Advertisement

ހަތިޔާރު ގެނައުމުގެ މަގު އޮތީ ހުޅުވިފައި ކަމަށް ބުނުމަށްފަހު ކަސްޓަމްސްއިން މިހާރު ބުނަނީ މަފްހޫމް އޮޅުވާލީ ކަމަށް

16 ޖުލައި 2024 - 20:30 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކަސްޓަމްސްގެ އޮފިޝަލުން މިއަދުގެ ބައްދަލުވުމުގައި: ރާއްޖެއަށް ހަތިޔާރު އެތެރެކުރުމުގެ މަގު ހުޅުވިފައިވާ ކަމަށް ކަސްޓަމްސްއިން މިއަދު ބުނި --- ފޮޓޯ: މަޖިލިސް އިދާރާ


ހަތިޔާރު ގެނައުމުގެ މަގު އޮތީ ހުޅުވިފައި ކަމަށް ބުނުމަށްފަހު ކަސްޓަމްސްއިން މިހާރު ބުނަނީ މަފްހޫމް އޮޅުވާލީ ކަމަށް

16 ޖުލައި 2024 - 20:30 1

ރާއްޖެއަށް ކަނޑުމަގުން ހަތިޔާރު އެތެރެކުރުމުގެ މަގު ހުޅުވިފައިވާ ކަމަށް މަޖިލީހުގެ 241 ކޮމިޓީގައި ބުނުމަށްފަހު، އެ ވާހަކަ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ މަހްފޫމު އޮޅޭ ގޮތަށް ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްގެ އިސް އޮފިޝަލުން 241 ކޮމިޓީއަށް މިއަދު ހާޒިރުކުރީ ގައުމީ ސަލާމަތުގެ ތެރެއިން ބޯޑަރު ކޮންޓްރޯލް ކުރުމާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށެވެ.

"މިއީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމެއް، އެއޮތީ އެމީހަކު ބޭނުންވާ ކަމެއް ނިޔަތް ގަތުން، މިސާލަކަށް ހަތިޔާރު ގެންނަން މީހަކު ނިޔަތް ނުގަންނަނީ، ހަމަ ނިޔަތް ގަނެފިއްޔާ އޭގެ މާނައަކީ ރާއްޖެއަށް ހަތިޔާރު ގެނެވޭނެ މަގު އެއޮތީ ހަމަ ހުޅުވިފަ އިނގޭތޯ" އެ ބައްދަލުވުމުގައި ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑަންޓު އަހްމަދު ސިމާހު ވިދާޅުވި އެވެ.

އެގޮތުން މިހާރު އެ ހިދުމަތުގެ ވަސީލަތްތައް ހުރިގޮތުން ރާއްޖެ އަންނަ އުޅަނދުތައް ފާސްކުރެވެނީ ބަނދަރު ކުރާ ހިސާބުން ކަމަށާއި އޭގެ ކުރިން އެ އުޅަނދުތަކުން ރާއްޖޭގެ އުޅަނދުތަކަށް ބޭނުންވާ އެއްޗެއް ބޭރުކުރުމުގެ ފުރުސަތު އޮތްކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ހަމައެކަނި މަސްތުވާތަކެތި އެތެރެކުރަން އޮތް މަގެއް ނޫންކަން ފާހަގަކުރެއްވި އެވެ.

މި ހަބަރު ނޫސްތަކުން ރިޕޯޓު ކުރުމާއެކު ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "ހަތިޔާރު ނުވަތަ ހަނގުރާމަވެރި ހަތިޔާރު އެއްވެސް ހުރަހެއްނެތި ރާއްޖެއަށް ގެނައުމަށް ހުޅުވާލެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނި ކަމަށް ދޭހަވާގޮތަށް ހަބަރުތަކުގައި ލިޔެފައިވަނީ މަހްފޫމް އޮޅޭ ގޮތަށް،" ކަމަށެވެ.

އަދި އެ ހަބަރުތައް ގެނެސްދީފައިވަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ކަމަށްވެސް ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމުގައި ސިފައިން 24 ގަޑިއިރު ހަރަކާތްތެރިވަމުންދާ ކަމަށާއި އެ މަސައްކަތުގައި ސިފައިންނާއެކު ކަސްޓަމްސް އިންވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި، މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރީ ގޮންޖެހުންތަކެއް ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް ކަސްޓަމްސްގެ އެންފޯސްމަންޓް އެންޑް ބޯޑާ ސެކިއުރިޓީއާ ހަވާލުވެ ހުންނެވި ހަމްދޫން މިއަދު ދެއްކެވި ވާހަކަ ނުދައްކާ ކަމަކަށް ކަސްޓަމްސްގެ ބަޔާނުގައިވެސް ބުނެފައެއް ނުވެ އެވެ.