ލަންޑަން (ޖޫން 8) - އިނގިރޭސި ލީގު ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، އިނގިރޭސި ޕްރިމިއާ ލީގަށް އަލުން ޕްރޮމޯޓްވި ލެސްޓާ ސިޓީން އެ ޓީމުގެ ތަޖުރިބާކާރު ފޯވަޑް ޖޭމީ ވާޑީގެ ކޮންޓުރެކްޓް އިތުރު އެއް އަހަރަށް އާކޮށްފިއެވެ.
ލެސްޓާ އިން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ޕްރިމިއާ ލީގަށް ޕްރޮމޯޓްވިއިރު، ވާޑީ ވަނީ ޗެމްޕިއަންޝިޕްގައި 18 ލަނޑު ޖަހައިފައެވެ.
އިންގްލެންޑްގެ ގައުމީ ޓީމަށްވެސް ކުރިން ކުޅުނު ވާޑީ، 37، ގެ ކޮންޓުރެކްޓް ލެސްޓާ އިން އާކުރީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ލެސްޓާ އިން 2015/2016 ވަނަ އަހަރުގެ ސީޒަންގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ވާޑީ އަކީ އެ ކާމިޔާބީގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. އަދި އޭނާ ވަނީ 2019/2020 ވަނަ އަހަރުގެ ސީޒަންގައި ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދައިފަ އެވެ.
ވާޑީ ބުނީ ޕްރިމިއާ ލީގުގައި އޭނާ އަށް އަދިވެސް ތަފާތު ދެއްކޭނެ ކަމަށް ގަބޫލްކުރާ ކަމަށެވެ.
"އަހަރެން އަބަދުވެސް ބުނަން އުމުރަކީ ހަމައެކަނި ނަމްބަރެކޭ. އަހަރެން މިހުރީ ފިޓުކޮށް. ނުވާވަރުވީމަ އަހަރެން ކުޅުން ހުއްޓާލާނަން،" ވާޑީ ބުންޏެވެ.
"ކޮންމެވެސް ދުވަހަކުން ކުޅުން ހުއްޓާލަންޖެހޭނެ. އެކަމަކު އަދި އެ ވަގުތެއް ނުޖެހޭ."
ވާޑީ ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 26 މެޗު ކުޅެ، ހަތް ލަނޑު ޖަހައިފަ އެވެ. އެކަމަކު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.
Comment