26 ޖޫން 2024 - 10:03 0
26 ޖޫން 2024 - 10:03 0
ސްޓުޓްގާޓް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާުތުގައި މިރޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުންނައިރު، ބެލްޖިއަމުން އިސްކަންދޭނީ ހިސާބު ޖަހައިގެން ވާނެ ގޮތެއް ބަލަން ތިބުމަށް ވުރެ، ޔޫކްރެއިން ބަލިކޮށްގެން އަމިއްލަ ބާރުގައި ކުރިއަށް ދިއުމަށް ކަމަށް ބެލްޖިއަމްގެ ކޯޗު ޑޮމެނީކޯ ޓެޑެސްކޯ ބުނެފި އެވެ.
ގްރޫޕް އީގެ ފަހު މެޗުތައް މިރޭ ކުޅޭއިރު، މި ގްރޫޕަކީ މި ވަގުުތު އެންމެ ފޯރިގަދަކޮށް އޮތް ގްރޫޕެވެ. ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު، ހުރިހާ ޓީމަކަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެއްވަރަށެވެ. އެ ގޮތުން އެއް ވަނައިގައި އޮތް ރުމޭނިއާ އާއި ދެ ވަނައިގައި އޮތް ބެލްޖިއަމް އާއި ތިން ވަނައިގައި އޮތް ސްލޮވާކިއާ އަދި ހަތަރެއްގައި އޮތް ޔޫކްރެއިނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ބެލްޖިއަމުން ގްރޫޕްގެ އެއް ވަނަ ހޯދައިފިނަމަ، ނޮކައުޓް ބުރުގައި ނިސްބަތުން ފަސޭހަ ފަޅި އަކަށް ދާނެތީ އެ ކަަމަށް ހާއްސަ ވިސްނުމަކުން ބަލާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޓެޑެސްކޯ ދިނީ ޝައުގުވެރި ޖަވާބެކެވެ.
"އަހަރެމެންނަށް ކަންކަން މި ގޮތަށް ވާނެއޭ ބުނެ، ހިސާބު ޖަހަން ބަލަން ތިބެވޭކަށެއް ނެތް. އެ އަށް ވުރެ އުނދަގޫކޮށް ކަންކަން އޮތީ، މި ވަގުތު ހުރިހާ ވިސްނުމެއް ބަހައްޓާފައި މި ހުރީ މޮޅަކަށް،" ޓެޑެސްކޯ ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުން ސްލޮވާކިއާ އަތުން 1-0 އިން ބަލިވި ނަމަވެސް ދެން ކުޅުނު މެޗުން ވަނީ ރުމޭނިއާ އަތުން 2-0 އިން މޮޅުވެފަ އެވެ. ފަހު މެޗުގައި ޔޫކްރެއިނާ ކުޅޭއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ޓެޑެސްކޯ ވަނީ ބުނެފަ އެވެ.
ޓެޑެސްކޯ ދެކޭގޮތުގައި ޔޫކްރެއިންގެ އެންމެ ބޮޑު ހަތިޔާރަކީ ކައުންޓަ އެޓޭކުގައި ކޮންމެ ޓީމަކަށް ވެސް ގެއްލުންދެވޭ ވަރަށް އެ ޓީމުގައި ހުނަރުވެރި އަދި ހަލުވި ކުޅުންތެރިން ތިބުމެވެ.
"ކައުންޓަ އެޓޭކަކީ ޔޫކްރެއިންގައި ތިބި ހަލުވި، ހުނަރުވެރި ކުޅުންތެރިންނާ ހެދި އެ ޓީމުގެ އެންމެ ވަރުގަދަ ހަތިޔާރު. ސުޑަކޯވް، މުޑްރިކް، ދެން ޑޮވްބީކް މިއީ ހައްތަހާ ވެސް މޮޅެތި ކުޅުންތެރިން، ޔޫކްރެއިނުން ވަނީ އެ ޓީމުގެ ފެންވަރުގެ ބޭނުހިފައި، އިންގްލެންޑާއި އިޓަލީ އަދި ޖަރުމަނު ވެސް ހާސްކޮށްލާފައި. މާނަ އަކީ މިއީ ކޮންމެ ޓީމެއް ކައިރީގައި ވެސް އެ ޓީމަށް ދެއްކޭނެ ތަފާތެކޭ،" ޓެޑެސްކޯ ބުންޏެވެ.
މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ޔޫކްރެއިނާއި ބެލްޖިއަމްގެ ފުރަތަމަ ކުރިމަތިލުމެވެ.
Comment