Advertisement

ތިނަދޫ ކައުންސިލަށް ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު 2.5 މިލިއަނުގައި

14 ޖުލައި 2024 - 12:10 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ގދ. ތިނަދޫ ކައުންސިލުގެ އިދާރާ. ތިނަދޫ ކައުންސިލަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މިދިޔަ 2023 ގައި --- ފޮޓޯ; އަދަދު ފައިލް


ތިނަދޫ ކައުންސިލަށް ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު 2.5 މިލިއަނުގައި

14 ޖުލައި 2024 - 12:10 0

ގދ. ތިނަދޫ ސިޓީ ކައުންސިލުން އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ 12 ބިމަކުން އެ ކައުންސިލަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ކުލީގެ ގޮތުގައި ނުދައްކައި ހުރި ފައިސާގެ އަދަދު ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓް އޮފީހުން ނެރުނު އެ ކައުންސިލުގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

މިއަދު ޝާއިއުކުރި އެ ރިޕޯޓުގައިވާ ގޮތުން މާލީ ބަޔާންތައް ތައްޔާރުކުރި އިރު ނުލިބި ހުރި ފައިސާގެ ގޮތުގައި ކަނޑައަޅާފައިވާ 3,271,879ރ. ގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވެ އެވެ. އެއީ އެކަމުގެ ތަފްސީލުތައް އޮޑިޓަށް ލިބިފައި ނުވާތީ އާއި ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އެ ބިންތަކުން ކުލި ލިބެމުންދިޔަ ގޮތުގެ ތަފްސީލުތައް އަދާހަމަކޮށްފައި ނުވާތީ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ މައުލޫމާތުތައް ނުލިބުމުން ސާމްޕަލެއްގެ ގޮތުގައި އޮޑިޓް އޮފީހުން 12 ބިމެއްގެ ތަފްސީލުތައް ހޯދާފައިވެ އެވެ. އެ މައުލޫމާތަށް ބެލިބެލުމުން ޑިސެމްބަރު 31, 2022 ގެ ނިޔަލަށް އެ ބިންތަކުން ތިނަދޫ ސިޓީ ކައުންސިލަށް 2,499,640ރ. ނުލިބޭކަން ވަނީ ހާމަވެފަ އެވެ.

އެ ފައިސާ ހޯދުމަށް ސިޓީ ފޮނުވުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ވެސް ތިނަދޫ ކައުންސިލުން ކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ލިޔެފައިވެ އެވެ. އެ ހިސާބުތައް އަދާހަމަކޮށް އިތުރު ގޮތްތައް މެދުވެރިކޮށް ފައިސާ ހޯދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އޮޑިޓް އޮފީހުން ވަނީ އަންގާފަ އެވެ.

އޭގެ އިތުރުން, ލޭންްޑް ޔޫޒް ޕްލޭން ފައިނަލް ނުކޮށް ދެ ބިމެއް ދިގު މުއްދަތަކަށް 2022 ގައި ވަނީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާކަން މި އޮޑިޓުން ވަނީ ހާމަވެފަ އެވެ. އެއީ 35 އަހަރުގެ މުއްދަތަށް ދޫކުރި 230,000 އަކަފޫޓުގެ ބިމަކާއި 10 އަހަރަށް ދޫކުރި 5,000 އަކަފޫޓުގެ ބިމެކެވެ.

މަސް ބަންދު ކުރާ ކާރުހަނާއެއް ގާއިމުކުރަން 230,000 އަކަފޫޓު ދޫކުރި އެއްބަސްވުމުގައި ހަ މަސް ދުވަހުގެ ތެރޭގައި އީއައިއޭ އަދި ކުރެހުންތައް ނިންމަން ބަޔާންކުރި ނަމަވެސް އެއް އަހަރުވީ އިރު ވެސް އެކަން ފުރިހަމަ ވެފައިވާކަން ލިޔެކިޔުމުން ފެންނަން ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.