Advertisement

ހަލީލުގެ އެމްޑީކަމުގައި ލިޔެކިޔުން ނެތި ކުރުވި މަސައްކަތްތަކަށް ޕީއެސްއެމްއިން އެއް މިލިއަން ރުފިޔާ ދޫކޮށްފި

18 ޖޫން 2024 - 09:19 12

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު: ލިޔެކިޔުން ނެތުމުން ކުރީގެ މެނޭޖްމަންޓުން ނިންމާފައި އޮތީ ކޯޓުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް ފައިސާ ދޫނުކުރަން -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ


ހަލީލުގެ އެމްޑީކަމުގައި ލިޔެކިޔުން ނެތި ކުރުވި މަސައްކަތްތަކަށް ޕީއެސްއެމްއިން އެއް މިލިއަން ރުފިޔާ ދޫކޮށްފި

18 ޖޫން 2024 - 09:19 12

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ރައީސް އޮފީހުގެ މިހާރުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ހުންނެވިއިރު ލިޔެކިޔުން ނެތި އެ ކުންފުނިން ކުރުވި ބައެއް މަސައްކަތްތަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

ކޯޓުގެ ހުރިހާ މަރުހަލާއެއް ނިމުމުގެ ކުރިން އެ ފައިސާ ދޫނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮތީ ނިންމައިފަ އެވެ. ނަމަވެސް ކުންފުނީގެ މިހާރުގެ ބޯޑުން ނިންމީ ފައިސާ ދޫކުރުމަށެވެ. އެ ފައިސާ ދޫކުރަން އަންގައި އެކަމަށް ދެކޮޅު ހެދުމުން ޕީއެސްއެމްގެ ފައިނޭންސް ހެޑު އަހުމަދު ހަނީފް ވަނީ އެ ކުންފުނިން ވަކިކޮށްފަ އެވެ.

ޕީއެސްއެމްއިން އެ ފައިސާ ދޫކުރީ މިދިޔަ މެއި އަދި މި ހިނގާ ޖޫން މަހުގެ ތެރޭގަ އެވެ. އެގޮތުން ޖުމުލަ 1،153،992ރ. ޕީއެސްއެމް އިން ދޫކުރި އެވެ. އެއީ ޖޭއެމްޖޭ އިންވެސްޓްމަންޓަށް ދޫކުރި 1،113،992ރ. އާއި އަބްދުﷲ އަޒްމީނަށް ދޫކުރި 40،000ރ. އެވެ.

ޕީއެސްއެމްއިން ދޫކުރި ފައިސާގެ ޓްރާންސްޕާ ސްލިޕްތައް


ޖޭއެމްޖޭ އިންވެސްޓްމަންޓަށް ދޫކުރި 1.1 މިލިއަން ރުފިޔާގެ ތެރެއިން ހަތަރު ލައްކަ ރުފިޔާ ފޮނުވާފައި އޮތީ އެ ކުންފުނީގެ ވެރިޔާ ޔާސިރާ ޔޫސުފްގެ އެކައުންޓަށެވެ. ބާކީ ހަތް ލައްކަ ފޮނުވީ ކުންފުނީގެ އެކައުންޓަށެވެ. އެއީ މަރާމާތް ކުރުން، ކުލަ ލުން ފަދަ މަސައްކަތްތަކަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާ އެވެ.

ކުރީގެ ފުޓުބޯޅަ ކޮމެންޓޭޓަރު އަބްދުﷲ އަޒްމީނަށް ދޫކުރި ފައިސާއަކީ ވޯލްޑް ކަޕް 2018 އަށް މެގަޒިނެއް ތައްޔާރު ކުރުމަށްފަހު ދޭންޖެހޭ ފައިސާ އެވެ. އެ މެގަޒިން ޕްރިންޓު ކުރި ފަރާތަށް ވެސް ޕީއެސްއެމްއިން އޮތީ ފައިސާ ނުދީ އެވެ. ކޯޓުން އެ ފައިސާ ދޫކުރަން ހުކުމް ކުރުމުން މިހާރު ފައިސާ ނުދައްކާ ކަމެއް ނޭނގެ އެވެ.

އެ ހުރިހާ މަސައްކަތެއް ޕީއެސްއެމްއިން ކުރުވާފައި އޮތީ އެ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށެވެ. އަދި މަސައްކަތް ހަވާލު ކުރިކަމުގެ އަދި ނިންމިކަމުގެ ލިޔެކިޔުމެއް ވެސް ޕީއެސްއެމްއަކު ނެތެވެ. ނަމަވެސް އަޒްމީނަށް ފައިސާ ދޫކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އެ މަސައްކަތް ކުރި ކަމުގެ ލިޔުމެއް ޕީއެސްއެމް މާކެޓިން ޑިޕާޓްމަންޓުން ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވި އެވެ. އަޒްމީންއަކީ މިހާރުގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރުއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ.

ޕީއެސްއެމްއާ ދެކޮޅަށް މިހާރު ވެސް ކޯޓުގައި ގިނަ މައްސަލަތަކެއް އެބަ ހިނގަ އެވެ. އޭގެ ތެރެއިން ގިނައީ ކުންފުންޏާ ހަލީލު ހަވާލުވެ ހުންނެވިއިރު ކުރުވާފައިވާ މަސައްކަތްތަކަށް ނުދައްކާ އޮތް ފައިސާ އެވެ.