Advertisement

ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވާން އަންގައިފި

13 ޖުލައި 2024 - 11:32 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓްރިވަންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓް: ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވާން އަންގައިފި - ފޮޓޯ: ފޭސްބުކް


ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވާން އަންގައިފި

13 ޖުލައި 2024 - 11:32 1

ބޭސް ފަރުވާގެ ބޭނުމަށް ދިވެހިން އާންމުކޮށް ދަތުރު ކުރާ އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރޭތީ އެ ސްޓޭޓަށް ދަތުރުކުރުމުގައި ސަމާލުވާން އެދިއްޖެ އެވެ.

ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓް ޖެނެރަލް އިން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ވަނީ ނުރައްކާތެރި "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ބަލި ފެތުރޭތީ ސަމާލުވުމަށް ކެރެލާގެ ސިއްހަތު ވުޒާރާއިން ވެސް އަންގާފައިވާ ކަމަށެވެ.

ނޭފަތް އަދި ކަންފަތުން ޖަރާސީމު ވަދެ ޖެހޭ މި ބަލިން ރައްކާތެރިވުމަށް ކޯރުތަކަށް ނޭރުމަށާއި ސްވިމިން ޕޫލަށް އެރޭނަމަ ކަންފަތާއި ނޭފަތް ބެއްދުމަށް ސިއްހީ މާހިރުން އިލްތިމާސްކުރާކަމަށްވެސް ކޮންސުލޭޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ބޮލުގަ ރިއްސުން އަދި ހޮޑުލުމުގެ އިތުރުން ކަނދުރާއަށް ނާރު އެރުމާއި ވާނުވާ ނޭގުން އަދި ފިޓު ޖެހުމެވެ. ސަމާލުވާން އެދި ނެރުނު ބަޔާނުގައި ކޮންސުލޭޓުން ވަނީ މީގެން އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުވެ ޑޮކްޓަރަށް ދައްކަން ވެސް އިލްތިމާސްކޮށްފަ އެވެ.

ކެރެލާގައި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި މި ބަލީގެ ހަތަރު ކޭހެއް ވަނީ ފެނިފަ އެވެ. މަދުން ފެނުނު ނަމަވެސް މި ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. އެގޮތުން ކެރެލާއިން ފެނުނު ހަތަރު ކޭހުގެ ތެރޭގައި ހިމެނުނު ތިން ކުޑަކުއްޖަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.