8 ޖުލައި 2024 - 13:05 0
ލީވާން އަލީ ނާސިރު
ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ފުރަތަމަ ޖަލްސާ ބޭއްވުން --
8 ޖުލައި 2024 - 13:05 0
މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން (އެމްއެލްސީއޭ) ގެ ފުރަތަމަ ޖަލްސާ ބާއްވައި، ޗެއާޕާސަންއަކަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) އިންތިހާބުކޮށްފި އެވެ.
އެމްއެލްސީއޭއަކީ ދިވެހިރާއްޖޭގެ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް އެ މުއައްސަސާތަކުގެ މެދުގައި އެކި ކަންކަމުގައި ގުޅުން ބަދަހިކުރުމާއި، އެކުގައި ކަންކަން ހާސިލުކުރުމަށް މަޝްވަރާކުރުމުގެ މާހައުލެއް އުފެއްދުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާއެކެވެ.
އެޕްރިލް 29، ގައި ރަޖިސްޓްރީކުރި މި ޖަމިއްޔާގެ މެންބަރަކަށް ވެވޭނީ ދިވެހިރާއްޖޭގެ ސިޓީ، އަތޮޅު، އަދި ރަށު ކައުންސިލްތަކަށެވެ.
ބ. ކަމަދޫގައި ބޭއްވި އެ ޖަމިއްޔާގެ ފުރަތަމަ އާންމު ޖަލްސާގައި ވަނީ، ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފަ އެވެ.
އެމްއެލްސީއޭގެ ހިންގާ ކޮމިޓީގައި ހިމެނެނީ ޗެއާޕާސަން، ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ދެ މެންބަރުން، އަދި އަތޮޅު ކައުންސިލްތައް ތަމްސީލުކުރާ ތިން މެންބަރުންނާއި ރަށު ކައުންސިލްތައް ތަމްސީލުކުރާ ތިން މެންބަރުންނެވެ.
ޖަމިއްޔާގެ ޗެއާ ބަޝީރު ވިދާޅުވީ މިހަރަކާތް ގެތިގެން މިދަނީ މުސްތަގިއްލުކަމާއެކު ސީދާ މަހަލީ ކައުންސިލްތަކުން ހިންގެން އޮތް ހަރަކާތެއްގޮތުގައި ކަމަށާއި، އެހެންކަމުން ރާއްޖޭގެ ބަންޑާރަ ވަސީލަތްތައް ސިޔާސީ ގޮތުންނާ އަދި އިގްތިސާދީ ގޮތުން ވެސް ދިވެހިންނަށް އަނބުރާ ވާރުތަކޮށްދެވޭނެ ހިތްވަރު އަބަދުމެ ކައުންސިލްތަކަށް ލިބިދޭނެކަން ޔަގީންކުރާ ކަމަށެވެ.
މި ޖަލްސާގައި ބައިވެރިވެވަޑައިގެން މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އާދަމް ޝަރީފު ވަނީ މި ފަދަ ޖަމިއްޔާއެއްގެ މުހިންމުކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރަން ކުރަން ހުރި މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް މި ޖަމިއްޔާގެ ފަރާތުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފަ އެވެ.
ލޯކަލް ކައުންސިލްތަކަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ޕްލޭންތައް އެކަށައަޅާ މުއައްސަސާތަކަކަށް ހެދުމަށް ބާރުއެޅުމަށާއި، ލާމަރުކަޒީ އުސޫލުތަކާ އެއްގޮތަށް ކައުންސިލްތައް ހިންގައި، ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންގެ ކަންކަން ނިންމުމަށް ބާރުއެޅުމަށް މަސައްކަތްކުރުމަކީ ވެސް އެމްއެލްސީއޭގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
Comment