Advertisement

ސަރުކާރުން ތަސައްވުރު ކުރި މައި ޖަލު އަޅާނީ އުތުރު ތިލަފަޅުން ހިއްކާ 30 ހެކްޓަރުގެ ބިމެއްގައި

25 ޖޫން 2024 - 11:45 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އުތުރު ތިލަފަޅުން ހިއްކާފައިވާ ސަރަހައްދު: މިތަނުން ބިން ހިއްކައި ގޯތި ދޫކުރަން ކުރީގެ ސަރުކާރުން ނިންމި. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ސަރުކާރުން ތަސައްވުރު ކުރި މައި ޖަލު އަޅާނީ އުތުރު ތިލަފަޅުން ހިއްކާ 30 ހެކްޓަރުގެ ބިމެއްގައި

25 ޖޫން 2024 - 11:45 0

ރާއްޖޭގައި މިހާރު ހުރި ޖަލުތަކުގެ ބަދަލުގައި ގާއިމްކުރަން ތަސައްވުރުކޮށްފައިވާ "މަރުކަޒީ ޖަލު" އަޅާނީ އުތުރު ލިތަފަޅުން ހިއްކާ 30 ހެކްޓަރުގެ ބިމެއްގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހާޒިރުކޮށް، މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ޖަލު އަޅަން އުތުރު ތިލަފަޅުުން 30 ހެކްޓަރުގެ ޖާގަދޭން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ކެބިނެޓުން އެގޮތަށް ނިންމީ ކޮން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ސެންޓްރަލް އެއް ޖަލު ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ކަމަށާއި އެކަމަށް ބޭނުންވާ ދިރާސާތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފުރަތަމަ ވިދާޅުވީ ޖެނުއަރީ 17، ގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އެ ޖަލު ގާއިމްކުރުމުގެ މަސައްކަތް މިހާރު ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ، 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސުވާލުކުރީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

"އުތުރު ތިލަފަޅުން އަޅުގަނޑުމެންނަށް 30 ހެކްޓަރުގެ ޖާގަ ކަނޑައެޅުމަށް ކެބިނެޓުން ވާނީ ނިންމާފައި. އެ 30 ހެކްޓަރުގެ ޖާގަ ހިއްކުމަށް ފަހުގައި، ހިއްކާ ތަނުން ލޭންޑް ލޭއައުޓް ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ގްރައުންޑް ޕްލޭން ކުރަން ފަށާނަން. މިހާރު ވެސް ތަނުގެ ރިކުއާމެންޓް ހެދުމުގެ މަަސައްކަތް ނިމިފައި، ޖަލުގައި ހުންނަން ވާނީ ކޮން ފެސިލިޓީތަކެއް ކަން މިހާރު ވާނީ އައިޑެންޓިފައިކޮށް ނިންމާފައި،" ނާޒިމުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަމާޒުކުރަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެ ޖަލުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށުމެވެ.

"މީގެ ނަތީޖާއަކަށް ވާނީ ހިންމަފުށީގެ ޖަލު ފެސިލިޓީ އަޅުގަނޑުމެން ބަންދުކުރާނެ، ހިންމަފުށީގެ ޖަލު ފެސިލިޓީ އަޅުގަނޑުމެން ބަންދުކުރާނެ، ހުޅުމާލޭގެ ޖަލު ފެސިލިޓީ އަޅުގަނޑުމެން ބަންދުކުރާނެ،"

މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ އުތުރުތިލަފަޅުގައި ޖަލު އަޅަން ނިންމީ އެތަނަކީ މުސްތަގުބަލުގައި އެއްގަމު މަގުން ދަތުުރުކުރެވޭނެ ތަނަކަށް ވާތީ އެވެ.

"އެއީ ބްރިޖްތައް އެޅެމުން ގޮސް އެންމެ ފަހު ކަނެކްޝަން ހެދޭ ލޭންޑް ބޭސް އޭރިއާކަށް ވާނީ އެތަން ވީމާ، އަޅުގަނޑުގެ ރިކޮމެންޑޭޝަނަކަށްވީ އެއްގަމު މަގުން އެކްސެސްވާ ތަނެއްގައޭ ސެންޓްރަލް ޖެއިލް ފެސިލިޓީ ހުންނަންވީ،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި ގައިދީން ބެލެހެއްޓުމުގެ ހަރަދު ކުޑަކުރެވޭނީ ވެސް އޭރުންނެވެ.