11 ޖުލައި 2024 - 00:18 0
އައިއެޗްއެފް ޓްރޮފީގެ މެޗެއްގެ ތެެރެއިން. --- ފޮޓޯ: ގާފު ސްޕޯޓްސް
11 ޖުލައި 2024 - 00:18 0
އިންޑިއާގައި މިހާރު ކުރިއަށްދާ އައިއެޗްއެފް ޓްރޮފީ 2024 ގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ހޭންޑްބޯލް ޓީމާއި, 20 އަހަރުން ދަށުގެ ހޭންޑްބޯލް ޓީމުން މެޗުން މޮޅުވެ, އިތުބާރާ އެކު, މުބާރާތް ފަށައިފި އެވެ.
ނޭޕާލުގެ މައްޗަށް ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމުން ކުރިހޯދީ 31-36 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފު ރާއްޖެއިން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކުގަ އެވެ. އެއީ 17-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ޝަހީމް ލަހުފާން އެވެ.
މި މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުވެސް ވާދަކުރީ, ނޭޕާލާ ދެކޮޅަށެވެ. މި މެޗު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 30-28 އިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު, އެއް ގޯލުގެ ލީޑަކާއެކު ކުރީގަިއ އޮތީ ނޭޕާލެވެ. އެއީ 13-14 އެވެ. ފަހު ހާފުގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު, ރާއްޖެއިން ލީޑު ނަގާ އެ ލީޑު މެޗު ނިމެންދެން ވަނީ ހިފަހައްޓައިފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ކީޕަރު ހުސެއިން ޔަނާލް އަކުރަމް އެވެ.
މި މުބާރާތުގެ 18 އަހަރުން ދަށުގެ މެޗުތަކާއި 20 އަހަރުން ދަށުގެ މެޗުތައް ވެސް ކުޅޭނީ ލީގު އުސޫލުންނެވެ.
މީގެ އިތުރުން މިއަދު ސްރީ ލަންކާގައި ފެށި ސާބާ 18 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ވަނީ ބަންގްލަދޭޝްގެ މައްޗަށް 66-55 ޕޮއިންޓުން ކުރިހޯދައިފަ އެވެ.
މިއީ، ރާއްޖޭގެ 18 އަހަރުން ދަށުގެ ޖޫނިއާ ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅެވެ. މި ޓީމުގެ ކޯޗަކަށް ހުރީ ރާއްޖޭގެ ސީނިއާ ޓީމުގެ ވެސް ކޯޗިންގައި މަސައްކަތްކުރަމުން އަންނަ، މުހައްމަދު ޒިލާލް (ޒިލާ) އެވެ.
Comment