެނަމަ ކުށްވެރިޔާ މިނިވަންވުމުގެ ފުރުސަތު ވެސް އޮންނާނެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ޝަރީއަތުގެ މަރުހަލާ ނިމެންދެން އެ އެއްޗެހި ބެހެއްޓުން،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ގެނައުމާމެދު ގޮތެއް ނިންމާނީ އެޓާނީ ޖެނެރަލް (އޭޖީ) އެވެ. އެއަށްފަހު އެ އިސްލާހެއް ފާސްކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ. އެ އިސްލާހު މަޖިލިސް މެންބަރެއް މެދުވެރިކޮށް ވެސް ކަސްޓަމްސްއަށް ހުށަހެޅޭނެ އެވެ.
ނަމަވެސް މިކަމާ ގުޅިގެން އޭޖީ އަމަލުކުރައްވާނެ ގޮތެއް ބެލުމަށް "އަދަދު" އިން ސުވާލުކުރުމުން ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. އަދި މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް މާނިއުއަށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ދެެއްވާފައެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment