މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މާދަމާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާނެ އެވެ.
މާދަމާ 11:00 ޖަހާއިރު ބާއްވާ މާލިއްޔަތު ކޮމިޓީއަށް ހާޝިމް ވަޑައިގަންނަވަނީ އެމްއެމްއޭގެ ފަރާތުން ސާފު ކުރަން ބޭނުންވާ މައުލޫމާތުތަކެއް ހުރުމުން އެކަމަށް ކޮމިޓީއިން އެދުމުންނެވެ.
ހާޝިމްއާއެކު ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން ވެސް މާދަމާގެ ކޮމިޓީ ބައްދަލުވުމަށް ވަޑައިގަންނަވާނެ އެވެ.
މާލިއްޔަތު ކޮމިޓީއަށް މާދަމާ ހާޝިމް ވަޑައިގަންނަވާއިރު އޭނާ ވަކި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ ތަޅުމުގަ އެވެ.
ގަވަރުނަރު ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. މެމްބަރު ނާޒިމް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާ ކަމަށް ވިދާޅުވެ އެވެ.
Comment