Advertisement

ގޯތި ދޫކުރުމުގައި ދާއިމީ އެޑްރެހަަށް ބެލުން ނިމުމަކަށް ގެންނަން ޖެހޭ: މެންބަރު ހުސްނީ

4 ޖޫން 2024 - 14:03 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދުގެ ޖަލްސާގައި މެންބަރު ހުސްނީ ވާހަކަ ދައްކަވަނީ. ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ގޯއްޗަށް މީހުންނަށް ކުރިމަތިލެވޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި --- ފޮޓޯ: މަޖިލިސް އިދާރާ


ގޯތި ދޫކުރުމުގައި ދާއިމީ އެޑްރެހަަށް ބެލުން ނިމުމަކަށް ގެންނަން ޖެހޭ: މެންބަރު ހުސްނީ

4 ޖޫން 2024 - 14:03 0

ދިރިއުޅުމުގެ ބޭނުމަށް ދައުލަތުން ބަންޑާރަ ގޯތި ދިނުމުގައި ޝަރުތުތަކުގެ ތެރެއިން ދާއިމީ އެޑްރެހަށް ބެލުމަށް ފަހު ޕޮއިންޓް ދިނުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ތިން މަސްދުވަސްތެރޭ ހަވާލު ކުރުން ލާޒިމުވާ ގޮތަށް، އެމްޑީޕީން ހުށަހެޅި ބިލު ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވައިލެއްވުމުން، އެ ބިލާ މެދު ގޮތެއް ނިންމަން މަޖިިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އޭނާ ވަނީ ގޯތި ދޫކޮށްފައިވަނީ ގާނޫނުތަކާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

"ބަންޑާރަ ގޯތި ދޫކުރުމުގައި ދާއިމީ އެޑްރެހަަށް މި ބަލާ ބެލުން ނިމުމަކަށް ގެންނަން ޖެހޭ. އެއީ ވަކި ރަށަކުން ބަންޑާރަ ގޯތި ދޫކުރަން އިއުލާން ކުރުން ކަމުގައި ވިޔަސް އެ ރަށެއްގެ ރަށްވެއްސަކަށް ވާތީ އިސްކަން ދޭ ދިނުން,"

"ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ރާއްޖޭގެ ބިމުން ބަންޑާރަ ގޯތި ދޫކުރާ ކަމަށްވާނަމަ ބަންޑާރަ ގޯތި ލިބިފައި ނެތް މީހަކަށް ކުރިމަތިލެވޭ ގޮތަށް, އެ ހައްގު ލިބިދެވޭ ގޮތަށް ތަފާތު ކުރުމެއް ނެތި, ޕޮއިންޓު ދެވިގެން ގޯއްޗަށް އެދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ."

މިއަދު މަޖިލީހުގައި އެ ބިލު ކޮމިޓީއަށް ފޮނުވުމަށް ފާސް ނުވުމުން ބަދަލެެއް ނުގެނެސް ބިލު ފާސްކުރަން ނެގި ވޯޓުގައި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ބިލު ފާސްކުރަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ. އެހެންވެ ބިލު ވަނީ ބޭރުކޮށްލާފަ އެވެ.

"ގޯތިތައް ދޫކުރުމުގައި ބިމާ ބެހޭ ގާނޫނު އެއްފަރާތްކޮށް, ބަންޑާާރަ ގޯތި ދޫކުރުމުގެ ގަވާއިދު އެއްފަރާތްކޮށް މިގޮތަށް މިކަން ކުރުމަށް ފަހު, ފުރަތަމަ ބިން ނެތް ތަނަކުން ގޯތި ދޫކުރީ. އެއަށްފަހު ގާނޫނަށް އިސްލާހެއް ހުށަހަޅައި ތިން މަސް ތެރޭ ގޯތި ހަވާލުކުރާށޭ. މިއީ މިކަން ކުރެވޭނެ ގޮތެެއް ނޫން,"

އެ ބިލު ބޭރުކޮށްލުމަށް އޭނާ ވެސް ވޯޓު ދެއްވި އެވެ. މި ސަރުކާރުން ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އެ ބިލުގައި އެފަދަ ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިން މަސްދުވަހުގެ ތެރޭގައި ގޯތިހަވާލުކުރަން ލާޒިމްވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ބަދަލުގެންނަން، މީކާއީލް ހުށަހެޅުއްވި ބިލް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމަށް ޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފޮނުވި އެވެ.

އެ ބިލާ މެދު މަޖިލީހުން އަލުން ވިސްނުމަށް، އަނބުރައި ފޮނުއްވައިލެއްވި އިރު 19 ވަނަ މަޖިލީހުގެ ދައުރު އޮތީ ނިމިފަ އެވެ.