Advertisement

241 ކޮމިޓީން ދެ ސްލޮޓު ބޭނުންވި، ޕީއެންސީން ހެދީ ދެކޮޅު: އެމްޑީޕީ

3 ޖޫން 2024 - 17:22 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ މެންބަރުން ބައިވެރިވަނީ. މިފަހަރުގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރަނީ 12 މެންބަރުން --- ފޮޓޯ: މަޖިލިސް އިދާރާ


241 ކޮމިޓީން ދެ ސްލޮޓު ބޭނުންވި، ޕީއެންސީން ހެދީ ދެކޮޅު: އެމްޑީޕީ

3 ޖޫން 2024 - 17:22 1

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ދެ ސްލޮޓް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޭނުންވި ކަމަށާއި ނަމަވެސް އެކަމަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދެކޮޅު ހެދި ކަމަށް އެމްޑީޕީން ބުނެފި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މިއަދު މެންބަރުން އައްޔަނުކޮށްފައިވާއިރު އެހެން ކޮމިޓީތަކާ ހިލާފަށް 241 ކޮމިޓީގައި 13 މެންބަރުން ތިއްބަވާނެ އެވެ. އެ ކޮމިޓީގައި އިންނަވަނީ އެމްޑީޕީގެ ފަރާތުން އެންމެ މެންބަރެކެވެ. އެއީ, ނަވާރަވަނަ މަޖިލީހުގައި 241 ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) އެވެ.

"އަޅުގަނޑުމެން ވަރަށް ބޭނުންވި 241 ކޮމިޓީން ދެ ސްލޮޓް ހޯދަން. އެހެން ނަމަވެސް ނުލިބުނު. އެހެން ނަމަވެސް ޖުމުލަ ގޮތެއްގައި އެ ނިމުނު ގޮތަށް އަޅުގަނޑުމެން އެއްބަސްވެގެން މިތިބީ," ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

މިއަދު ވަނީ 241 ކޮމިޓީއަށް މުގައްރިރުން ވެސް އިންތިހާބުކޮށްފަ އެވެ. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މުގައްރިރަކަށް އިންތިހާބުކުރިއިރު ނައިބަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު އެވެ.

މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާއިން ބާރުދީފައިވާ ކޮމިޓީ އެވެ. ނަވާރަވަނަ މަޖިލީހުގައި އެންމެ ފުރަތަމަ މި ކޮމިޓީ އެކުލަވާލިއިރު ތިއްބެވީ 13 މެންބަރުންނެވެ. އޭގެ ތެރެއިން އަށް މެންބަރުން ނިސްބަތްވީ އެމްޑީޕީއަށެވެ.

ދެން ތިއްބެވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް (ޕީއެންސީ), ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން (ޕީޕީއެމް), ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް (ޖޭޕީ), ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު (އެމްޑީއޭ) އަދި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި މިހާރުގެ ނައިބު ރައީސް އަދި އޭރުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

ނަވާރަވަނަ މަޖިލީހުން 241 ކޮމިޓީ އެކުލަވާލުވުމުގައި އިދިކޮޅުގައި އޮތް ދެ ޕާޓީއަށް ޖުމުލަ ދެ ސްލޮޓް ދީފައިވެ އެވެ. އަދި, އަމިއްލަ މެންބަރެއްގެ ގޮތުގައި ވެސް ހިމެނިވަޑައިގަތީ އެ ބޭފުޅުންނާ އެކު މަސައްކަތް ކުރައްވަމުން ގެންދެވި މެންބަރެކެވެ. ނައިބު މުގައްރިރުކަން ވެސް އެންމެ ފުރަތަމަ ދިނީ މެންބަރު ހުސައިންއަށެވެ.

އެ ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ.

ސިފައިންނާއި ފުލުހުން، ޑިފެންސް މިނިސްޓްރީ އަދި ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުން ހުރި މައްސަލައެެއް މަޖިލީހުން ބަލާނަމަ އެ މައްސަލައެއް ބަލާނީ 241 ކޮމިޓީންނެވެ. އެ އިދާރާތަކާ ގުޅޭ ގޮތުން ހުށަހަޅާ ބިލުތައް ދިރާސާކުރާނީ ވެސް އެ ކޮމިޓީންނެވެ. އެ އިދާރާތަކުގެ މައްސަލަތައް ބަލައި ކަންތައްތައް އިސްލާހު ކުރަން އެންގުމާއި އެ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް އެކޮމިޓީއަށް އޮވެ އެވެ.