އޮލިމްޕިކްސްގައި ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް ޓީޓީ އައްޔަ

12 ޖޫން 2024 - 02:16 3


އޮލިމްޕިކްސްގައި ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް ޓީޓީ އައްޔަ

12 ޖޫން 2024 - 02:16 3

އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ހަމަޖައްސައިފި އެވެ.

ފްރާންސްގެ ޕެރިހުގައި އޮލިމްޕިކްސް ކުރިއަށްދާނީ އަންނަ މަހުގެ 26 އިން ފެށިގެން އޮގަސްޓް 11 ވަނަ ދުވަހަށެވެ.

ޗެފް ޑި މިޝަން އަކަށް އައްޔަ ހަމަޖެއްސިއިރު އޭނާގެ އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި އޮތީ ރާއްޖޭގެ ހުރިހާ ކޮންޓިންޖެންޓަށް މި ގޭމްސްގައި ބޭނުންވާ ކަންކަން ހަމަޖެއްސުމެވެ. ތިން ވަނަ ދައުރަކަށް ޓީޓީ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ އައްޔަ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރެކެވެ.

މިއީ، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް އޮލިމްޕިކްސް އަށް އެންމެ ގިނަ ކުޅިވަރުގެ ބައިވެރިވުމާ އެކު، ބޮޑު ކޮންޓިންޖެންޓެއް ދާނެ ފަހަރެވެ. އެ ގޮތުން ފުރަތަމަ ފަހަރަށް މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަކީ ރާއްޖެ އަށް ތާރީހީ ފަަހަރެކެވެ. އެ ގޮތުން، ދިވެހި އެތުލީޓަކު ވަނީ ފުރަތަމަ ފަހަރަށް ކޮލިފައިން ބުރެއް ފަހަނައަޅައި ގޮސް އޮލިމްޕިކްސް އަށް ކޮލިފައިވެފަ އެވެ. އެ ޝަރަފް ހޯދާފައިވަނީ، 16 އަހަރުގެ ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އެވެ.

އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާ އެވެ. ނަބާހާ އަކީ ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓެވެ. އަދި އެއް އޮލިމްޕިކްސް އަށް ވުރެ ގިނަ އޮލިމްޕިކްސްގައި ވާދަކުރި ހަމައެކަނި ދިވެހި އެތުލީޓަކީ ވެސް ނަބާހާ އެވެ.

އެތުލެޓިކްސް އިން މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާނީ ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އިބާދުﷲ އާދަމް އެވެ. އޭނާ އެ ޖާގަ ހޯދީ، ގައުމީ އެތުލީޓުންގެ މެދުގައި ކުރިއަށްދިޔަ ޓައިމް ޓްރަޔަލްގައި ރަނގަޅު ކުރިއެރުމެއް ހޯދައިގެންނެވެ.

މި ފަަހަރުގެ އޮލިމްޕިކްސް އަށް އެންމެ ފަހުން، އެތުލީޓުން ކަނޑައަޅަނީ ސްވިމިން އެވެ. އެ ގޮތުން، ސްވިމިން އިން އޮލިމްޕިކްސް އަށް ދާނެ އެތުލީޓުން ކަނޑައަޅާނީ ސިންގަޕޫރުގައި ކުރިއަށްދާ މުބާރާތުގައި އެތުލީޓުން ނެރޭ ނަތީޖާ އަށް ބެލުމަށް ފަހު އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ލަތީ

9 months ago

މީގެ ކުރިން އެހެންޤައުމުތަކުގެ މައްޗައްކުރިހޯދިފައިނެތެއްނުން "އަޒީ"

އަޒީ

9 months ago

އަޖައިބެއް ކަހަލަ ކަމެއްނު! ޓީޓީ ފިޔަވާ އެހެން ކުޅިވަރުތަކަށް އޮލިމްޕިކް ކޮމިޓީން ދިން ސްކޮލަރޝިޕް ފައިސާއަށް ހެދިގޮތެއް ބަލާކަށް މިމީހުންނޫޅޭ. އެންމެ ކުއްޖަކަށް ބަލައިގެން ކަންކަން ކުރުމަކީ އެހެން ކުޅިވަރުތައް ހަލާކުވެދާނެ ކަމެއް. ޓީޓީން ކޮލިފައިވީ ކިތައް މެޗުކުޅެގެންތޯ ނޫނީ ކިހާ ފެންވަރެއްގެ ބަޔަކާ ކުޅެގެންތޯ މީވެސް ބަލާލުން ރަނގަޅުކަމެއް. މި ސަރަޙައްދުގައި އެއްޗަކަށްވާގޮތަށް ޓީޓީކުޅެނީ އިންޑިޔާ އެކަނި. އެމީހުންނުލާ ކޮލިފައިން ކުޅުނީ.

މޫސަ

9 months ago

ކޮލިފައިންގައި ކުޅެވެނީ ކޮންމެ ޤައުމެއްގެ ނެޝަނަލް ރޭންކިންގ 1 އަދި 2 އަށް. އިންޑިޔާ ނުކުޅުނީ އިންޑިޔާ ޓީމް ކޮލިފައިވެފައިވާތީ..