Advertisement

ޓޫރިޒަމުން ނަގާ ޓެކްސް ބޮޑުުކުރުމުގެ ނަތީޖާ ހިތިވާނެ، އިންވެސްޓަރުން ރާއްޖެއަކު ނުތިބޭނެ: ޒުހޫރު

29 ޖޫން 2024 - 12:00 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ވަޒީރު އަހުމަދު ޒުހޫރު: ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް ފާޑުވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ޓޫރިޒަމުން ނަގާ ޓެކްސް ބޮޑުުކުރުމުގެ ނަތީޖާ ހިތިވާނެ، އިންވެސްޓަރުން ރާއްޖެއަކު ނުތިބޭނެ: ޒުހޫރު

29 ޖޫން 2024 - 12:00 2

ޓޫރިޒަމްގެ ވިޔަފާރިން ނަގާ ޓެކްސް ޓެކުސްތައް އިތުރުކޮށްފި ނަަމަ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑެތި މައްސަލަތައް ކުރިމަތިވެ، އިންވެސްޓަރުން ރާއްޖޭ ދޫކޮށް ދިއުުމުގެ ބިރު އެބަ އޮތް ކަަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ އަނދަަވަޅުން އަރައިގަތުމަށް ޓަކައި ސަރުކާރުން ވަނީ އިގުތިސާދީ އެޖެންޑާއެއް އެކުލަަވައިލާފަ އެވެ. އެ އެޖެންޑާގައި އޮތް އެއް ކަމަކީ ޓޫރިޒަމުގެ ވިޔަފާރިން ދައުލަތަށް ނަގާ ޓެކްސް ތަކާއި ޑިއުޓީތައް މުރާޖައާކުރުމެވެ.

އެ އެޖެންޑާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޒުހޫރު ރޭ ވިދާޅުވީ ޓެކުހާއި ޑިއުޓީއާއި ފީތައް ހިމެނޭހެން ޓޫރިޒަމްގެ ވިޔަފާރިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ މިހާރު ވެސް އެ ސިނާއަތުން ލިބޭ އާމްދަނީގެ 50 ޕަސެންޓާ ހަަމައަށް އަރާ ކަަމަށެވެ.

އެގޮތަށް އެކަން އޮއްވައި އެ ސިނާއަތަށް އިތުރު ޓެކުހެއް ތައާރަފްކޮށްފި ނަަމަ އިންވެސްޓަރުންނަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެއްސޭނެ ކަަމަށް ވެސް "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޒުހޫރު ވިދާޅުވި އެެވެ.

"އެހެންވީމާ ފަންސާސް ޕަސެންޓަށް ވުރެ މަތިން، އަންނަ ކޮންމެ ސަރުކާރަކުން ޓެކްސް ނަގަމުން ދާއިރު، އިތުރު ޓެކްސް އެއް، މިތަނަށް އިންވެސްޓްކޮށްގެން ތިބި ބައެއްގެ ބޮލުގައި އަޅުވައިފި ނަމަ، އެބަޔަކަށް، އެބަޔަކު ކުރާ އިންވެސްޓްމެންޓަކުން ދެކޮޅު ނުޖެހިގެން، ދެން މިތަނަށް އިންވެސްޓްކުރާނެ ބަޔަކު ނުތިބޭނެ،" ޒުހޫރު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އާ ބަޔަކު އިންވެސްޓްނުކުރާ އިރު މިހާރު ތިބި އިންވެސްޓަރުންނަށް ވެސް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އޭރުން "ސަވައިވްއެއް" ނުވެވޭނެ އެވެ.

އެގޮތަށް އެކަން ވާނީ އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީއަކީ ތަކެތީގެ ބަދަލުގައި ހިދުމަތްދޭ އިންޑަސްޓްރީއަކަށް ވާތީ، ދައުލަތުން ނަގާހާ ޓެކުހެއް، ޓޫރިސްޓުންނާ ހަމައަށް ޕާސްކުރެވެން ނޯންނާތީ އެވެ. ހިދުމަތުން އެ ވަރަށް ޓެކުސް ނަގަން ފަށައިފިއްޔާ އެ ހިދުމަތެއް މީހުން ނުހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ މާނައަކީ ރާއްޖޭން ބޭރުން އަންނަ ޓުއަރިސްޓުންނެއް ވެސް މިތަނަކަށް ދެނެއް ނާންނާނެ. އެހެންވީމާ މިފަދަ ހާލަތެއްގައި މިކަންކަން އޮތް އިރު މިކަމަކީ އެނަލައިޒްކޮށްފައި ވިސްނަން ޖެހޭ ކަންތައްތައް،" ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި އިކޮނޮމިކް ކައުންސިލުގެ ޗެއާ ކަން ވެސް ކުރެއްވި ޒުހޫރު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ކޮންމެ އަހަރަކު ލިބޭ އެތައް މިލިޔަން ޑޮލަރެއް ރާއްޖޭގައި ނުހިފެހެއްޓޭ ކަމަށް ހުރިހާ ސަރުކާރެއްގައި ވެސް ކިޔައި އުޅެ އެވެ. އެހެން ނަމަވެސް ޒުހޫރު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ހަގީގަތެއް ނޫނެވެ.

"މިއަދު އަޅުގަނޑުމެން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އަޅުގަނޑުމެން ގައުމަށް ވަންނަ އިންކަމްގެ ހަތްދިހަ ޕަސެންޓަށް ވުރެ ބޮޑު އެއްޗެއް މި ގައުމުގައި އެބަ ހަރުލައޭ. އެ ޑޮލަރު ވެސް މިގައުމުގައި އެބަ ހުރެޔޭ،"

އޭނާ ވިދާޅުވި ގޮތުގައި އިގުތިސާދީ މައްސަލަތަކުގެ އަސްލަކީ ދައުލަތުން ކުރާ ހަރަދު ބޮޑުވެ، ދައުރުކުރާ ދިވެހިފައިސާގެ އަަދަދު ގިނަވުމެވެ.

"ޕްރިންޓްކޮށްފައި ވެސް [ދިވެހިފައިސާ] ނެރެނީ، އެގޮތް މިގޮތަށް ނެރެނީ،" އޭނާ ވިދާޅުވި އެވެ.

އެހާ ވަރަށް ފައިސާ އަނބުރަން ޖެހެނީ ޒުހޫރު ވިދާޅުވި ގޮތުގައި އަންނަ ކޮންމެ ސަރުކާރެއް 10 އަހަރު ދުވަހު ވެރިކަން ކުރަން ބޭނުންވާތީ ރައްޔިތުން ރުއްސަން ފަށާ ގިނަ ގުނަ މަޝްރޫއުތަކުގެ ސަބަބުންނެވެ. މަޝްރޫއުތައް ހިންގަން ބޭނުންވާ އަނެއް ސަބަބަކީ އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަޝްރޫއުތަކުން ލިބޭ "ކަމިޝަން، ޖީބަށް ލާން" ބޭނުން ވުމެވެ.

"އެހެންވީމާ މިކަން މިގޮތަށް ކުރުމަށް ޓަކައި އިތުރަށް ރައްޔިތުންނަށް ޓެކްސް ބާޑަން ނުކުރާށޭ،" އޭނާ ވިދާޅުވި އެވެ.

ވެރިން އިހުލާސްތެރިކަމާ އެކު މަސައްކަތްކުރާ ނަމަ ކުރަންވީ ކަމަކީ އެފިޝަންސީ އިތުރުކުރުން ކަމަށާއި އެގޮތަށް މަަސައްކަތްކުރާ ނަމަ އަވަސް އަރުވާލައިގެން ހުރިހާ ބަނދަރެއް ހަދައި ބޮޑެތި ބިންތައް ހިއްކަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނުޖެހޭ އެތައް ސަތޭކަ އަހަރުން އުފެދިފައި ހުރި ހުރިހާ މައްސަލަތައް އޯވަ ނައިޓުން ހައްލުކުރަން ތެޅިގަންނާކަށް،" ޒުހޫރު ވިދާޅުވި އެވެ.