14 ޖޫން 2024 - 15:33 0
14 ޖޫން 2024 - 15:33 0
ޕޯޗުގަލް އަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހަތަރު ވަނަ އަށް ކޮލިފައިވި ޓީމެވެ. މިއީ، ޕޯޗުގަލް އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނެ ނުވަ ވަނަ ފަހަރެވެ. މީގެ ކުރިން، ޕޯޗުގަލް އިން ވަނީ 2016 ވަނަ އަަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި ޕޯޗުގަލް އިން ވާދަކުރި އެއްވެސް ފަހަރެއްގައި ގްރޫޕް ސްޓޭޖުން ކަޓާފައެއް ނުވެ އެވެ. ދެ ފައިނަލުގައި ކުޅެ އެއް ތަށި ހޯދިއިރު، ބަލިވީ، 2004 ވަނަ އަހަރު ޕޯޗުގަލްގައި މުބާރާތް ހޯސްޓްކުރިއިރު އެވެ.
ޕޯޗުގަލް އިން އެންމެ ފަހުން ޔޫރޯގައި ތަށި ދިފާއުކުރަން ނުކުމެ، މުބާރާތުން ކެޓީ ގަދަ 16 ބުރުންނެވެ. އެއީ ބެލްޖިއަމް އަތުން 1-0 އިންނެވެ. އޭރު ބެލްޖިއަމް ކޯޗަކަށް ހުރި ރޮބާޓޯ މާޓީނޭޒް އަކީ މިހާރު ޕޯޗުގަލްގެ ކޯޗެވެ. މާޓީނޭޒް، ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވީ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު، ފެނާންޑޯ ސަންޓޯސް، ޕޯޗުގަލްގެ ކޯޗުކަން ދޫކޮށްލުމުންނެވެ.
މާޓީނޭޒްގެ ކޯޗުކަމުގައި، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ގްރޫޕް ޖޭގައި ވާދަކޮށް، ޕޯޗުގަލް އިން ނިންމާލީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ކުޅުނު 10 މެޗުން ވެސް މޮޅުވެގެންނެވެ. ޕޯޗުގަލް އިން މި މެޗުތަކުގައި، 36 ގޯލު ޖެހިއިރު، އެ ޓީމު ކޮޅަށް ވަނީ އެންމެ ދެ ގޯލެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް އިން ވަރުގަދަ ސްކޮޑަކާ އެކު ދާއިރު، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކުޅުންތެރިންގެ ފެންވަރާއި ހުނަރަށް ބަަލާއިރު، އެންމެ ރަނގަޅު ޓީމުތަކުގެ ތެރޭގައި ޕޯޗުގަލް ހިމެނޭނެ އެވެ.
ޕޯޗުގަލްގެ ތަރި އަކީ އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުގައި ވެސް ރޮނާލްޑޯ އަންނަނީ ލަނޑު ޖަހައި، ފެންވަރު ސާބިތުކޮށްދެމުންނެވެ. ޕޯޗުގަލް ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކީ ވެސް އިންޑިވިޖުއަލީ ތަފާތު ދެއްކޭނެ ފެންވަރު ކުޅުންތެރިންނެވެ.
ޕޯޗުގަލް ހިމެނޭ ގްރޫޕްގައި އޮތް ޖޯޖިއާ، ތުރުކީ އަދި ޗެކް ރިޕަބްލިކް އަތުން އެ ޓީމަށް ކުރި ލިބި، ގްރޫޕް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment