Advertisement

ފީފާ އިން ބައްސާމް ނުވަ މަހަށް ސަސްޕެންޑްކޮށްފި

20 ޖޫން 2024 - 20:13 2

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ފީފާ އިން ބައްސާމް ނުވަ މަހަށް ސަސްޕެންޑްކޮށްފި

20 ޖޫން 2024 - 20:13 2

ފީފާ އިން ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، ބައްސާމް އަދީލް ޖަލީލް، ނުވަ މަސް ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.

ފީފާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން ކުރަމުން އަންނަ ތަހުގީގުގެ ކަންކަމަށް ބަލައި، ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެ ގޮތުން، ޕީޖީ އޮފީހުގެ މި ތަހުގީގުގެ ތެރެއިން، 22 އޮކްޓޫބަރު 2023 ގައި އެފްއޭއެމް ހައުސް ބަލައި ފާސްކޮށްފައިވާއިރު، މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ އިތުރުން އެފްއޭއެމަށް ލިބޭ ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމަށެވެ.

އެ ގޮތުން، ފީފާގެ ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ހޯދި ހޯދުމުން، ބައްސާމް ވަނީ އެފްއޭއެމްގެ އެންމެ އިސްވެރިއެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ހަދިޔާ ހޯދުމާއި ރާއްޖެ އަށް ލިބޭ ފަންޑް/ފައިސާ ނަަހަަމަ ގޮތުގައި ބޭނުންކުރުމުގެ ކަންތައްތަކެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ. އަދި މި ކަންކަމުގެ ތަހުގީގު އިތުރަށް ކުރިއަށްގެންދަން ފީފާ އިން ވަނީ ނިންމައިފަ އެވެ.

ފީފާ އިން ބުނީ ބައްސާމްގެ މި ސަސްޕެންޝަންގެ ދުވަސް ގުނަން ފަށާފައިވާކަން އޭނާ އަށް މިއަދު އަންގާފައިވާނެ ކަމަށެވެ.

ބައްސާމްގެ މައްޗަށް، ޕީޖީ އޮފީހުން އުފުލީ ހިޔާނާތާއި ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.

ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ނުޅެވޭ ގޮތަށް ފީފާ އިން ބައްސާމަށް ދީފައިވާ މި ސަސްޕެންޝަންގެ މުއްދަތު ގުނަން ފަށާފައިވާއިރު، އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާގެ ދެ ވަނަ ދައުރު އަންނަ މަހުގެ ދެ ވަނަ ދުވަހަށް ހަމަވާނެ އެވެ.

ބައްސާމް، އެންމެ ފުރަތަމަ އެފްއޭއެމްގެ ރައީސްގެ މަގާމަށް އިންތިހާބުވީ 2016 ވަނަ އަހަރު އެވެ. ދެ ވަނަ ދައުރަކަށް 2020 ވަނަ އަހަރު އިންތިހާބުވި އެވެ. ބައްސާމްގެ ދެ ވަނަ ދައުރު ފެށިގެން އެފްއޭއެމްގެ މާލީ ހާލަތު އަޑިއަޅާލައިފައިވާއިރު، ރާއްޖޭގެ ގިނަ ކުންފުނިތަކަކަށް އެފްއޭއެމް އިން ވަނީ މިލިއަނުން ދަރައިފަ އެވެ. އަނެއްކޮޅުން، 2021 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވިއިރު، އެ މުބާރާތާ ގުޅޭ ގިނަ ފައިސާތަކެއް ދައްކާފައިނުވާތީ، ސާފުން ވަނީ އެ ކަމުގެ ޝަކުވާ އޭއެފްސީއާ ހަމައަށް ގެންގޮސްފަ އެވެ.