Advertisement

ތުރުކީ އަތުން ރަނގަޅު މޮޅެއް ހޯދައި ޕޯޗުގަލް ގަދަ 16 އަށް

22 ޖޫން 2024 - 22:53 0


ތުރުކީ އަތުން ރަނގަޅު މޮޅެއް ހޯދައި ޕޯޗުގަލް ގަދަ 16 އަށް

22 ޖޫން 2024 - 22:53 0

ޑޯޓްމަންޑް (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ތުރުކީ އަތުން 3-0. އިން ރަނގަޅު މޮޅެއް ހޯދައި ޕޯޗުގަލް އިން މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރުމުގެ ޖާގައެއް ޔަގީންކޮށްފި އެވެ.

ޕޯޗުގަލް އިން ބާކީ އެއް މެޗު އޮއްވައި، ނޮކައުޓް ބުރުގެ ފުރުސަތު ހޯދީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ޕޯޗުގަލް އިން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ޕޯޗުގަލްގެ އިތުރުން ފުރަތަމަ ދެ މެޗަށް ފަހު ނޮކައުޓުން ފުރުސަތު ހޯދީ ޖަރުމަނާއި ސްޕެއިނުންނެވެ.

ގްރޫޕް އެފްގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ތުރުކީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެކް ރިޕަބްލިކާއި ހަތަރެއްގައި އޮތް ޖޯޖިއާ މިރޭ އެއްވަރުވިއިރު، އެ ދެ ޓީމަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ޑޯޓްމަންޑްގެ ސިގްލަން އިޑޫނާ ޕާކުގައި މިރޭ ކުޅުނު މެޗުގެ 21 ވަނަ މިނިޓްގައި ޕޯޗުގަލް އިން ލީޑުނެގި އެެވެ. އެ ޓީމުގެ ލަނޑު ޖެހީ، ބެނާޑޯ ސިލްވާ އެވެ. އޭރިއާތެރެއިން ލިބުނު ފުުރުސަތެއްގައި ބެނާޑޯ ސިލްވާ ގޯލަށް ބޯޅަ ފޮނުވާލިއިރު، މިއީ، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި އޭނާ ޖެހި ފުރަތަމަ ގޯލެވެެ.


ޕޯޗުގަލް އިން ލީޑުފުޅާކުރަން މާގިނައިރެއްނުނަގަ އެވެ. އެ ގޮތުން، 28 ވަނަ މިނިޓްގައި، ޕޯޗުގަލް އިން ޖެހި ދެ ވަނަ ލަނޑަކީ ތުރުކީގެ ޑިފެންޑަރު، ސާމިތު އަކައިދިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ތުރުކީގެ ކީޕަރު އަލްޓޭ ބަޔަންދީރު ކުރިއަށް ޖެހި ހުރި ވަގުތެއްގައި އަކައިދިން ފަހަތަށް ދިން ބޯޅަ ވަނީ ބައިކޮޅަށެވެ.

ތުރުކީން އެޓޭކްތަކެއް ކުރި ނަމަވެސް ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ އެ ބޯޅަތައް ހުއްޓުވައިފަ އެވެ. އެ ގޮތުން، އެންމެ ރަނގަޅު ޝޮޓް ފޮނުވާލީ ކަރީމް އަކްތުރު ކޮގްލޫ އެވެ. އޭނާ ޖެހި ޝޮޓް ކޮސްޓާ މަތަކުރީ ފައިންނެވެ.

ޕޯޗުގަލް އިން ތިން ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ލަނޑު ޖެހީ، މެޗުގެ 56 ވަަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭޒް އެވެ. މިއީ، ތުރުކީގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން ފެނާންޑޭޒް ޖެހި ގޯލެކެވެ.

ތުރުކީން ދެ ވަނަ ހާފުގައި ވެސް ބަދަލުތަކެއް ގެނެސްގެން ލަނޑު ޖެހޭތޯ މަސައްކަތްކުރި އެެވެ. ބަދަލަކަށް އެ ޓީމުގެ ޒުވާން ތަރި އާޑާ ގުލާ އެރުވި ނަމަވެސް މާ ބޮޑު ތަފާތެއް ނުދެއްކުނެވެ.

މިއީ ތުރުކީއާ ދެކޮޅަށް ކުޅުނު 10 މެޗުގެ ތެރެއިން ޕޯޗުގަލް މޮޅުވި އަށް ވަނަ މެޗެވެ.