15 ޖުލައި 2024 - 20:22 0
ސާއިފް ޝިޔާދު
15 ޖުލައި 2024 - 20:22 0
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ކޮންމެ ދައުރެއްގައި ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށާއި އެ ކޮމިޝަނަށް ފުރިހަމަ ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެ ކޮމިޝަނަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވައިފި އެވެ.
މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީން މެންބަރުންނާ ނާޒިމް އަމާޒު ކުރެއްވި ފުރަތަމަ ސުވާލަކީ މާޗު، 2022، ގައި އާ މެންބަރުން ހުވާ ކުރެއްވި ފަހުން އެކަށީގެންވާ މަސައްކަތްތަކެއް ކޮމިޝަނުގެ ފަރާތުން ކުރެވިފައިވާ ކަމަށް މެންބަރުން ގަބޫލުކުރައްވާނަމަ އެކަން ހިއްސާ ކުރެއްވުމަށެވެ.
ޖަވާބުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މިދިޔަ މުއްދަތުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ ދާއިރާއިން ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެއަށްފަހު ނާޒިމް ސުވާލު ކުރެއްވީ މިއަދުގެ ކޮމިޓީގެ މައިގަނޑު މަޝްވަރާ ދާއިރާއަކަށްވި މިދިޔަ ދައުރުގައި ފެނަކައިގެ މެނޭޖުމަންޓަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ ގޮތުންނެވެ.
ފެނަކައިގެ ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުވަނީ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ކަމަށް ނަން ވިދާޅުވެ ނުވެ ނާޒިމް ފާހަގަކުރެއްވި އެވެ. އަދި, އެފަދަ ތުހުމަތެއް ކުރެވޭ ކުންފުންޔެއްގެ އިސްވެރިޔަކު ބަހައްޓައިގެން ހެކި ހޯދަން ދަތިވާނެތީ އެ މީހަކު ވަކިކުރަން ނުވަތަ ސަސްޕެންޑު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުގެ ބާރު އޮތްތޯ ނާޒިމް އެއްސެވި އެވެ.
އެ ބާރު އޮންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝާމިލް ވިދާޅުވުމުން ނާޒިމް ވަނީ އެ ބާރުގެ ބޭނުން ނުކުރައްވަނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.
"ކޮންމެ ދުވަހަކު ތި ބޭފުޅުންގެ އަތް މައްޗަށް ތަކުރާރުކޮށް ކޮންމެ ދުވަހަކު މައްސަލަ އައިސް ވެރިކަން ނިމިގެން ހަތަރު ބިލިއަން ރުފިޔާ ގެއްލުނު ފަހުން އަޅުގަނޑު މިއަދު މި ސުވާލު މިކުރަނީ. ތި ވިދާޅުވީ އެ ބާރު އެބައޮތޭ. ކީއްވެތޯ އެ ބޭފުޅާ [ސައީދު] އެއްކައިރި ނުކުރެވުނީ," ނާޒިމް އޭސީސީގައި އެއްސެވި އެވެ.
އޭރު އޮތް ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ކަމަށް ޝާމިލް ވިދާޅުވުމުން ނާޒިމް ވަނީ ކޮމިޝަނުގެ މެންބަރުން ބަދަލުކުރީ އެކަމާ ގުޅިގެންތޯ ސުވާލު ކުރައްވާފަ އެވެ.
މިހާރު ތިއްބެވި މެންބަރުން ހަވާލުވުމަށް ފަހު ވެސް ފިޔަވަޅު އަޅަން އެންގި ކަމަށާއި ނަމަވެސް ފެނަކައިގެ އެމްޑީ ވަކިކުރުން އޭގެ ތެރޭގައި ހިމެނޭތޯ ޖެހެނީ ބަލައިލަން ކަމަށް ޝާމިލް ވިދާޅުވި އެވެ.
ނާޒިމްގެ ސުވާލުތައް ކުރިއަށްގެންދަވަމުން ވަނީ ގާނޫނީ ގޮތުން އޭސީސީން ބަލާ މައްސަލަތައް އެހެން މުއައްސަސާއަކަށް ނުބެެލޭތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭސީސީގައި މައްސަލަތައް ދިގުލައިގެން ދިޔުމުގެ ސަބަބުން ކޮރަޕްޝަން މަދުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
"ތި ބޭފުޅުން ހަމަ ކޮންމެ ދައުރެއްގައި ވެސް ދައްކަވަނީ އެއް ވާހަކައެއް, ވާކަމެއް ހަމަ ހަރާން އެއްގޮތަކަށް ވެސް ނެތް. އަޅުގަނޑުމެންވީ އަނެއްކާ ވެސް ތި ބޭފުޅުން ބަދަލުކުރަން. އަނެއްކާ ވެސް އަނެއް ފަސް މީހުން އައިސްފައި ވެސް މިހެން," އެކަމަށް ހައްލެއް ދެއްވުމަށް އެދިވަޑައިގެން ނާޒިމް ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޝާމިލް އެދެވޭ ޖަވާބެއް ދެއްވާފައި ނުވެ އެވެ.
"އަޅުގަނޑުމެންނަށް ޓައި އަޅައިގެން ތިބޭ މީހުން މި ކުރާ ކުށްތައް ނުހުއްޓުވިގެން މި އުޅެނީ. ގޭންގުތަކާއި އެހެނިހެން ކަންކަން ފުލުހުންނަށް ތަހުގީގު ކުރެވޭ. އެހެން ނަމަވެސް ޓައި އަޅައިގެން އޮފީސްތަކުގައި މިތިބޭ މީހުން ކުރާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ނުހުއްޓުވިގެން ލަސްވެގެން މިދަނީ, ފިޔަވަޅު ނޭޅިގެން މި ދަނީ ތި ބޭފުޅުންގެ ސަބަބުން ކަމަށް މިވަނީ," ސުވާލު ކުރެއްވި ސަބަބު ހާމަކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.
ރާއްޖޭގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުން އުފައްދާފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަންތަކުގެ ތެރެއިން އެންމެ ޕާފޯމަންސް ދަށް ކޮމިޝަނަކީ އޭސީސީ އެވެ. މިހާތަނަށް ބޮޑު މައްސަލައެއްގެ ތަހުގީގު ފުރިހަމަކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން އެ ކޮމިޝަނުން ހޯދިފައިވަނީ މަދު ކުރިއެރުމެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment