Advertisement

ވެލާނާ އެއާޕޯޓު ނިންމަން އެންމެ ފަހުން ދިނީ ކުރީ ސަރުކާރުން ދިން ތާރީހު

30 ޖޫން 2024 - 13:22 2

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހެދުމުގެ މަސައްކަތް ކުރަނީ: ކުރިން ބުނީ ޓޫރިޒަމްގެ ޕީކް ސީޒަން ސެޕްޓެމްބަރުގައި އައުމުގެ ކުރިން އެއާޕޯޓުގެ މަސައްކަތް ނިންމާނެ ކަމަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ވެލާނާ އެއާޕޯޓު ނިންމަން އެންމެ ފަހުން ދިނީ ކުރީ ސަރުކާރުން ދިން ތާރީހު

30 ޖޫން 2024 - 13:22 2

މި އަހަރުގެ ސެޕްޓެމްބަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވަމަށް ފަހު، އެއާޕޯޓުގެ މަސައްކަތްތައް ނިންމޭނީ އަންނަ އަހަރުގެ ޖުލައިއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުތިރާފުވެވަޑައިގެންފި އެވެ.

ރައީސް މިހެން ވިދާޅުވިއިރު، މިއީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން ވެސް ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ނިންމޭނެ ކަމަށް ބުނި ތާރީހެވެ.

އެކަމަކު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންނާއި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ރައީސް ގެންދެވީ އެއީ މާ ލަސް ތާރީހެއް ކަމަށް ވިދާޅުވެ އެއާޕޯޓުގެ މަސައްކަތްތައް ޓޫރިޒަމްގެ ޕީކް ސީޒަން ފެށުމުގެ ކުރިން ނިންމަވާނެ ކަމަށް ވިދާޅުވަމުންނެވެ.

މިގޮތަށް ރައީސް ވިދާޅުވި އެއް ތަނަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިދިޔަ އޮކްޓޫބަރުގައި ބޭއްވި ރަސްމިއްޔާތުގައި، އޭރުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގަ އެވެ. އެ ދުވަހު ރައީސް ވިދާޅުވީ ޖުލައިއަށް ޓާމިނަލްގެ މަސައްކަތް ނިންމަން އޮތުމަކީ އެމަނިކުފާނަށް ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

"ޓްރާންސިޝަން މަރުހަލާގައި ލިބުނު މައުލޫމާތުތަކުން އެނގިގެން ދަނީ އެއާޕޯޓު ނެތް ކަމަށް އަވަހަށް ނިމޭކަށް. މިއަންނަ އަހަރު ވެސް ނިމި ދެން އަންނަ އަހަރުގެ ޖުލައި އަށް, 2025 ގެ ޖުލައިއަށް ނިމެނީ. އެއީކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އިގްތިސޯދު މިއޮތީ ވަރަށް ބޮޑު ހީނަރުކަމެއްގައި," ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެއާޕޯޓު މަޝްރޫއު ނިންމުމަކީ އިގުތިސޯދަށް މި ވަގުތަށް އެންމެ ބޭނުންޖެހިފައިވާ މަޝްރޫއު ކަމަށް ވިދާޅުވެ ރައީސް ވަނީ މިކަމަށްޓަކައި ހާއްސަ ކޮމިޓީއެއް އެކުލަވާލައިގެން އެންމެ އިސްކަންދޭ ކަމެއްގެ ގޮތުގައި ހިމަނައިގެން މި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވެސް ރައީސް ވަނީ މި އަހަރުގެ ތެރޭގައި އެއާޕޯޓު މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ ދައުލަތުގެ މީޑީއާ ޕީއެސްއެމްއަށް މިދިޔަ މާޗު މަހުގައި ދެއްވި އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި ރައީސް ވަނީ މި އަހަރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމާ ޓާމިނަލް ބޭނުންކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ވެލާނާ އެއާޕޯޓު މަޝްރޫއު ނިންމުމަށް އިސްކަންދޭ މިންވަރު ވަޒަންކޮށްދިނުމުގެ ބޭނުމުގައި ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ބައްދަލުކުރި ހަމައެކަނި ކުންފުންޏަކީ

"އެއާޕޯޓުގެ މަސައްކަތް އެ އޮތީ ވަރަށް ލަސްކޮށް ހިނގަމުންދިޔައީ. އެނގޭތޯ އަޅުގަނޑު ހަމަ އެންމެ ފުރަތަމަ ޓްރާންސިޝަން މަރުހަލާގައި ވެސް ބައްދަލުކުރީ، މަޝްރޫއެއް ހިންގާ ފަރާތަަކަށް ބައްދަލުކުރީ އެ މީހުންނާ އެކަނި. އެހާ ވެސް އިސްކަން ދެން އަޅުގަނޑުމެން،" އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ދުވެއްޔާ ގުޅޭ ގޮތުން އެހި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އޭރު ވިދާޅުވީ ކުރިން، ވަރަށް ލަސް ދުވެލީގައި މަސައްކަތްތައް ދިޔަ ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެން ކުރެވުނު މަސައްކަތުން އެހާތަނަށް ނިންމަން ޖެހި ނުނިމި ހުރި މަސައްކަތްތައް އެއްކޮށް ނިންމާ، ބާރު ދުވެލީގައި މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

"މިހާރު ވަރަށް ބޮޑު ތަން ކެޗަޕް ކުރެވި، ވަރަށް ބާރަށް އެބަ ގެންދެވޭ. އުއްމީދަކީ މި އަހަރު ނިމެންވާއިރަށް އެއާޕޯޓު އޮޕަރޭޝަނަށް، ޓާމިނަލްގެ މަސައްކަތްތައް ނިންމާލާފައި ގެނެވޭނެ ކަމަށް." ރައީސް ވިދާޅުވި އެވެ.

މިގޮތަށް އެތައް މަހެއް ވަންދެން ރައީސް އާއި ސަރުކާރުން ވާހަކަ ދެއްކެވުމަށް ފަހު، މި އަހަރުގެ ތެރޭގައި އެއާޕޯޓު ނުނިންމޭނެ ކަމަށް ރައީސް އިއުތިރާފުވެޑައިގެންނެވީ މިފަހުން ޕީއެންސީގެ މައި ހަރުގެ، ޕީއެންސީ ހައުސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ދުވަހު ރައީސް ވަނީ މަސައްކަތް ކުރި ނަމަވެސް އެއާޕޯޓުގެ މަސައްކަތް މި އަހަރަށް ނުނިންމޭނެ ކަމަށާއި ނިމޭނީ އަންނަ އަހަރަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އެއާޕޯޓު ފިނިހަކަ ދުވެލީގައި ހަދަމުން ދިޔައީ. އެކަން އަޅުގަނޑުމެން އެންމެނަށް އެނގޭ. އެހެން ނަމަވެސް މިހާރު ވަރަށް ބާރު މިނުގައި އެ މަސައްކަތް އެދަަނީ ހިނގަމުން،" ރައީސް ވިދާޅުވި އެވެ.

އެއާޕޯޓު ޓާމިނަލް މަސައްކަތުގެ ދުވެލި ބާރު ކުރެވުނު ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ކުރީ ސަރުކާރުން ބުނި ތާރީހަށް މިހާރު މި ސަރުކާރުން ވެސް މަޝްރޫއު ނިމޭނެ ކަމަށް ބުނާތީ ދުވެލީ އަވަސްވީ ކަމަށް ރައީސް އެ ވިދާޅުވީ ކޮންކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް ސާފެއް ނޫނެވެ.

އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިންމުނަސް، މި އަހަރު ނިމުމުގެ ކުރިން ބައެއް އެއިރޯބްރިޖުތައް ބޭނުންކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އަށް އެއިރޯބްރިޖު ހުރިއިރު، މި އަހަރުގެ ތެރޭގައި ތިން ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާ ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހެންކަމުން ބެލެވެނީ، މަސައްކަތް އެއްކޮށް ނުނިމުނަސް މި އަހަރުގެ ތެރޭގައި ޓާމިނަލްގެ ބައެއް ވިޔަސް ބޭނުންކުރެވޭ ގޮތަށް ހުޅުވާނެ ކަމަށެވެ.

ބިލިއަން ޑޮލަރަށް ވުރެ ގިނައިން ހަރަދުކޮށްގެން ހިންގާ ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ބައެއް ބަައިތައް ނިމުނު ނަމަވެސް، ޓާމިނަލްގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވި އެވެ.

އެއާޕޯޓު އެކްސްޕޭންޝަން ޕްރޮޖެކްޓު އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.