Advertisement

އެމްޑީޕީ މާލެ ދާއިރާގެ ރައީސް ކަމަށް އާޒިމް އާއި ފަލާހު ވާދަކުރަނީ

2 ޖުލައި 2024 - 13:49 1

ނިމާ ހަސަން

ނިމާ ހަސަން

އާޒިމް އަދި ފަލާހު; ދެ ބޭފުޅުން ވަނީ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައި -- އާޓްވޯކް; އިމްދާދް/ އަދަދު


އެމްޑީޕީ މާލެ ދާއިރާގެ ރައީސް ކަމަށް އާޒިމް އާއި ފަލާހު ވާދަކުރަނީ

2 ޖުލައި 2024 - 13:49 1

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި މާލެ ދާއިރާގެ ރައީސް ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް އަދި މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހު ކުރިމަތިލައިފި އެވެ.

މާލެ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އާޒިމް ގެންދަވަނީ މިހާރު ވެސް ސޯޝަލް މީޑިއާގައި ކެމްޕޭނު ފައްޓަވާފަ އެވެ. ފަލާހުގެ ކެމްޕޭން ސޯޝަލް މީޑިއާއިން ނުފެނުނު ނަމަވެސް, އޭނާ ވަނީ މާލެ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާކަން 'އަދަދު' އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލައްވާނެކަން މިހާތަނަށް އިއުލާނު ކޮށްފައިވާ ބޭފުޅުންގެ ތެރެއިން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފާހަގަކޮށްލެވެ އެވެ. އޭނާ ކުރިމަތިލެއްވީ ގަލޮޅު އުތުރު ދާއިރާގެ ރައީސް ކަމަށެވެ.

ގައުމީ މަޖިލީހުގައި ހުސްވެފައިވާ 26 މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން ވަނީ ހުޅުވާލާފަ އެވެ.

ކުރިމަތިލން ހުޅުވާލި މަގާމުތައް:

  • ހއ. ދިއްދޫ އަދި ހއ. ކެލާ އަދި ހއ. އިހަވަންދޫ ދާއިރާގެ ރައީސް
  • ހދ. މަކުނުދޫ ދާއިރާގެ ރައީސް
  • ހދ. ކުޅުދުއްފުށި ދެކުނު ދާއިރާގެ ރައީސް، ކުޅުދުއްފުށި ސިޓީގެ ރައީސް
  • ރ. އުނގޫފާރު އަދި ރ. އިނގުރައިދޫ ދާއިރާގެ ރައީސް
  • ބ. ތުޅާދޫ އަދި ބ. ހިތާދޫ ދާއިރާގެ ރައީސް
  • ޅ. ކުރެންދޫ ދާއިރާގެ ރައީސް
  • ކ. މާފުށި އަދި ކ. ހުރާ ދާއިރާގެ ރައީސް
  • އދ. ދަނގެތި ދާއިރާ ރައީސް
  • ގއ. ކޮލަމާފުށި އަދި ދާންދޫ ދާއިރާގެ ރައީސް
  • ގދ. ފަރެސްމާތޮޑާގެ ރައީސް އަދި ތިނަދޫ ސިޓީގެ ރައީސް
  • ފޭދޫ ދެކުނު ދާއިރާގެ ރައީސް
  • މެދު ހެންވޭރު، ހެންވޭރު އުތުރު، ގަލޮޅު އުތުރު، މައްޗަންގޯޅި އުތުރު، މާފަންނު އުތުރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް
  • ހުޅުމާލެ އުތުރު ދާއިރާގެ ރައީސް
  • މާލެ ސިޓީގެ ރައީސް

އިންތިހާބަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކަކީ ޖުލައި 1، އާ ހަމައަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުމާއި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޕާޓީގެ އަސާސީ ގަވައިދާއި ހިލާފުވެފައި ނުވުމެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނެނީ ޕާޓީގެ ޗެއާޕާސަން، ރައީސް، ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން، ދާއިރާތަކުގެ ރައީސުން، ޗެއާޕާސަންގެ ނައިބު (އިދާރީ) އާއި ޗެއާޕާސަންގެ ނައިބު (މާލީ)، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސް އެވެ.

އެމްޑީޕީން ބުނީ ބައި-އިލެކްޝަންއަށް ކުރިމަތިލާން އެދޭ މީހުން ފޯމު ފުރިހަމަ ކުރުމަށްފަހު ޖުލައި 7، ވާ އާދީއްތަ ދުވަހުގެ ކުރިން ހުށަހަޅަން އެދޭ ކަމަށެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓު 2، ވާ ހުކުރު ދުވަހު އެވެ.