4 ޖޫން 2024 - 14:54 0
އަހުމަދު އާއިދު
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު : އިޒްރޭލު މައްސަލާގައި ކުރިމަތިވި ފާޑުކިޔުންތަކަށް ޖަވާބެއް ދެއްވަން ފަލާހު ދެކޮޅު ހައްދަވައިފި - ފޮޓޯ: މިރާން ނާޝިމް / އަދަދު
4 ޖޫން 2024 - 14:54 0
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމަކީ ދެ ގައުމެއްގެ ދޭތެރޭ ހިނގާ މައްސަލަތަކެއް ކަމަށް ވިދާޅުވުމުން އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބެއް ދެއްވަން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދެކޮޅު ހައްދަވައިފި އެވެ.
ގާޒާ ގަތުލުއާންމަކީ ދެ ގައުމެއްގެ ދޭތެރޭގައި އޮތް މައްސަލައެއް ކަމަށް ވިދާޅުވުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން، ފަލާހު ވިދާޅުވީ މައުލޫއާ ގުޅޭ ކަމަކަށް ނުވާތީ އެ ވާހަކަ މިއަދު ނުދައްކަވާނެ ކަމަށެވެ.
"އަޅުގަނޑު ދެން އެކަންކަމަށް، ދެން އެހާބޮޑަކަށް، ދެއްތޯ ވާހަކަ މިއަދަކު [ނުދައްކާނަން] އެ މައުލޫއާ ގުޅޭ ކަމަކަށް ނުވާތީ އިނގޭތޯ،" ފަލާހު ވިދާޅުވި އެވެ.
ގާޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމަކީ ހަމައެކަނި ދެ ގައުމެއްގެ ދޭތެރޭގައި ހިނގާ މައްސަލައެއް ކަމަށް ފަލާހު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާމެދު އޭނާގެ ހިޔާލަކީ ކޮބައިތޯ ނޫސްވެރިއަކު އެހުމުންނެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ޕާސްޕޯޓު މަނާ ކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ނިންމައިފަ އެވެ.
މެއި 28، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްރޭލު ޕާސްޕޯޓާ ގުޅޭގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރި އެވެ. އެ ސުވާލުތަކަށް ފުރަތަމަ ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވީ، މައްސަލާގެ މާބޮޑު މައުލޫމާތެއް އެނގިފައި ނެތުމުން ޖަވާބެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް ފަހުން އެ ސުވާލެއް ޖަވާބެއް ދެއްވި އެވެ.
"އިޒްރޭލުގެ މައްސަލާގައި، އެ މައްސަލައަކީ ތިބޭފުޅުން އިނގިވަޑައިގަންނަވާނެ ހަމަ ވަރަށް ބޮޑު ފޮރިން ދެ ގައުމެއްގެ ދޭތެރޭ ހިނގާ، މައްސަލަތަކެއް، އެ ކަންކަމުގެ ސަރުކާރުން އެންމެ ވިސްނާފަ ފޮނުވާ ގޮތަކަށް، އެންމެ ރައްޔިތުންނަށް ގައުމަށް ފައިދާ ހުރި ގޮތަކަށް އިރާދަކުރެއްވިއްޔާ ނިންމަން ޖެހޭ ކަންކަން ނިންމާނަން،" ފަލާހު ވިދާޅުވި އެވެ.
ފަލާހުގެ މި ކޮމެންޓާ ގުޅިގެން، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އޭނާއަށް ފާޑުކިޔުން އަމާޒުވި އެވެ. އަދި، އެ ވާހަކަތައް އަނބުރާ ގެންގޮސް މައާފަށް އެދުމަށް ގިނަ ބަޔަކު ގޮވާލި އެވެ.
Comment