14 ޖުލައި 2024 - 19:41 0
އަހުމަދު އާއިދު
ރައީސް މުއިއްޒު އިންޑިއާގެ ސަފީރާ ބައްދަލުކުރައްވަނީ: މި ބައްދަލުވުމުގައި ރައީސް އަދި ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކުރައްވާފަ --- ފޮޓޯ: ރައީސް އޮފީސް
14 ޖުލައި 2024 - 19:41 0
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެދުނު ބޭއްވި އެ ބައްދަލުވުމުގައި ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އިންޑިއާގެ ސަފީރާއެކު އިންޑިއާ ހައިކޮމިޝަނުގެ އިސް އެހެން އޮފިޝަލުންވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ބަދަލުކުރުން ވެސް އެބައްދަލުވުމުގައި ކުރިއަށް ގެންދެވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހު ތިންވަނަ ދައުރަކަށް ހުވާ ކުރެއްވި ރަސްމިއްޔާތަށް އިންޑިއާއިން ދިން ދައުވަތަށް ރައީސް ވަނީ މި ބައްދުވުމުގައިވެސް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
ދެ ގައުމުން ގުޅިގެން ފައިދާހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާ ދިވެހިންނާއި ދިވެހި ސަރުކާރުން އެދޭ ކަންކަމުގައި އިންޑިއާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން މިއަދުވެސް ސަފީރު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަމަށް ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ޝުކުރު ދަންނަވާފަ އެވެ.
އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިންޑިއާކަނޑުގެ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމުގައި އެއް ވިސްނުމެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރައީސް މުއިއްޒު ފާހަގަކުރެއްވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވި އެވެ. ރައީސް ވެރިކަމަށް ވަޑައިގެންނެވީ ވެސް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ގައުމުން ބާލާނެ ކަމުގެ ވައުދާއެކު އެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުރިން ގެންގުޅުއްވި ހަރުކަށި ބަސްމަގު ދޫކޮށް، ސަރުކާރުން މިހާރު އަންނަނީ އިންޑިއާއާ ގޯސްވެފައިވާ ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރަމުންނެވެ.
އެގޮތުން ސިފައިންގެ ބަދަލުގައި މަދަނީން ދުއްވާ ގޮތަށް ހެލިކޮޕްޓަރާއި ޑޯނިއާ ބާއްވަން އެއްބަސްވެ، އިންޑިއާއިން ދަރަންޏަށް ނަގާފައިވާ ފައިސާ އަނބުރާ ދައްކަން ލުއި ގޮތްތަކެއް ހޯދޭތޯ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ސަރުކާރުން ބުނަނީ އިންޑިއާއަކީ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަށާއި މަސައްކަތް ކުރަން ބޭނުންވަނީ ގުޅިގެން ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment