Advertisement

ސިޓީބިޓީ: އިލެކްޝަންސް ކޮމިޝަން އާއި އޮޑިޓަ ޖެނެރަލް އަށް

22 ޖޫން 2024 - 07:22 3

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުނެއްގެ ތެރެއިން. -- ފޮޓޯ: އަދަދު


ސިޓީބިޓީ: އިލެކްޝަންސް ކޮމިޝަން އާއި އޮޑިޓަ ޖެނެރަލް އަށް

22 ޖޫން 2024 - 07:22 3

ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރެއްވި ނަމަވެސް، މުޅި ރާއްޖޭން ގަދަކޮށް ފެނިގެން ދިޔައީ ޕީޕީއެމްގެ ކުލަ އެވެ. ފިޔައިތޮށި ކުލަ އެވެ. ނަމަވެސް އިންތިހާބު ކާމިޔާބުވުމާއެކު ފިޔައިތޮށި ކުލަ ފަނޑުވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައިން އެ ކުލަ އެއްކޮށް ކަހަލަ ގޮތަކަށް ފުހެވިއްޖެ އެވެ.

މި ލިޔުން ހިއްސާކޮށްލުމުގެ ބޭނުމަކީ ޕާޓީގެ އިސްވެރިންގެ ނިންމުންތަކަށް ގޮންޖެހުމެއް ނޫނެވެ. ހަގީގީ މައްސަލަތަކާއި ކަންބޮޑުވުންތަކެއް ހުރުމެވެ. ރިޔާސީ އިންތިހާބާއެކު ޕީޕީއެމްގެ ހަރަކާތްތައް ނިމިއްޖެ އެވެ. ޕާޓީގެ އޮފީހެއް ނެތެވެ. ޕާޓީ ސެނެޓުގެ ބައްދަލުވުމެއް ބޭއްވި ވާހަކައެއް އަޑެއް ނީވެ އެވެ. ޕާޓީގެ ލީޑަރު/ރައީސްގެ މަގާމު ހުސްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

މި ހުސްކަން ފުޅާވަމުން ދާއިރު، ޕާޓީއަށް ލިބޭ ފައިސާ ހޭދަކުރަނީ ކޮންކަމަކަށްތޯ ސުވާލު އުފެދެ އެވެ. ދެ ވަނަ އަށް އެންމެ ގިނަ މެންބަރުން އަދިވެސް ތިބީ ޕީޕީއެމްގަ އެވެ. މި އަހަރު ވެސް ދައުލަތުގެ ބަޖެޓުން ޕީޕީއެމް އަށް 10 މިލިއަން ރުފިޔާ ލިބުނެވެ.

ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު ބޭނުމަކީ އެ ޕާޓީއެއްގެ ފަލްސަފާ ވިއްކުމާއި ފެތުރުމަށް އިންތިހާބުތަކުގައި ބައިވެރިވުމެވެ. ދިހަ ހާސް މެންބަރުން ހަމަވުމުން ފައިސާ ދޭ މައިގަނޑު މަގުސަދަކީ ވެސް އެއީ އެވެ. ނަމަވެސް، ރިޔާސީ އިންތިހާބަށް ފަހު ބޭއްވި ބައި އިލެކްޝަނެއްގައި ވެސް ޕީޕީއެމްއިން ބައިވެރި ނުވެ އެވެ. ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދައެއް ނުކުރެ އެވެ. ވީއިރު، ޕީޕީއެމްއަށް ލިބޭ ފައިސާ މިހާރު ހަރަދު ކުރަނީ ކޮން ކަމަކަށްތޯ އެވެ. މިހާރު އޮފީހެއް ވެސް ނެތެވެ. އިންތިހާބެއްގައި ވާދައެއް ނުކުރެ އެވެ. ޕާޓީގެ ހަރަކާތެއް ނުހިންގަ އެވެ. އެހެންވެ، ހިނގާނެ ހަރަދެއް އޮންނާނެ ކަމަށް ނުބެލެވެ އެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ޕީއެންސީއަކީ ފައިސާ ލިބޭ ޕާޓީއެއް ނޫނެވެ. ފުރަތަމަ ފަހަރަށް ޕީއެންސީ އަށް ފައިސާ ލިބުނީ މި އަހަރު އެވެ. އެއީ 8 މިލިއަން ރުފިޔާ އެވެ. ކޯލިޝަންގެ މައި ޕާޓީއެއްގެ ގޮތުގައި މިހާރު ޕީއެންސީ ބެލުމަކީ ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންގެ ނިންމުމުމެވެ. ނަމަވެސް ޕީޕީއެމް އިން ސިޔާސީ ޕާޓީއެއްގެ މަގުސަދު ހާސިލުކުރުމަށް ހަރަކާތެއް ހިންގަމުން ނުދާއިރު، ދައުލަތުން ދޭ ފައިސާ، އެހެން ޕާޓީއެއްގެ މަގުސަދުތައް ހާސިލުކުރަން ހަރަދު ކުރާނަމަ އެއީ ރަނގަޅު އުސޫލެއް ކަމަށް ނުބެލެވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި "އެއްވެސް މީހަކަށް އެއްފަހަރާ އެއް ސިޔާސީ ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުހުރެވޭނެ" ކަމަށް ބުނެފައިވެ އެވެ. މިކަމުން އަންގައި ދެނީ ޕާޓީތަކުގެ ހިންގުން ވަކިން އޮންނަން ޖެހޭނެ ކަމެވެ. ނަމަވެސް ޕީއެންސީގެ ތެރެއިން އެގަހު ކޭލެއް، މި ގަހު ކޭލެއް ނޭނގެ އެވެ.

ވެރިކަންކުރާ ޕާޓީގެ ހާލަތު މިހެން ހުރިއިރު، މެންބަރުންގެ ގޮތުން ދެ ވަނައަށް އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ މެންބަރުންގެ ނަމުގައި، އެ މެންބަރުން ބޯގުނައިގެން ލިބޭ ފައިސާ، ޕާޓީގެ އިސްވެރިން ބޭނުންވާ ގޮތަކަށް ހަރަދު ކުރެވިގެން ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. މިކަން މާބޮޑަށް ގޯސްވެގެން ނުދަނީސް އިލެކްޝަންސް ކޮމިޝަނާއި އޮޑިޓަ ޖެނެރަލް ބެއްލެވުން މުހިއްމު ކަމަށް ދެކެމެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވެސް މިކަން ބެލުން މުހިންމު ކަމަށް ދެކެމެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލު ހަރުދަނާ ކުރަން އެބަޖެހެ އެވެ.

ޕީޕީއެމް އަށް ހެޔޮ އެދޭ މީހެއް

--

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.