4 ޖުލައި 2024 - 11:29 0
އަހުމަދު އާއިދު
ބާރަށު ދާއިރާގެ މެންބަރު ޝުޖާއު: އޭނާ ވިދާޅުވީ ރައްޔިތުން ނުކުމެ ވެރިކަން ބަދަލުނުކުރި ނަމަ ގައުމު އޮންނާނީ ބަނގުރޫޓުވެފަ ކަމަށް - ފޮޓޯ: މަޖިލިސް އިދާރާ
4 ޖުލައި 2024 - 11:29 0
ނިމިދިޔަ އެމްޑީޕީގެ ވެރިކަން ރައްޔިތުން ނުކުމެ ބަދަލު ނުކުރި ނަމަ ދިވެހިރާއްޖެ އޮންނާނީ ބަނގުރޫޓު ވެފައި ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވަނީ އިދިކޮޅު އެމްޑީޕީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރަށް ފާޑުކީ މަންޒަރު ފެންނަ ސޯޝަލް މީޑިއާ ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ. އެގޮތުން، ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމި، ހަވާލުކުރީ ސަރުކާރޭ ކިޔާ "ތޮށިގަނޑު" އެކަނި ކަމަށެވެ.
"ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ނުކުރެއްވި ނަމަ މިއަދު ގައުމު އޮންނާނީ ބަނގުރޫޓް ވެފަ، ބޭންކްރަޕްސީ އިއުލާންކޮށްފަ، ބަލަ ތިބޭފުޅުން ވެރިކަން ކުރީ ފައިސާ ޗާޕް ކޮށްގެނޭ، މުސާރަތައް ސިޔާސީގޮތުން ބޮޑުކޮށް ކުޅުނު ނާޗަރަންގީން ބޯފެންކޮޅު އިހު ހުރި އަގުގައި ގަންނާކަށް ރައްޔިތަކަށް ނުލިބުނޭ، ތާހިރު ބަޔަކަށް ވާން ނޫޅުއްވާ،" އޭނާ އިތުރަށް ލިޔުއްވާފައިވެ އެވެ.
ޝުޖާއު އިދިކޮޅަށް މިފަދައިން ރައްދު ދެއްވާފައި މިވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ، ސަރުކާރުން ހަރަދުތައް ކުޑަކުރަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ދައްކޮށްފަ އެވެ.
ފާއިތުވި ދެ އަހަރު ރާއްޖޭގެ ރޭޓިންއެއްގެ ގޮތުގައި ފިޗުން ކަނޑައެޅީ "ބީ ނެގެޓިވް" އެވެ. މިއަހަރުގެ ރޭޓިންއާއެކު ރާއްޖެއަކީ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ގައުމެެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.
ސަރުކާރަށް ހަތް މަސް ވެފައިވީ ނަމަވެސް ސަރުކާރު ވަޒީރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް އިގުތިސާދީ ގޮންޖެހުންތަކުގެ ޒިންމާ އަޅުވަނީ ކުރީ ސަރުކާރުގަ އެވެ. ނަމަވެސް ޝުޖާއު ވަނީ ހަގީގީ މާނާގައި ގައުމު ސަލާމަތް ކޮށްދެއްވާނީ ރައީސް މުއިއްޒު ކަމަށްވެސް ވިދާޅުވެފަ އެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަންކަން ރައީސް ވަނީ ޖޫން 27، ގައި އިއުލާނުކުރައްވާފަ އެވެ. އެގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް ހަފުލާތަކާއި ދުވަސްތައް ފާހަގަކުރުން ކެންސަލް ކުރަން ނިންމާފައިވާކަމަށް އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.
އޭގެއިތުރުން ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މިހާރު ވަނީ އަންނަ އަހަރު ގްރީން ޓެކްސް ރޭޓް ރިވިއު ކުރުމާއި, ޖީއެސްޓީ ނަގާ މުދާ އިތުރުކުރުމާއި ރޭޓު ރިވިއުކުރުމާއި, އިމްޕޯޓް ޑިއުޓީ ރޭޓުތައް ރިވިއުކުރުމާއި އަދި ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ރިވިއުކުރުން ހިމެނެ އެވެ.
Comment