2 ޖުލައި 2024 - 02:48 0
2 ޖުލައި 2024 - 02:48 0
ފްރޭންކްފާޓް (ޖުލައި 2) - .ޕެނަލްޓީ ޝޫޓައުޓްގައި، ޕޯޗުގަލްގެ ގޯލްކީޕަރު، ޑިއޯގޯ ކޮސްޓާ ތިން ޕެނަލްޓީ މަތަކޮށް، 3-0 އިން ސްލޮވީނިއާ އަތުން މޮޅުވެ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޕޯޗުގަލަށް ޖާގަ ހޯދައިދީފި އެވެ.
ޕޯޗުގަލް ގަދަ 16 ގައި ކުޅޭނީ ފްރާންސާ ދެކޮޅަށެވެ. ޕޯޗުގަލް އިން 2016 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރީ ފްރާންސް ބަލިކޮށްފަ އެވެ.
މިރޭގެ މެޗުން ޕޯޗުގަލް މޮޅުވުމުގެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ޕެނަލްޓީގައި، ސްލޮވީނިއާގެ ތިން ޕެނަލްޓީ މަތަކުރި ކޮސްޓާ އެވެ. އޭނާ ވަނީ މެޗުގެ ތެރެއިން ވެސް ސްލޮވީނިއާގެ ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ.
މެޗު ފަށައިގެން ސްލޮވީނިއާ އަށް އެންމެ ނުރައްކާ ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔައީ، ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯ ޖެހި ހިލޭ ޖެހުމެއް ހުރަސްދަނޑިމަތިން ދިޔައިރު، އޭނާ ފޮނުވާލި އެހެން ހަަމަލާއެއް ވަނީ ބްލޮކްވެފަ އެވެ.
ސްލޮވީނިއާ އިން ލިބުނު ފުރުސަތުތަކުގައި ބޯޅަ ހިފައިގެން ކުރިއަށް ޖެހި ކުޅެވޭތޯ ބެލި ނަމަވެސް ބޭނުންވި ވަރުގެ އެޓޭކެއް ކުރެވޭ ގޮތެއްނުވި އެވެ.
މެޗުގެ ތެރެއިން ރޮނާލްޑޯ ހިތްހަމަނުޖެހުން ފާޅުކުރަނީ.--
ދެ ވަނަ ހާފު ފަށައިގެން ވެސް ރޮނާލްޑޯ ވަނީ ހިލޭޖެހުމަކުން ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ ސްލޮވީނިއާގެ ކީޕަރު، ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން، ސްލޮވީނިއާ އޭރިއާތެރެއިން ޕޯޗުގަލްގެ ބެނާޑޯ ސިލްވާ ފޮނުވާލި ޝޮޓެއް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މެޗުގެ 61 ވަނަ މިނިޓްގައި، ކައުންޓަ އެޓޭކުގެ ފުރުސަތެއްގައި ޕޯޗުގަލްގެ ޑިފެންސްގެ ތެރެއިން ދެމިގަނެގެން ގޮސް، އޭރިއާތެރެއަށް ވަދެ، ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެސްކޯ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ބަދަލަކަށް ކުޅެން އެރި ޕޯޗުގަލްގެ ޑިއޯގޯ ޖޮޓާއާ އެކު އެ ޓީމުގެ އެޓޭކްތައް އަވަސްވި އެވެ.
އެ ގޮތުން، މެޗުގެ 88 ވަނަ މިނިޓްގައި ޖޮޓާ ތަނަަވަސްކޮށްދިން ފުުރުސަތެއްގައި ރޮނާލްޑޯ ހުސްކޮށް އަރައި އޭރިއާތެރެއިން ޖެހި ޝޮޓް ކީޕަރު އޮބްލަކް ވަނީ ހުއްޓުވައިފަ އެވެ.
ފުރިހަަމަ ވަގުތުގެ ކުޅުން ނިމުނުއިރު، ދެ ޓީމު 0-0 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ދެ ހާފް ވަނީ ކުޅެފަ އެވެ.
އެ ގޮތުން، އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޕޯޗުގަލް އަށް ލީޑުނަގައިދޭން ރަނުގެ ފުރުސަތެއް ލިބުނެވެ. ޖޮޓާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން ރޮނާލްޑޯ ފޮނުވާލި ބޯޅަ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފަ އެވެ.
ޕެނަލްޓީ ނާކާމިޔާބުވުމުން ރޮނާލްޑޯ ދަނޑުމަތީގައި އޮށޯވެގެން.
މި ހާފުގައި ސްލޮވީނިއާގެ ބެންޖަމިން ވާބިޗް ޖެހި ބޯޅަ ޕޯޗުގަލްގެ ޖާއޯ ކަންސޭލޯ ގައިގައި ޖެހިފައި ވަނީ ބޭރުވެފަ އެވެ.
މި މެޗުގައި ސްލޮވީނިއާގެ ކޯޗު މަޓްޖަޒް ކެކް، ރެފްރީންގެ ނިންމުންތަކާ ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކުރަމުންދިއުމާ އެކު، އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކައި ބެންޗުން ފޮނުވާލި އެވެ.
އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ސްލޮވީނިއާ އަށް ލަނޑު ޖަަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އެ ޓީމުގެ ސެސްކޯ މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ގޮސް ފޮނުވާލި ޝޮޓް ޕޯޗުގަލްގެ ކީޕަރު، ކޮސްޓާ ވަނީ މަތަކޮށްފަ އެވެ.
އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު ވެސް އެއްވަރުވެފައި އޮތުމުން ވަނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހައިފަ އެވެ، މިއީ މި ފަހަރުގެ ޔޫރޯގައި ޕެނަލްޓީ އަށް ދިޔަ ފުރަތަމަ މެޗެވެ.
ސްލޮވީނިއާގެ ފުރަތަމަ ޕެނަލްޓީ އިލިޗިޗް ފޮނުވާލިއިރު، ކީޕަރު ކޮސްޓާ މަތަކުރި އެވެ. ރޮނާލްޑޯ، ވަނީ ޕޯޗުގަލްގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްދީފަ އެެވެ. ސްލޮވީނިއާގެ ދެ ވަނަ ޕެނަލްޓީ ޖެހި ޖޫރޭ ބަލްކޮވެޗްގެ ޕެނަލްޓީ ވެސް ކީޕަރު ކޮސްޓާ މަތަކުރިއިރު، ބްރޫނޯ ފެނާންޑޭސް ވަނީ ޕޯޗުގަލްގެ ދެ ވަނަ ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ.
ސްލޮވީނިއާގެ ތިން ވަނަ ޕެނަލްޓީ ވާބިޗް ފޮނުވާލިއިރު، މި ޕެނަލްޓީ ވެސް ކޮސްޓާ ވަނީ ހުއްޓުވައިފަ އެވެ. ޕޯޗުގަލްގެ ތިން ވަނަ ޕެނަލްޓީ ކާމިޔާބުކޮށް، ބެނާޑޯ ސިލްވާ ވަނީ އެ ޓީމު މޮޅުކޮށްދީފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment