Advertisement

ކްރޮއޭޝިއާ އަކީ ފޭވަރިޓަކަށް ނުވުމަކީ މޮޑްރިޗަށް މައްސަަލައެއް ނޫން

15 ޖޫން 2024 - 17:46 0


ކްރޮއޭޝިއާ އަކީ ފޭވަރިޓަކަށް ނުވުމަކީ މޮޑްރިޗަށް މައްސަަލައެއް ނޫން

15 ޖޫން 2024 - 17:46 0

ބާލިން (ޖޫން 15) - މި އަހަރުގެ ޔޫރޯގެ ފޭވަރިޓަކަށް ކްރޮއޭޝިއާ ނުވުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އެ ޓީމަށް އާ ކަމެއް ނޫން ކަމަށް އެ ޓީމުގެ ކެޕްޓަން ލޫކަ މޮޑްރިޗް ބުނެފި އެވެ.

މި އަހަރުގެ ޔޫރޯގެ ގުރޫޕް ބީގައި ކްރޮއޭޝިއާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ސްޕެއިންއާ ދެކޮޅަށް ނުކުންނާނެ އެވެ.

މޮޑްރިޗް ،38، މި އަހަރުގެ ޔޫރޯއަށް ކްރޮއޭޝިއާއެކު ނުކުންނައިރު، އެ ޓީމަކީ ޔޫރޯގެ ފޭވަރިޓެއް ނޫނެވެ. އެކަމަކު އެއީ މޮޑްރިޗް މާބޮޑު ސަމާލުކަމެއް ދޭ ކަމެއް ނޫނެވެ.

"ފޭވަރިޓަށްނުވުމަކީ އަހަންނަށް މައްސަލައެއް ނޫން. އެހެން ޓީމުތައް ފޭވަރިޓުންނަށް ކިޔައިގެން މުބާރާތެއްގައި ވާދަކުރުމަކީ އަހަރަމެންނަށް އާ ކަމެއް ނޫން،" ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ މޮޑްރިޗް ބުންޏެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީމަށް 2006 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ މޮޑްރިޗް ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތަކީ މި އަހަރުގެ ޔޫރޯ ކަމަށް ބެލެވެ އެވެ.

މޮޑްރިޗް އަކީ މިހާރު ކްރޮއޭޝިއާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާއެވެ. މޮޑްރިޗް ވަނީ ގައުމީ ޓީމަށް 175 މެޗު ކުޅެފައެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކުރިއިރު، ގަތަރުގައި އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނެވެ.

އެކަމަކު، ޔޫރޯގައި ކްރޮއޭޝިއާ އާށް މިހާތަނަށް ލިބިފައިވާ އެންމެ ރަނގަޅު ނަތީޖާއަކީ 2008 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ.

ސްޕެއިން އާއި ކްރޮއޭޝިއާ ރެކޯޑަށް ބަލާއިރު، ކުރީގައި އޮތީ ސްޕެއިން އެވެ. މި ދެ ޓީމު މިހާތަނަށް 11 ފަހަރު ބައްދަލުކޮށްފައިވާއިރު، ސްޕެއިން ވަނީ ހަ މެޗުން މޮޅުވެފަ އެވެ. ކްރޮއޭޝިއާ މޮޅުވީ ތިން މެޗުންނެވެ.