Advertisement

ނޫސްވެރިކަމަށް ހާއްސަ ބިލެއް: އުޝާމް ވިދާޅުވީ ނޫސްވެރިން ބޭނުންވެއްޖެ ނަމަ އަދަބު ދިނުން ބިލުގައި ހިމަނާނެ ކަމަށް

15 ޖޫން 2024 - 11:12 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ބަންޑާރަ ނައިބު އުޝާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި. ނޫސްވެރިކަމުގެ މިނިވަންކަން ބަޔާންކުރާ ހާއްސަ ގާނޫނެއް މިހާތަނަށް ވުޖޫދުކޮށްފައި ނުވޭ --- ފޮޓޯ: އޭޖީ އޮފީސް


ނޫސްވެރިކަމަށް ހާއްސަ ބިލެއް: އުޝާމް ވިދާޅުވީ ނޫސްވެރިން ބޭނުންވެއްޖެ ނަމަ އަދަބު ދިނުން ބިލުގައި ހިމަނާނެ ކަމަށް

15 ޖޫން 2024 - 11:12 2

ނޫސްވެރިކަމުގެ މިނިވަކަން ބަޔާން ކުރާ ހާއްސަ ގާނޫނެއް ތައާރަފް ކުރައްވާނެ ކަމަށާއި "ނޫސްވެރިން ބޭނުންވެއްޖެ" ނަމަ އެ ބިލުގައި މީޑިއާތަކަށް އަދަބު ދިނުން ވެސް ހިމަނުއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލު އެކުލަވާލާނީ ނޫސްވެރިންނާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދަބު ދިނުމުގެ ބައި ނޫސްވެރިން ހިމަނަން ބޭނުންވެއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"ތިބޭފުޅުން ނިންމަވާނީ [އަދަބު ދިނުމުގެ ބައެއް ބިލުގައި ހިމަނާނެތޯ]. ތިބޭފުޅުން ނިންމަވަންވީ ތިބޭފުޅުންނަށް އަދަބެއް ދެންޏާ އަދަބު. [އެއިރުން] ގާނޫނުގައި ހިމެނޭނެ އަދަބުގެ ވާހަކަ،" އުޝާމް ވިދާޅުވި އެވެ.

ބިލާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ މަޝްވަރާއަށް ދިޔުމުގެ ކުރިން، އަދަބު ދިނުމުގައި ބައި ނުހިމަނާނެ ކަމަށް އޭނާއަށް ނުދެންނެވޭނެ ކަމަށެވެ.

"އަޅުގަނޑު މިކަން ކުރާއިރުގައި ބްރޯޑްކާސްޓިން ކޮމިޝަން. މީޑިއާ ކައުންސިލް އަދި ނޫސްވެރިންނާ ވެސް މަަޝްވަރާ ކުރުމަށްފަހު މިކަން ކުރާނީ. އެހެންވީމަ ތީގަ އަދަބެއް ހިމެނޭނެތޯ ނުވަތަ ނޫންތޯ، މިސާލަކަށް ހަމަ ތިބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ބޭނުންވެދާނެ އަދަބު ހިމަނަން. އެހެންވީމާ އަޅުގަނޑަކަށް ނުދެންނެވޭނެ ނޫންތޯ އަޅުގަނޑު އަދަބެއް ނުހިމަނާނަމެކޭ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ނޫސްވެރިންނަށް އަދަބެއް ދިނުމަށް ސަރުކާރުން މިހާތަނަށް ނުނިންމާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ އަދަބު ދޭ ގޮތަށް ހިމަނަން އެކަހަލަ ނިންމުމެއް ނިންމައިގެނެއް ނޫން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ދީފައިވާ އަސާސީ މިނިވަންކަމެކެވެ. މިހާތަނަށް ނޫސްވެރިކަމުގެ މިނިވަންކަން ބަޔާން ކުރާ ހާއްސަ ގާނޫނެއް ހަދާފައެއް ނުވެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ބަޔާން ކުރާ މާއްދާގައި ބުނެފައި ވނަީ "ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ" ކަމަށެވެ. އަދި "މީގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ށާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނޭ" ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ.

ދިވެހިރާއްޖޭގައި 219 އަށް ވުރެ ގިނަ ނޫސް އަދި މަޖައްލާ ރަޖިސްޓްރީކޮށްފައިވެ އެވެ. އެއީ ކްލަބް ޖަމިއްޔާ އާއި ސްކޫލް ފަދަ ތަންތަނުން ނެރޭ މަޖައްލާތައް ވެސް ހިމެނޭ ގޮތަށެވެ.