15 ޖުލައި 2024 - 11:12 3
އަހުމަދު އާއިދު
އީސީގެ ކުރީގެ ނައިބު ރައީސް ހަބީބު: ރައީސް މުއިއްޒު ވަނީ އޭނާ އެޗްއާރުސީއެމަށް ހުށަހަޅަން ފޮނުއްވާފަ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
15 ޖުލައި 2024 - 11:12 3
ރާއްޖޭގެ ހިއުމަން ރައިސްޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.
އެޗްއާރްސީއެމްގެ މެންބަރަކަށް ހަބީބު އައްޔަންކުރަން ރުހުން އޮތްތޯ ބައްލަވައިދެއްވުން އެދި ރައީސް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ އިއްވެވި އެވެ. އެ ކޮމިޝަނަށް އައްޔަންކުރާ މެންބަރުންނަށް މަޖިލީހުން ރުހުން ދޭން ޖެހެ އެވެ.
އެޗްއާރުސީއެމްގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ތިން ފަހަރެއްގެ މަތިން ހުޅުވާލި އެވެ. ފުރަތަމަ ތިން ފަހަރު އެކަށީގެންވާ ވަރަށް މީހުން ކުރިމަތިނުލަ އެވެ.
މަޖިލީހަށް ރައީސް ފޮނުވި ސިޓީގައި ވިދާޅުވީ ހަބީބަކީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން އެ މަގާމަށް އެންމެ ފެންނަ ނަން ކަމަށެވެ. މި ހުށަހެޅުން މިހާރު ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް ޖެންޑާ ކޮމިޓީއަށް ފޮނުވާފަ އެވެ.
ހަބީބު ވޭތުވެދިޔަ 10 އަހަރު ހުންނެވީ އީސީގެ މެންބަރެއްގެ ގޮތުގަ އެވެ. އެންމެ ފަހުން ހުންނެވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް އޭނާ ހުންނެވީ އެ މަގާމުގަ އެވެ.
އީސީގެ ގާނޫނު ބުނާގޮތުން ކޮމިޝަނުގެ މެންބަރަކަށް ގިނަ ވެގެން ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ. އީސީއަށް ހަބީބު ފުރަތަމަ އައްޔަންކުރީ މާޗު 13، 2014 ގަ އެވެ. ދެވަނަ ދައުރަކަށް އައްޔަންކުރީ މާޗު 13، 2019 ގަ އެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބެވީ ހަތަރު މެންބަރުންނެވެ.
އެއީ:
ރައީސް މަރިޔަމް މުނާ
މެންބަރު މުއުމިނާ ވަހީދު
މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު
މެންބަރު ސަމާއު އަހުމަދު ނަޖީބު
މެންބަރު މުއުމިނާ އާއި ޝިފާއަތު އެ ކޮމިޝަނަށް އައްޔަން ކުރީ 2020, ސެޕްޓެމްބަރު އަށެއްގަ އެވެ. އަދި ރައީސް މުނާ އައްޔަންކުރީ އެ އަހަރު ނޮވެމްބަރު 30, ގަ އެވެ. މެންބަރު ސަމާއު އެ ކޮމިޝަނަށް އައްޔަން ކުރީ 2021, އޮކްޓޯބަރު ތިނެއްގަ އެވެ.
Comment