Advertisement

ޑިފެންސް މައްސަލަ ހައްލުނުވެއްޖެނަމަ ކްރޮއޭޝިއާ ދާންޖެހޭނީ ރަށަށް

24 ޖޫން 2024 - 12:52 0


ޑިފެންސް މައްސަލަ ހައްލުނުވެއްޖެނަމަ ކްރޮއޭޝިއާ ދާންޖެހޭނީ ރަށަށް

24 ޖޫން 2024 - 12:52 0

ލައިޕްޒިގް (ޖޫން 24) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ކްރޮއޭޝިއާ ކުޅުނު ދެ މެޗުގައިވެސް އެންމެ ބޮޑަށް ފެނިގެންދިޔައީ ޑިފެންސްގެ މައްސަލަތައް ކަމަށާއި މިރޭ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި އެ މައްސަލަތައް ހައްލުނުކުރެވިއްޖެނަމަ، ކްރޮއޭޝިއާ ދާން ޖެހޭނީ ރަށަށް ކަމަށް އެ ޓީމުގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފި އެެވެ،

ގުރޫޕް ބީގައި ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި އަލްބޭނިއާއާ އެކު ވަނީ އެއްވަރުވެފަ އެވެ.

ގަދަ 16 ގެ އުންމީދު ދެމެހެއްޓުމަށް މިރޭގެ މެޗުން މޮޅެއް ހޯދުމަށް ކްރޮއޭޝިއާ އަށް ވަނީ މުހިންމުވެފަ އެވެ.

ޑަލިޗް ބުނީ އިޓަލީއާ ދެކޮޅަށް މިރޭ ނުކުންނައިރު، ކްރޮއޭޝިއާގެ ޑިފެންސްގެ މައްސަލަތައް ހައްލުކުރަންޖެހޭ ކަމަށެވެ.

"ރަޝިއާގައި (2018 ވަނަ އަހަރު) އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ ކޮޅަށް ގޯލެއް ނުވަދޭ. ގަތަރުގައި (2022) ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ ކޮޅަށް ވަނީ އެންމެ ގޯލެއް. އެކަމަކު މުބާރާތުގައި ފުރަތަމަ ދެ މެޗުން ފަސް ގޯލު ކްރޮއޭޝިއާ ކޮޅަށް ވަދެއްޖެ. ނުރައްކާތެރި ކޮންމެ އެޓޭކެއް މި އޮންނަނީ ގޯލަށް ވަދެފައި،" ޑަލިޗް ބުންޏެވެ.

"އަހަރަމެން އެބަޖެހޭ (ޑިފެންސްއާމެދު) ވިސްނައި، އެކަން ރަނގަޅުކުރަން. އެހެން ނޫނީ ޖެހެނީ ރަށަށްދާން."

ޑަލިޗްގެ އިރުޝާދުގެ ދަށުން ކްރޮއޭޝިއާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަދި މިިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލްގައި ވާދަކޮށްފަ އެވެ.

އެހެން ނަމަވެސް، މި އަހަރުގެ ޔޫރޯގެ ނަތީޖާތަކާ ގުޅިގެން، އޭނާ އަށް ވަނީ ގިނަ ފާޑުކިއުންތައް އަމާޒުވެފަ އެވެ.

ޑަލިޗް ބުނީ ފާޑުކިޔުންތަކަކީ އޭނާ އަށް އާކަމެއް ނޫން ކަމަށާއި ނަތީޖާތަކުގެ ޒިންމާ އޭނާ ނަގާނެ ކަމަށެވެ.

"އެއީ އަހަރެން ނަގަންޖެހޭ ޒިންމާއެއް. އަހަންނަށް އެނގޭ މެޑަލްތައް ލިބޭއިރު އަހަރެން މިއީ އެއްވެސް މީހެއް ނޫންކަން. އަހަރެން އެއީ ނަމަކަށް ހުންނަ މީހެއް. އެއީ ކްރޮއޭޝިއާގައި އެކަން އޮންނަގޮތް،" ޑަލިޗް ބުންޏެވެ.

އިޓަލީ އާއި ކްރޮއޭޝިއާގެ ރެކޯޑަށް ބަލާއިރު، މިހާތަނަށް މި ދެ ޓީމު ކުޅުނު އަށް މެޗުން ކްރޮއޭޝިއާ ބައްޔެއްނުވެ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.