Advertisement

ސްޕަލެއްޓީ ނިންމީ ގްރޫޕް ފަހު މެޗަށް އިޓަލީން ބަދަލުތަކެއް ގެންނަން

24 ޖޫން 2024 - 10:41 0


ސްޕަލެއްޓީ ނިންމީ ގްރޫޕް ފަހު މެޗަށް އިޓަލީން ބަދަލުތަކެއް ގެންނަން

24 ޖޫން 2024 - 10:41 0

ލައިޕްޒިގް (ޖޫން 24) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިރޭ އިޓަލީ އާއި ކްރޮއޭޝިއާ ބައްދަލުކުރާއިރު، އިޓަލީގެ ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެޢްޓީ ބުނެފިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީ މުބާރާތް ފެށީ އަލްބޭނިއާ އަތުން މޮޅުވެގެންނެވެ. އެކަމަކު ދެ ވަނަ މެޗުގައި ސްޕެއިން އަތުން އިޓަލީ ވަނީ ބަލިވެފަ އެވެ.

މި މެޗަށް ނުކުންނައިރު ގަަދަ 16 ގެ ފުރުސަތު ބޮޑީ އިޓަލީ އަށެެވެ. މިރޭގެ މެޗުން ކްރޮއޭޝިއާ އަތުން ޕޮއިންޓަކާ އެކު ވެސް އިޓަލީ އަށް ގަދަ 16ގެ ޖާގައެއް ކަށަވަރުވާނެ އެވެ.

އަނެއްކޮޅުން ދެ މެޗުން އެއް ޕޮއިންޓާ އެކު އޮތް ކްރޮއޭޝިއާ އަށް މި ރޭގެ މެޗުން މޮޅުވާން މަޖުބޫރެވެ. ކްރޮއޭޝިއާ އަތުން އިޓަލީ ބަލިވެ، އަލްބޭނިއާ އަތުން ސްޕެއިން މޮޅުނުވެއްޖެނަމަ، ދެ ވަނަ މަގާމު ލިބޭނީ ކްރޮއޭޝިއާ އަށެވެ.

އިޓަލީ އެންމެ ފަހުން ކުޅުނު މެޗުގައި ސްޕެއިން އަތުން ބަލިވީ 1-0 އިންނެވެ.

ސްޕަލެއްޓީ ބުނީ ސްޕެއިން މެޗުން ލިބުނު ތަޖުރިބާގެ ބޭނުން އިޓަލީން ކުރާނެ ކަމަށާއި އިޓަލީގެ ޓީމުގެ ފަރާތުން ބަދުތަކެއް ފެންނާނެ ކަމަށެވެ.

"ސްޕެއިން ކަހަލަ ޓީމަކާ އެކު ކުޅޭ މެޗަކަށް ފަހު، ބަދަލުތަކެއް ގެންނަން ހިތަށްއަރާނެ. ފަހަރެއްގައި އަހަރެން ތަންކޮޅެއް ލަސްވީ ބަދަލުތައް ގެންނަން. އެކަމަކު، މިހާރު ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަވެއްޖެ. ދެން ބަދަލުތައް ފެންނާނެ،" ސްޕަލެއްޓީ ބުންޏެވެ.

ޔޫރޯގެ ތާރީހުގައި ވެސް ޖެހިޖެހިގެން ދެ މެޗުން އިޓަލީ ބައްޔެއްނުވެ އެވެ. އެކަމަކު، ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު އަށް މެޗުގައިވެސް އިޓަލީ މޮޅެއްނުވެ އެވެ.

ސްޕަލެއްޓީ ބުނީ ކްރޮޝިއާ އަކީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވަރުގަދަ ޓީމެއް ކަމަށާޢި މި މެޗުން މޮޅުވާން އުނދަގޫ ވާނެ ކަމަށެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި އިޓަލީ އާއި ކްރޮއޭޝިއާ ބައްދަލުުކުރާ ތިން ވަނަ ފަހަރެވެ. އެ ގޮތުން، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އިން 2-1 އިން އިޓަލީ ބަލިކުރި އެވެ. އޭގެ ފަހުން، 2012 ވަނަ އަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ އާއި އިޓަލީ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ 12 ޖަހާއިރު އެވެ.