Advertisement

ފުޓްބޯޅަ ލެޖެންޑް ބަކާ ނިޔާވެއްޖެ

25 ޖޫން 2024 - 18:08 3


ފުޓްބޯޅަ ލެޖެންޑް ބަކާ ނިޔާވެއްޖެ

25 ޖޫން 2024 - 18:08 3

ގައުމީ ފުޓްބޯޅަ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކަށް ކުޅެފައިވާ ހުނަރުވެރި މިޑްފީލްޑަރު، މުހައްމަދު އާރިފް (ބަކާ)، މިއަދު ނިޔާވެއްޖެ އެވެ.

ދާދި ފަހުން، ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، އެނބުރި މާލެ އައި، ބަކާ، 38، ހުން އައިސް، ހާލަތު ދެރަވާތީ، އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން، އޭނާ އަށް އައިސީޔޫގައި ފަރުވާ ދޭން ފެށި އެވެ. އައިސީޔޫގައި ފަރުވާދޭން ފެށީ ނޭވާލާން އުނދަގޫތަކެއް ހުރުމުންނެވެ.

މަޑުމަޑުން ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، ބަކާ އަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް މައުލޫމާތު އެނގޭ މީހަކު ބުނެފައިވެ އެވެ.

އެކަމަކު، މިއަދުގެ ވަގުތެއްގައި، ބަކާ، ނިޔާވިކަން އޭނާގެ ގާތް މީހަކު ވަނީ ޔަގީންކޮށްދީފަ އެެވެ.

އަނިޔާގެ ސަބަބުން، ބަކާ، މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެފައިނުވެ އެވެ. ބަކާ، އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވަނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ.

އެކަމަކު، ދާދި ފަހުން، މާލޭގައި ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ، ސެވަން އަ ސައިޑް، މުބާރާތުގައި ބަކާ ކުޅުނެވެ.

ސ. ހިތަދޫ އަށް އުފަން ބަކާ ކެރިއަރު ފެށީ އައިލެންޑް ފުޓްބޯލްް ކްލަބް (އައިއެފްސީ) އިން 2004 ވަނަ އަހަރު އެވެ.

ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނެ އެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ވެސް ކުޅެފަ އެވެ.

ގައުމީ ޓީމުން، 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ބަކާ ހިމެނުނެވެ. ބަކާ، އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ، 2021 ވަނަ އަހަރު، ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނިގެންނެވެ.