Advertisement

އިންޑިއާ އާއެކު ހެދި އަސްކަރީ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ބަލަން 241 ގެ ސަބް ކޮމިޓީއަކަށް

10 ޖޫން 2024 - 10:33 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން. މި މައްސަލަތައް ދިރާސާކުރާނީ ހަތަރު މެންބަރުންގެ ކޮމިޓީއަކުން --- ފޮޓޯ: މަޖިލިސް އިދާރާ


އިންޑިއާ އާއެކު ހެދި އަސްކަރީ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ބަލަން 241 ގެ ސަބް ކޮމިޓީއަކަށް

10 ޖޫން 2024 - 10:33 0

މިދިޔަ ސަރުކާރުގެ ފަރާތުން ސޮއިކުރި ހަތަރު އެއްބަސްވުމެއްގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވުމަށް މިއަދު ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގަ އެވެ. އެ މައްސަލަތައް ބަލަން ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެވެ. އޭނާ ހުށަހެޅުއްވީ ތިން މައްސަލައެއް ބެލުމަށެވެ.

އެއީ, ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއި ނުކުރުމަށް ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްއެންޑީއެފްއިން އެދުމަށް ފަހު މިދިޔަ ވެރިކަމުގައި އެ އެއްބަސްވުމުގައި ސޮއިކުރިއިރު އެމްއެންޑީއެފްގެ ވިސްނުން ބަދަލުވި ގޮތް ހޯދުމަށެވެ. އެ އެއްބަސްވުން އާ ނުކުރަން މި ސަރުކާރުން ވަނީ ނިންމާފަ އެވެ.

ދެން އޭނާ ހުށަހެޅުއްވީ އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމުގެ މައްސަލަ ބެލުމަށެވެ. އޭނާ ހުށަހުޅުއްވީ އެ އެއްބަސްވުމާ ހަމައަށް ވާސިލުވި ގޮތް ހޯދުމަށެވެ. އޭގެ އިތުރުން, ޑޯނިއާ އެއްބަސްވުމަށް ވާސިލުވި ގޮތް ވެސް ހޯދުމަށް އޭނާ ހުށަހެޅުއްވި އެވެ.

"މީގެ ބޭނުމަކީ ކުރިން ތިބި ބަޔެއްގެ މައްސަލަ ބަލައި އެ މީހުން ފަލީހަތް ކުރުމެއް ނޫން. އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާއަކީ ފަހުން ވެސް މިފަދަ އެއްބަސްވުންތައް ހެދިގެން އަންނައިރު ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކޮށް ކުރާ ކަމެއްކަން ކަށަވަރު ކުރުން," އަޒާން ވިދާޅުވި އެވެ.

އެއަށްފަހު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލާގައި މިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތާ ގުޅޭ މައުލޫމާތު ދިނުމަށް ވެސް ހުށަހަޅުއްވާފަ އެވެ.

އެ ދެ ހުށަހެޅުން ބެލުމަށް 241 ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލަން ވަނީ މިއަދު ފާސްކޮށްފަ އެވެ. އެއީ ހަތަރު މެންބަރުންގެ ސަބް ކޮމިޓީއެކެވެ.

ހަތަރު މެންބަރުންގެ ސަބް ކޮމިޓީ

  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު
  • ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
  • ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު

މި ހަފްތާގެ ތެރޭގައި ވެސް ކަމާބެހޭ އެއްވެސް ވުޒަރާއެއް ހާޒިރު ކުރެވޭނަމަ 241 ކޮމިޓީއަށް ހާޒިރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ.

ސިފައިންނާއި ފުލުހުން، ޑިފެންސް މިނިސްޓްރީ އަދި ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުން ހުރި މައްސަލައެެއް މަޖިލީހުން ބަލާނަމަ އެ މައްސަލައެއް ބަލާނީ 241 ކޮމިޓީންނެވެ. އެ އިދާރާތަކާ ގުޅޭ ގޮތުން ހުށަހަޅާ ބިލުތައް ދިރާސާކުރާނީ ވެސް އެ ކޮމިޓީންނެވެ. އެ އިދާރާތަކުގެ މައްސަލަތައް ބަލައި ކަންތައްތައް އިސްލާހު ކުރަން އެންގުމާއި އެ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް އެކޮމިޓީއަށް އޮވެ އެވެ.