އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް. މިދިޔަ މަޖިލީހުގައި އޭނާ ހުންނެވީ މައިނޯރިޓީ ލީޑަރުގެ މަގާމުގައި --- ފޮޓޯ: މިރާން ނާޝިމް/އަދަދު
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރަކަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިހާބުކޮށްފި އެެެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން ކަނޑައަޅައި މަޖިލީހުގެ ތަޅުމުން ފާސްކުރީ މިއަދުގެ ޖަލްސާގަ އެވެ. އެއަށް ފަހު، މުގައްރިރުންނާއި ނައިބު މުގައްރިރުން އިންތިހާބުކުރަން ކޮމިޓީތަކުން މިއަދު ބައްދަލުވުންތައް ބޭއްވި އެވެ.
އެގޮތުން 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރަކަށް ސަލީމް އިންތިހާބުކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެެންސީ މެންބަރު މުހައްމަދު ޝާހިދެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހެވެ.
ކޮމިޓީގެ މުގައްރިރަކަށް ސަލީމް އިންތިހާބުކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑަައިގެންނެވި 11 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް ފަލާހު އިންތިހާބުކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކޮމިޓީގެ މުގައްރިރު ސަލީމެވެ. ނައިބު މުގައްރިރަކަށް ފަލާހު އިންތިހާބުކުރީ ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 11 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާއިން ބާރުދީފައިވާ ކޮމިޓީ އެވެ.
އެ ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ.
ސިފައިންނާއި ފުލުހުން، ޑިފެންސް މިނިސްޓްރީ އަދި ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުން ހުރި މައްސަލައެެއް މަޖިލީހުން ބަލާނަމަ އެ މައްސަލައެއް ބަލާނީ 241 ކޮމިޓީންނެވެ. އެ އިދާރާތަކާ ގުޅޭ ގޮތުން ހުށަހަޅާ ބިލުތައް ދިރާސާކުރާނީ ވެސް އެ ކޮމިޓީންނެވެ. އެ އިދާރާތަކުގެ މައްސަލަތައް ބަލައި ކަންތައްތައް އިސްލާހު ކުރަން އެންގުމާއި އެ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް އެކޮމިޓީއަށް އޮވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment