29 ޖޫން 2024 - 15:18 0
މިއަދު ޖަމީލުގެ މަރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށް މިހާތަނަށް ހިންގި ތަހުގީގުން އެނގޭ ކަމަށް ފުލުހުން ބުނޭ --- ފޮޓޯ: ހޯމް މިނިސްޓްރީ
29 ޖޫން 2024 - 15:18 0
މާފުށީ ޖަލުގައި އިއްޔެ މަރުވި ށ. ފުނަދޫ, ޒަމާނީ ވިލާ, މުހައްމަދު ޖަމީލް 45, އަށް އެއްވެސް އަނިޔާއެއް ކޮށްފައި ހުރި ކަމުގެ ނިޝާނެއް މިހާތަނަށް ކުރި ތަހުގީގުން ފެންނަން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޖަމީލުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރިއިރު، މޫނުމަތީގައި ނޫފައިގެންފައިވާ ދެ ނަތަކާއި ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްފައިވާ ތަނެއް ހުރުމުން، އޭނާ މަރުވީ އަނިޔާގެ ސަބަބުން ކަމަށް ބައެއް މީހުން ތުހުމަތު ކުރި އެވެ. އެ ތުހުމަތުތައް ކުރަން ފެށުމާއެކު އޭނާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމި ނަމަވެސް ފަހުން ވަނީ އާއިލާއިން އެދުނު ގޮތަށް ހަށިގަނޑު ވަޅުލާފަ އެވެ.
"ހަށިގަނޑުގައި ފާހަގަކުރެވޭ ބައެއް ކަހަލަ ނިޝާންތަކެއް ހުރުމުން އެ ހިނދުން ފެށިގެން މިއަދާ ހަމައަށް ކުރި ތަހުގީގުން ވެސް މުހައްމަދު ޖަމީލުގެ ހަށިގަނޑަށް ލިބިފައިވަނީ އެއްވެސް ފަރާތަކުން ޖިސްމާނީ ގޮތުން ދީފައިވާ އަނިޔާއެއް ކަމަށް ގަބޫލެއް ނުކުރެވޭ," ފުލުހުންގެ ފަރާތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ.
އޭނާ ބަންދުކޮށްފައި ހުރި މާފުށީ ޖަލުގެ ގޮޅިން އެއްކުރި މައުލޫމާތުން އޭނާ މަރުވީ ސަޖިދައިގައިކަން އެނގޭ ކަމަށާއި އޭނާގެ އަނގަޔާއި ނޭފަތުން ފޮނު އަރާފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެ އެވެ.
ގޮޅިއަށް އޭނާ އެންމެފަހުން ވަނީ އެރޭ 09:30 ގައި ކަމަށާއި އެއަށްފަހު އެއްވެސް މީހަކު އެ ގޮޅިއަށް ނުވަންނކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. ގޮޅީގެ ދޮރު ހުޅުވީ ހެނދުނު 06:30 ގައި ކަމަށާއި އޮފިސަރުން ވެސް ގޮޅިއަށް ނުވަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ޖަމީލުގެ މަރާ ގުޅިގެން ޖަލުގައި އަމަލުކުރަމުންދާ ދެ ކަމަކަށް ބަދަލު ވަނީ ގެނެސްފަ އެވެ. އެގޮތުން, ބައެއް ގައިދީން ނަމާދުގެ ސަޖިދައިގައި ގިނަ ވަގުތު ހޭދަކުރާތީ އެއް ގަޑިއިރުން އެއް ގަޑިއިރުން އެ މީހުންގެ ހަބަރު ބެލުމަށް ވަނީ ނިންމާފަ އެވެ.
ހަމައެހެންމެ, ޖަލުތަކުގައި މަރުވާ މީހުންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މެނުވީ އާއިލާތަކާ ހަވާލު ނުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
Comment