Advertisement

ޕްރޮޖެކްޓްތައް ދިގުލުމާއި މުދާ ނުބެލެހެއްޓުމުގެ މައްސަލަ އެމްއޭސީއެލްގައި ބޮޑު: އޮޑިޓް ރިޕޯޓް

14 ޖުލައި 2024 - 12:17 0

އަހުމަދު ސައީދު

އަހުމަދު ސައީދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު-- އަދަދު ފައިލް ފޮޓޯ


ޕްރޮޖެކްޓްތައް ދިގުލުމާއި މުދާ ނުބެލެހެއްޓުމުގެ މައްސަލަ އެމްއޭސީއެލްގައި ބޮޑު: އޮޑިޓް ރިޕޯޓް

14 ޖުލައި 2024 - 12:17 0

ޕްރޮޖެކްޓްތައް މުއްދަތަށް ނުނިންމުމާއި މުދަލާއި ފައިސާގެ ކަންކަން ބެލެހެއްޓުމުގައި ގޯސްތައް ހުރިކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު އާންމުކުރި އޮޑިޓް ރިޕޯޓުގައި އެމްއޭސީއެލް އިން ލޭންދޭނަށް ދޫކުރާ މުދަލަށް އަނބުރާ ފައިސާ ނުލިބުމުގެ މައްސަލަ އާއި ޕްރޮޖެކްޓްތައް ނުނިމި ދިގުލައިގެން ދިއުމާއި އެއާ ނެވިގޭޝަން ފީ މަދުން ނެގުމާއި މުދާ ނުބެހެއްޓުމުގެ މައްސަލަތައް ފާހަގަ ކޮށްފައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމްއޭސީއެލް އިން ކުރިއަށްގެންދާ ޕްރޮޖެކްޓުތައް ކަނޑައަޅާފައިވާ ތާރީހަށް ނުނިމި ވަރަށް ބޮޑުތަން ދިގުލައިގެ ދާކަން އޮޑިޓުން ވަނީ ފާހަގަވެފަ އެވެ. މިގޮތުން، މިދިޔަ އަހަރުގެ މޭ މަހު ހަލާތު ބެލި ބައެއް ޕްރޮޖެކްޓް ތަކަކީ އޭގެ އެތައް ދުވަހެއް ކުރިން ނިމެންޖެހޭ ޕްރޮޖެކްޓް ތަކަކަށްވި ނަމަވެސް އޭރުވެސް ނިމިފައި ނުވާކަން ފާހަގަ ކޮށްފައިވެ އެވެ. މިގޮތުން 2017 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު ފަށައި 2018 އަދި 2020 ވަނަ އަހަރުގެ ތެރޭގައި ނިންމަން ޖެހޭ ހަ ޕްރޮޖެކްޓެއް 2023 ގެ މޭ މަހާއި ހަމައަށް އައިރުވެސް ނިމިފައި ނުވާކަން ފާހަގަ ކޮށްފައިވެ އެވެ.

އެމްއޭސީއެލްގެ އޮޑިޓް ރިޕޯޓުގައި ވާ ގޮތުން އެއާ ނެވިގޭޝަން ފީ ނެގުމުގައި އެ ކުންފުނިން އިހުމާލުވެ، އަމަލުކުރަމުން ދަނީ ކަނޑައަޅާފައިވާ ގޮތާއި ހިލާފަށެވެ. އެއާލައިން ތަކުން އަގު ނެގުމުގައި ނަގަން އޮންނަ އަގަށްވުރެ ކުޑަކޮށް އަގު ނަގާފައިވާކަން ވަނީ ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2021 ވަނަ އަހަރަށް ބަލާއިރު، އެއާ ނެވިގޭޝަން ޗާޖުގެ ގޮތުގައި ލިބުނު 1.2 މިލިއަން ޑޮލަރުގެ ދެގުނަ، އެ ހިދުމަތަށް އަގުނަގަން އޮންނަ ގޮތަށް އަގު ނެނގިނަމަ ލިބުނީހެވެ.

އެމްއޭސީއެލްގެ ގިނަ ދުވަސްވީ ދަރަންޏަށް ބަލާއިރު، އެކި ފަރާތްތަކުން އެ ކުންފުންޏަށް ނުލިބި 776 މިލިއަން ރުފިޔާ އެބަ އޮތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އޭގެ ތެރެއިން 52 ޕަސެންޓަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުލިބިވާ ފައިސާ އެެވެ. އެއް ކުންފުންޏަކުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި 351 މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން އެމްއޭސީއެލް އަށް ނުލިބި އެބައޮތެވެ.

ކުންފުނީގެ ރިސްކު މެނޭޖުކުރުމަކީ ބޯޑުގެ ޒިންމާ އަކަށްވާއިރު، ރިސްކް މެނޭޖުމަންޓް ޑިޕާޓްމަންޓުގައި ހުރީ އެންމެ މުވައްޒަފެއް ކަމާއި، އެ ޔުނިޓުން ކުރާ ކަމަކީ ހަމައެކަނި އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލުން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ކުންފުނީގެ ހަރުމުދާ ހަމައަށް ހުރިކަން ޔަގީން ނުކުރާތާ އަހަރުތަކެއް ވެފައިވާއިރު، ރަޖިސްޓްރީގައި ހިމެނޭ ބައެއް މުދާ ވީރާނަވެ ގޮސްފައި ވެދާނެ ކަމާއި އިންވެންޓްރީ ބެލެހެއްޓުން ދޯދިޔާކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.

އެމްއޭސީއެލް އަށް ޑިޔުޓީފްރީ ވިޔަފާރިން 384 މިލިއަން ރުފިޔާ 2021 ވަނަ އަހަރު ލިބިފައިވެ އެވެ. އޮޑިޓް ރިޕޯޓުގައި ވާ ގޮތުގައި ޑިއުޓީޕްރީ ގެ ވިޔަފާރީގެ ހިސާބު މެނުއަލް ކޮށް ސިސްޓަމަށް އެޅުމަކީ އާމްދަނީ ގެއްލުމުގެ ރިސްކް އޮތް ކަމެކެވެ.