Advertisement

ހުލާސާކޮށް އިއްޔެ: ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18.25ރ. އަށް އުފުލުން

16 ޖުލައި 2024 - 06:02 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18.25ރ. އަށް އުފުލުން

16 ޖުލައި 2024 - 06:02 0

ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު 18ރ. ފަހަނަޅައި ގޮސް 18.25ރ. އަށް އުފުލިއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ ޑޮލަރުގެ ގަންނަ އަގު މިއަދު ހުރީ 17.95ރ. އާއި 18.15ރ. އާ ދެމެދު ކަމަށެވެ. ޑޮލަރު ވިއްކަން ހުރީ 18.05ރ. އާއި 18.25ރ. ދެމެދުގެ ރޭޓެއްގަ އެވެ.

ރާއްޖޭގައި ޑޮލަރުގެ ވިޔަފާރި މުއާމަލާތް ކުރާ މީހުން އެއް ގްރޫޕަކުން ބައްދަލުވުމުގެ ގޮތުން ހަދާފައިވާ 10,000 މެންބަރުންނަށް ވުރެ ގިނައިން ތިބި "ކަރަންސީ އެކްސްޗޭންޖް އެމްވީ" ވައިބާ ގްރޫޕްގައި ވެސް ރޭޓުތައް ހުރީ އެވަރަށެވެ.

މިއަހަރު ފެށުނުއިރު، ވެސް ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި ހުރީ 18ރ. އަށެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ސީޒަން ތެރޭގައި އާދައިގެ މަތިން މި އަހަރު ވެސް ޑޮލަރުގެ އަގު ދަށަށް ދިޔަ އެވެ. ޑޮލަރުގެ އަގު އެންމެ ދަށަށް ދިޔައީ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ދުވަސްވަރެވެ. އޭރު ޑޮލަރެއްގެ އަގު 17.20ރ. އަށް ވެސް ހުއްޓެވެ.

ނަމަވެސް ސީޒަން ނިމި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު މަދުވާން ފެށުމާއެކު އަނެއްކާ ވެސް ޑޮލަރުގެ އަގު އުފުލެން ފެށީ އެވެ.

ޑޮލަރުގެ އަގު އުފުލުނީ ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ މަސް ދުވަސް ވެސް ނުވަނީސް ޑޮލަރުގެ އަގު 18ރ. އަށް އުފުލުނެވެ. އޭގެ އެއް މަސް ފަހުން 25 ލާރި ޑޮލަރެއްގެ އަގަށް މިވަނީ އިތުރުވެފަ އެވެ.

ފެބްރުއަރީ މަހު ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސްގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް "ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ޑޮލަރު ސިޓިއުޝަން ހަމައަކަށް އެޅިގެންދާނެ" ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކަޅު ބާޒާރުގައި ވިއްކާ ޑޮލަރުގެ އަގު ތިރިވެ، ހަމަ އަގަށް ޑޮލަރުގެ އަގު ތިރިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.

"ޑޮލަރުގެ އަގު އިންތިހާއަށް ނާރާނެ މައްޗަކަށް، ހިފެހެއްޓިފައި ހުންނާނީ، ކުރިއަށްވުރެ ދަށަށް ދާނީ، ފައިސާގެ އަގުދަނީ މައްޗަށް، އަޅުގަނޑުމެންގެ އިގުތިސާދުގައި އެދަނީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަންނަމުން، ރާއްޖެއަށް ލިބޭ އާމްދަނީ އެދަނީ އެތައް ގުނައަކުން އިތުރުވަމުން،" ރައީސް ވިދާޅުވެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު