15 ޖުލައި 2024 - 17:36 0
15 ޖުލައި 2024 - 17:36 0
މިއާމީ (ޖުލައި 15) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، އާޖެންޓީނާ ޓީމުން އެންހެލް ޑި މާރިއާ ރިޓަޔާކުރިއިރު، އެ މެޗުގައި ވެސް ލިއޮނަލް މެސީ އަށް ހާއްސަވާ ކަންތައްތަކެއް ފާހަގަކޮށްފި އެވެ.
ޑި މާރިއާ، 36، ގައުމީ ޓީމުގެ ކެރިއަރު ނިންމާލި މެޗަކީ ރޭ ކޮލަމްބިއާ އަތުން 1-0 އިން އާޖެންޓީނާ އިން މި ފަހަރުގެ ކޮޕަ އެމެރިކާ ފައިނަލުގައި މޮޅުވި މެޗެވެ. އެ މެޗުގައި ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން މެސީ ވަނީ ބަދަލުކޮށްފަ އެވެ.
"ހަގީގަތަކީ އަހަރެން އުފަލެއް ނުވޭ މެސީ ފައިބަން ޖެހުނު ގޮތުން، އެކަމަކު، އޭނަ އަށް ޓަކައި އަހަރެމެން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން މި ކާމިޔާބު ލިބުނީމަ ވަރަށް އުފާވޭ. މެސީ އަށް ހައްގުވާ ކާމިޔާބެއް ހޯދައިދެވުނީތީވެސް އުފާކުރަން،" ޑި މާރިއާ ބުންޏެވެ.
ޑި މާރިއާގެ ގައުމީ ކެރިއަރު ނިންމާލައިފައި މި ވަނީ ރަނގަޅު ޓްރެކުގަ އެވެ. މީގެ ކުރިން އާޖެންޓީނާއާ އެކު، ތިން ފައިނަލުގައި ބަލިވި ޑި މާރިއާ މި ވަނީ އެންމެ ފަހުން ކުޅުނު ހަތަރު ފައިނަލުން ވެސް މޮޅުވެފަ އެވެ. އެއީ، ކޮޕަ އެމެރިކާގެ ދެ މުބާރާތާއި ފީފާ ވޯލްޑް ކަޕް އަދި ފައިނަލިސިމާ މެޗެވެ. ޑި މާރިއާ ވަނީ، ރޭގެ ފައިނަލް ފިޔަވައި ދެން ކުުޅުނު ތިން ފައިނަލުގައި ވެސް ލަނޑު ޖަހައިފަ އެވެ.
"މިއީ އަހަރެންގެ ގައުމީ ކެރިއަރު ނިންމާލަން ބޭނުންވި ގޮތް، މި ތަށްޓާ އެކު، ބޮޑު އުފަލަކާ އެކު، ވަރަށް ރަނގަޅު ޖީލަކާ އެކު ކުޅެލުމަށް ފަހު އަހަރެންގެ ކެރިއަރު ނިމުމަކަށް މި އައީ، މިއީ ބޮޑު އުފަލެއް،" ޑި މާރިއާ ބުންޏެވެ.
ޑި މާރިއާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ކުޅެދިން، 145 މެޗުން 31 ލަނޑު ޖަހައިފަ އެވެ.
މީގެ ކުރިން ޑި މާރިއާ ވަނީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމާ އެކު، ފީފާގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ބެއިޖިންގައި 2008 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން އާޖެންޓީނާ އިން ރަން މެޑަލް ހޯދީ ފައިނަލުގައި ޑި މާރިއާ ޖެހި ގޯލަކުން، ނައިޖީރިއާ 1-0 އިން ބަލިކޮށްގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment