26 ސެޕްޓެންބަރު 2024 - 17:50 0
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ރައީސްއަށް އިންޒާރުދިން މައްސަލަ ޕީއެންސީން ވަނީ ކުށްވެރިކޮށްފައި -- ފޮޓޯ: ޕީއެންސީ
26 ސެޕްޓެންބަރު 2024 - 17:50 0
ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު އިންޒާރު ދީފައި ވާތީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެކަން ކުށްވެރިކޮށްފި އެވެ.
ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު ފުރާނަފުޅަށް ގެއްލުންވާނެ އަމަލެއް ހިންގާނެ ކަމަށް ބުނެ ދިން އިންޒާރު ކުށްވެރިކުރާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާވާނެ ފަދަ އަމަލެއް ހިންގާނެ ކަމަށް ވަރަށް ފާޅުގައި މީހަކު ބުނެފައިވާތީ އެ މައްސަލައަކީ ދައުލަތުގެ ތަހުގީގީ އިދާރާތަކުން އިސްކަންދީގެން ބަލަން ޖެހޭ މައްސަލައެއް ކަމަށް ވެސް މި ޕާޓީން ދެކެން،" ޕީއެންސީން ބުންޏެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލައި، އެ މައްސަލައިގައި އެކަށީގެންވާ އަވަހަށް ތަހުގީގެއް ހިންގުމަށް ގާޏޫނު ތަންފީޒުކުރާ ތަހުގީގީ އިދާރާތަކަށް ޕީއެންސީން އިލްތިމާސްކުރި އެވެ.
ރައީސް މުއިއްޒުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ އޮތް ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ރައީސް މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ މާލެ ސިޓީ ކައުންސިލުން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނީ އެ އަމަލަކީ އަނިޔާވެރިކަމާއި ރަހުމުކުޑަ ކަމުގެ ވަރަށް ދަށު ރަޖައިގެ ފިނޑި އަމަލެއް ކަމަށް ދެކޭ ކަމަށެވެ.
"މިކަންކަމަކީ މުޖުތަމައު ތެރޭގައި ބިރުވެރިކަމާއި ނާމާންކަން އުފެއްދުމަށް ހިންގާ ޓެރެރިޒަމުގެ އަމަލެއް ކަމަށް މި ކައުންސިލުން ދެކެން،" މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
މައްސަލައާ ގުޅޭ ފަރާތް ހޯދައި އެމީހަކާ މެދު ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅައި ދިނުމަށާއި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް މުއައްސަސާތަކަށް ސިޓީ ކައުންސިލުން ގޮވާލި އެވެ.
ސޯޝަލް މީޑިއާގައި ރައީސް މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
Comment