Advertisement

241 ކޮމިޓީއަށް ހުށަހެޅި އިންޑިއާގެ އެއްބަސްވުންތަކުގެ މައްސަލަ ހުއްޓިފައި!

10 ޖުލައި 2024 - 08:48 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއްގައި، އެ ކޮމިޓީގެ މެންބަރުން. -- ފޮޓޯ: މަޖިލީހުގެ އިދާރާ


241 ކޮމިޓީއަށް ހުށަހެޅި އިންޑިއާގެ އެއްބަސްވުންތަކުގެ މައްސަލަ ހުއްޓިފައި!

10 ޖުލައި 2024 - 08:48 0

ކުރީ ސަރުކާރުން އިންޑިއާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހުށަހެޅުއްވި މައްސަލަ ކުރިއަށް ނުގެންގޮސް، ބާއްވާފައި އޮންނަތާ މަސް ދުވަސް ވެއްޖެ އެވެ.

އިންޑިއާއާއެކު ހަދާފައިވާ ތިން އެއްބަސްވުމެއްގެ މައްސަލަ 241 ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލައި އިންކުއަރީއެއް ހިންގަން އަޒާން ހުށަހެޅުއްވީ މިދިޔަ ޖޫން މަހު 10 ގައެވެ. އެ ދުވަހު ފާސްކުރީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުގެ ކަންކަމާއި، އުތުރު ތިލަފަޅު އެއްބަސްވުމުގެ ޕްރޮސެސް ހިނގާފައިވާ ގޮތް ބެލުމަށް އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގެ ކަންކަން ބެލުމަށެވެ.

އެ މައްސަލަތައް ބެލުމަށް އެކުލަވައިލީ ހަތަރު މެންބަރުންގެ ކޮމިޓީއެކެވެ. އެ ކޮމިޓީގައި ތިއްބެވީ؛

  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު
  • ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ
  • ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު

ސަބް ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ކުރިއަށް ގެންދިޔަކަން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން އެނގެން ނެތެވެ.

ބައެއް މެންބަރުން "އަދަދު" ނޫހަށް ވިދާޅުވީ މައްސަލަ ކުރިއަށް ނުގެންދާނެ ކަމަށާއި އެކަން ޕާކުކޮށްފައި އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ.

"އެ މައްސަލަ ހުށަހެޅުމުން އިންޑިއާއާ ގުޅުން ބަދަހިވުމަށް ދަތިވެދާނެތީވެ، ސީދާ ރައީސްގެ އެންގެވުމަށް އެ މައްސަލަ ހުއްޓިފައި އެއޮތީ. އެ މައްސަލަ މަޝްވަރާ ނުކޮށް ހުށަހެޅުމުން ވެސް ރައީސް ކޯފާވިކަން އެނގިފައި އޮތީ،"މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

އެ މައްސަލަ ހުށަހެޅުއްވުމުގެ ކުރިން ބޭއްވި، 241 ކޮމިޓީގެ ދެ ވަނަ ބައްދަލުވުމުގައި އަޒާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރުމަށްޓަކައި އަދި މިނިވަންކަމަށް އުނިކަން އަންނަ ގިނަ ކަންތައްތަކެއް ހިނގާފައި ހުރިކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެން މި ކޮމިޓީގެ އެންމެ ބޮޑު އެއް ޒިންމާއަކަށްވާން ޖެހޭނީ އަޅުގަނޑުމެން އޭރު ދެއްކި ވާހަކަތައް، ސަރުކާރު ހޯދަން އަޅުގަނޑުމެން ދެއްކި ވާހަކަތައް އަޅުގަނޑުމެން އެބަޖެހޭ ބަލައި ތަހުގީގުކުރަން،" އަޒާން ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާފަދަ ކަންތައްތަކެއް ހިނގާފައި ހުރިކަން އެއީ އެނގޭ ކަމެއް. އެހެންވީމ،ާ މި ކޮމިޓީނ،ް ގާނޫނުއަސާސީން މި ކޮމިޓީއަށް ދީފައި މި އޮތް ބާރު ބޭނުން ކޮށްގެން އަޅުގަނޑުމެން އެބަޖެހޭ މި ކަންތައްތައް ތަހުގީގުކުރަން."

އަޒާން ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދިޔުން ހުއްޓުވާފައި ވާއިރު، އިންތިހާބުގައި ރައީސް މުއިއްޒު އާއި ޕީޕީއެން/ޕީއެންސީން އިންޑިއާއާ ގުޅޭ ގޮތުން ދެއްކި އެއްވެސް ވާހަކައެއް އަދި ތަންފީޒެއް ނުކުރެ އެވެ.

އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓެއް ފޮނުވައެއް ނުލަ އެވެ. ހަމައެކަނި ކުރި ކަމަކީ އެ އުޅަނދުތައް ދުއްވަން އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި، އިންޑިއާގެ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ އެއްބަސްވުމުގައި ތިބި އިންޑިއާ މީހުން ގެނައުމެވެ.

އެއަށް ފަހު ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ ވައުދުވީ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާފައިވާ ކަމަށެވެ.

އިންޑިއާއަށް ބަދު ބަސްތައް ރައްދުކުރުމަށް ފަހު، އިންޑިއާއާ ގުޅުން ބަދަހިކޮށް އެހީ ހޯދަން ރައީސް މުއިއްޒު މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ، ޕީއެންސީ އަށެވެ.