1 ޖުލައި 2024 - 17:50 1
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު: ކުދިންނާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ކިޔައިދެއްވި -- ފޮޓޯ: ރައީސް އޮފީސް
1 ޖުލައި 2024 - 17:50 1
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، "ގްލޯބަލް ޕޭރެންޓިން މަންތް" އާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައި ކުދިންނާ ގުޅުން ބަހަދިކުރުމުގެ މުހިންމުކަން ކިޔައިދެއްވައިފި އެވެ.
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ކުޑަ ކުއްޖަކާ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއާ އެކީގައި އެ ކުއްޖާގެ އުމުރު ފުރާގެ ނުވަތަ ލެވެލްގެ އެކި ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭ ކަމަށާއި، ފުރާވަރަށް އަރައިގެން އަންނަ ކުއްޖާއާ އެކީ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއަކީ މައިންބަފައިންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ގެންގުޅެން ޖެހޭ ކަމަށެވެ.
"މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިން ތަރުބިއްޔަތު ކުރުމަށްޓަކައި، އެ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާނަމަ އެ ކުދިންނާއެކީ އޮންނަ ގުޅުން ބަދަހިކުރަން އެބަ ޖެހޭ. އެ ގުޅުން ބަދަހި ކުރުމަށްޓަކައި ތަފާތު އުމުރުގެ ކުދިންނާއެކީގައި ތަފާތު ގޮތްގޮތަށް ގުޅުން ބަދަހި ކުރަން އެބަ ޖެހޭ،" ސާޖިދާ ވިދާޅުވި އެވެ.
މީގެ އިތުރުން ބެލެނިވެރީންނަށް ކުދީން ކުރާ އިތުބާރު އިތުރުވެ، ގުޅުން ބަދަހިވީ ވަރަކަށް، މުޖްތަމައުއިން ފެންނަ ނޭދެވޭ ކަންކަމުން އެ ކުދިން ސަލާމަތްކުރުމުގެ މަގުފަހިވާ ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.
ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ބާރުއަޅުއްވައި، ކުދިން، ބެލެނިވެރިންނަށް ނުވަތަ މައިންބަފައިންނަށް ކުރާ އިތުބާރު އިތުރުކުރުވުމަށް އަދި އެ އިތުބާރު ދެމެހެއްޓުމަށް ސާޖިދާ ބާރުއެޅުއްވި އެވެ.
"ވަޒީފާ އަދާކުރާ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ވިސްނާ ކަމެއް އަޅުގަނޑުގެ ނަފްސާނީ ދުޅަހެޔޮކަމަށް. އެއީ ދުވާލުގެ ބުރަ މަސައްކަތް ކޮށްފައި ދެން ގެއަށް އަންނައިރު ކުދިންގެ ކަންތައްތަކުގައި ހިތްހަމަނުޖެހިގެން ކުދިންނާ މެދު ކަންތައް ކުރެވޭ ގޮތް. ބައެއް ފަހަރު އަޅުގަނޑުމެން ބެލެނިވެރިންނަށް ރަނގަޅަށް ނުކުރެވޭ ގޮތް އެބަ ދިމާވޭ. އޭގެ ސަބަބުން ކުދިންނަށް ނޭދެވޭ އަސަރު އެބަ ކުރޭ،" ސާޖިދާ ވިދާޅުވި އެވެ.
ޔުނިސެފް އިން ކުރިއަށްގެންދަވާ ބެލެނިވެރިޔާ ޕްރޮގްރާމުގެ މަގްސަދަކީ، ކުދިންނަށް ރައްކާތެރިކަން ހޯދައިދީ، އެ ކުދީންގެ އަގު ވަޒަންކުރާކަން ގަބޫލުކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް، ބެލެނިވެރިން ހޭލުންތެރިކުރުމެވެ.
Comment