Advertisement

ޕީއެންސީ ޕީޖީ ލީޑަރު އެދުނީ ވަޒީރުން މަޖިލީހަށް ގެނައުން މަދުކުރަން

17 ޖުލައި 2024 - 10:12 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާ މިއަދު ހިޔާލުފާޅުކުރެއްވީ ވަޒީރުންށް މަޖިލީހަށް ގެނައުން މަދުކުރަން. ފޮޓޯ: މަޖިލީހުގެ އިދާރާ


ޕީއެންސީ ޕީޖީ ލީޑަރު އެދުނީ ވަޒީރުން މަޖިލީހަށް ގެނައުން މަދުކުރަން

17 ޖުލައި 2024 - 10:12 0

ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރުމުގެ ފުރުސަތު ހަނިވާ ގޮތަށް މަޖިލީހުގެ އާ ގަވައިދުގައި ހިމަނަން، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު، މަޖިލީހުގެ ރައީސަށް ލަފާ ދެއްވައިފި އެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އާ ކުރަން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ހުށަހަޅުއްވާފައި އޮތް ދެ ސުވާލަކަށް ޖަވާބު ދެއްވަން މިނިސްޓަރު މިއަދު މަޖިލީހަށް ވަޑައިގެންނެވި އެވެ. މައުރޫފު ކުރެއްވި ދެ ސުވާލަށް ޖަވާބު ދެއްވައި، ގުޅުން ހުރި އިތުރު ސުވާލުކުރަން ރިޔާސަތުން ދިން ފުރުސަތުގައި ފަލާހު ވިދާޅުވީ އޭނާގެ ސުވާލުގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އަށް ދެއްވާ ހިޔާލެއް ވެސް އެބަ އޮތް ކަމަށެވެ.

"ދެން އޮތީ ރައީސަށް އަަޅުގަނޑު ހިޔާލެއް ދަންނަވައިލުން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް، ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދާއިރާއާ ބެހޭ ގޮތުން ސުވާލެއް ފޮނުވައިގެން، ތިން ދުވަސް ތެރޭ [ލިއުމުން] ޖަވާބު ނުދީފިއްޔާ ނޫނީ މަޖިލީހަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ މި މަޖިލީހުގެ ގަވައިދު އިސްލާހުކުރާ އިރުގައި ރަނގަޅު ކަމެއް ކަންނޭނގެ އަޅުގަނޑަށް ހީވަނީ ބަލައިލަން،" ފަލާހު ވިދާޅުވި އެވެ.

ފަލާހުގެ އެ ވާހަކައަށް ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު މިނިސްޓަރަށް ފުރުސަތު ދެއްވީ ފަލާހުގެ ވާހަކަގައި ހިމެނޭ ސުވާލަށް ޖަވާބު ދެއްވުމަށެވެ.

މިނިސްޓަރާ ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރައްވަން އުޅުއްވައި ނިންމަވައިނުލެއްވުނު ސުވާލު ކަމަށް، ސުވާލު ފަށްޓަވަމުން ފަލާހު ވިދާޅުވި އެވެ.

ޝުޖާއުގެ ސުވާލު ފުރިހަމަ ނުކުރެއްވުނީ ސުވާލުގެ ބޭރުން އިދިކޮޅު އެމްޑީޕީ މެންބަރުންނަށް ރައްދު ދެއްވަން ދެއްކެވި ވާހަކަތަކާ އެކު، ސުވާލުކުރަން ރިޔާސަތުން ދީފައި އޮތް ވަގުތު ހަމަވުމުން، ފުރުސަތު ބަންދުކުރެއްވުމުންނެވެ.