24 ޖޫން 2024 - 12:42 0
ސާއިފް ޝިޔާދު
ފޭސް ތިނެއްގެ ބިން ހިއްކުމުގެ ކަންކަން ބަލައިލުމަށް ރައީސް މުއިއްޒު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވަޑައިގަންނަވަނީ. މިއަދު އަލުން އެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައި --- ފޮޓޯ: ރައީސް އޮފީސް
24 ޖޫން 2024 - 12:42 0
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމަށް ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއު އަލުން ފެށުމަށް މިއަދު ބާއްވާ ރަސްމިއްޔާތަށް ދައުވަތު ދިނުމަށް ފަހު އެ އިވެންޓުގައި ބައިވެރިވެވޭނީ ހަމައެކަނި "ޕާޓްނަރު މީޑިއާ" ތަކަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން "އަދަދު" ނޫހަށް އަންގައިފި އެވެ.
ދެ މަރުހަލާއަކަށް ބަހައިލައިގެން 63 ހެކްޓަރު ހިއްކުމަށް އޮކްޓޯބަރު 2023, ގައި އެޗްޑީސީން ފެށި މަޝްރޫއު މަޑުޖެހިފައި އޮތުމަށް ފަހު އަލުން ފަށަން ނިންމާފައި ވަނީ މިއަދު ހަވީރެ އެވެ.
އެ އިވެންޓުގައި ބައިވެރިވުމަށް މީޑިއާތަކަށް އެޗްޑީސީން ދައުވަތު ފޮނުވީ ރޭ 21:13 ގަ އެވެ. އެ މެސެޖުގައި މި އިވެންޓުން ފުރުސަތު ލިބޭނީ ހަމައެކަނި އެޗްޑީސީގެ މީޑިއާ ޕާޓްނަރުންނަށް ކަމަށް ލިޔެފައި ނެތެވެ. އެކަމުގެ އިޝާރާތެއް ވެސް އެ ކުންފުނިން ކޮށްފައި ނުވެ އެވެ.
އެޗްޑީސީން މީޑިއާއާ މުއާމަލާތް ކުރުމަށް ބޭނުންކުރާ ވަޓްސްއެޕް ގްރޫޕް މެދުވެރިކޮށް ފޮނުވި އެ މެސެޖުގައި ވަނީ އިވެންޓުގައި ބައިވެރިވާ މީޑިއާތަކުން ނަން ލިސްޓު ކުރުމަށް އެދިފަ އެވެ. އެ ލިސްޓުގައި "އަދަދު" ނޫހުގެ ނަން ނުވަވަނައަށް ޖަހާފައި ވަނީ މިއަދު ހެނދުނު 08:22 ގަ އެވެ.
އެ އިވެންޓުގެ ކަވަރު ކުރުމަށް "އަދަދު" އިން ނިންމާފައި ވަނިކޮށް ކުއްލި ގޮތަކަށް މެންދުރު 12:15 ހާއިރު އެޗްޑީސީން ވަނީ އެ ފުރުސަތު ދެވެން ނެތް ކަމަށް "އަދަދު" އަށް އަންގާފަ އެވެ. ސަބަބެއް ކަމަށް އެ ކުންފުނިން ދެއްކީ "ޕާޓްނަރު މީޑިއާއަކަށް" ނުވުމެވެ. "އަދަދު" އަކީ އެޗްޑީސީގެ މީޑިއާ ޕާޓްނަރެއް ނޫނެވެ.
އެޗްޑީސީއަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ދައުލަތުގެ ކުންފުންޏެއް ކަމަށްވާއިރު އެ ކުންފުނީގެ އިވެންޓުތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް އޮންނަން ވާނެ އެވެ.
އެޗްޑީސީއަކީ އަމިއްލަ ފައިސާއިން ހިންގާ ޕްރައިވެޓް ކުންފުންޏެއް ނަމަ އެގޮތަށް އެ ކުންފުނިން އަމަލު ކުރެވޭނެ އެވެ. ނަމަވެސް, އެޗްޑީސީއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ރައްޔިތުންގެ ކުންފުންޏެކެވެ.
ރޭ ވެރިކަން ކުރާ ޕީއެންސީގެ މައި ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހަރުގޭގެ އެތެރެއަށް ވަދެ ފޮޓޯ ނެގުމުގެ ފުރުސަތު ވެސް "އަދަދު" ނޫހުގެ ނޫސްވެރިންނަށް ދީފައި ނުވެ އެވެ.
Comment