Advertisement

ގާސިމް އާއި ޝުޖާއުއަށް މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަ!

2 ޖުލައި 2024 - 10:08 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު: ދެ ބޭފުޅުން ވެސް ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަތައް ބޮޑުކަމަށް ގަބޫލުނުކުރައްވާ ކަމަށް -- ފޮޓޯ: މަޖިލީހުގެ އިދާރާ


ގާސިމް އާއި ޝުޖާއުއަށް މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަ!

2 ޖުލައި 2024 - 10:08 1

ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގެ މަގާމުތަކަށްދޭ މުސާރަ އާއި އިނާޔަތްތަކާ އަޅައި ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ދައުރަކުން ދައުރަކުން އިތުރުނުވާ ގޮތަށް ހިފަހައްޓަން ފެނޭތޯ ބަލަން އޭނާ ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ގަރާރުގެ ބަހުސްގައި ޝުޖާއު ފާހަގަކުރެއްވީ ސިޓީ ކައުންސިލަރެއްގެ މުސާރައާއި މަޖިލީހުގެ މެންބަރެއްގެ އަސާސީ މުސާރައިގައި ނިސްބަތުން މާބޮޑު ފަރަގެއް ނެތް ކަމެވެ.

މި ފަހަރު މަޖިލީހަށް އިންތިހާބުވުމާ ހަަމައަށް އޭނާ ހުންނެވީ މާލެ ސިޓީ ކައުންސިލަރެއްގެ މަގާމުގަ އެވެ. ސިޓީ ކައުންސިލެއްގެ މެންބަރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000.ރ ލިބެ އެވެ.

"ރައްޔިތުންގެ ތެރޭގައި ވެސް ވަރަށް ގިނައިން ދެކެވޭ ވާހަކައެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ [މުސާރަ ބޮޑު ވާހަކަ އަކީ]، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ، އިއްޒަތްތެރި ރައީސް، މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކަަމަށް ދެކެވަޑައިގަންނަވަނީ މެންބަރަކަށް އޮންނަ ޒިންމާގެ ބޮޑުކަމުންނެވެ.

"ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މެންބަރެއްގެ އަތަކު ނޯންނާނެ ލޯލާރި އެއް ވެސް އިއްޒަތްތެރި ރައީސް،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވީ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ޓަކައި މެންބަރުން ކުރައްވާ ދަތުރުތަކަށް ހިނގާ ހަރަދުގެ ވާހަކަ ކަމެއް ނުވަތަ ރައްޔިތުންނަށް މާލީ ގޮތުން އެހީތެރިވާ ވާހަކަ ކަމެއް ސާފުކޮށް ވިދާޅެއް ނުވެ އެވެ.

އެހެން ނަމަވެސް މަޖިލީހުގެ މެންބަރުންނަށް ލިބޭ އިންޝުއަރެންސާއި އެހެނިހެން އިނާޔަތްތައް މެންބަރުކަމުން ވަކިވުމަށް ފަހު ލިބުން ރަނގަޅުނޫން ކަމަށާއި ވަކިވުމަށް ފަހު އެ އިނާޔަތްތައް ނުލިބޭ ގޮތަށް ބަދަލުކުރަން ތާއީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. މެންބަރުންގެ އަދަދު މަދުކުރަން ވެސް އޭނާ ތާއީދުކުރެއްވި އެވެ.

ޝުޖާއު ވާހަކަދެއްކެވި ފަހުން ހަމަ މި މޭރުމުން ވާހަކަދައްކަވަމުން، ރާއްޖޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ގާސިމް އިބްރާހިމް ވެސް ވިދާޅުވީ ގާސިމް އަދަދު މަދުކުރުމާ މެދު ބަހުސް ކުރަން ރުހުނަސް މެންބަރުންގެ މުސާރަ ކުޑަކުރަން ނުފެންނަ ކަމަށެވެ.

"އެހެނީ ރާއްޖޭގެ އެކި ރަށްރަށުން ކަންކަމުން ހޮވިވަޑައިގެން މިތަނަށް ވަޑައިގަންނަވާ ބޭފުޅުން، ވިހިހާސް ރުފިޔާގެ [ލިވިން] އެލަވަންސެކޭ ބުންޏަސް ވިހިހާސް ރުފިޔާއިން އެބޭފުޅުންނަށް ހަމަނުޖެއްސޭކަން އަޅުގަނޑުމެންނަށް އެނގޭ." ގާސިމް ވިދާޅުވި އެވެ.

މަޖިލިސް މެމްބަރުންގެ ގޮތުގައި ތިބި ބޮޑު ދެ ވިޔަފާރިވެރިން މިގޮތަށް މަޖިލިސް ތަޅުމުގައި ވާހަކަދައްކަވާފައިވާއިރު، މެމްބަރުންގެ މުސާރަތައް މާ ބޮޑު ކަމަށް ބުނެ އާންމުން ކަންބޮޑުވެ، ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. މަޖިލީހުގައި މިހާރު ބަހުސްކުރެވެމުންދާ ގަރާރު ހުށަހެޅުނު އެއް ސަބަބަކީ ވެސް މިކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކެވެ.