Advertisement

އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާނުކުރާ ސަބަބު ބުނެނުދެވުނު

29 މޭ 2024 - 19:51 3

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް އޮފީހުގައި ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް


އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާނުކުރާ ސަބަބު ބުނެނުދެވުނު

29 މޭ 2024 - 19:51 3

އިޒްރޭލް ޕާސްޕޯޓް ގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ގޮވައިލާ ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރި ނަަމަވެސް، ސަރުކާރުން އެ ފިޔަވަޅު ނާޅާ ސަބަބު، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދުވެސް ވިދާޅު ނުވެ އެހެން ވާހަކަތަކެއް ދައްކަވައިފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންގެންދާ ގަތުލުއާއްމު ކުށްވެރިކޮށް، ނުރުން ފާޅުކުރުުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރުގައި، އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ގޮވައިލި ފަހުން، ނޫސްވެރިން ވަނީ އެކަމާ ބެހޭ ގޮތުން ތަކުރާރުކޮށް ސަރުކާރާ ސުވާލުކޮށްފަ އެވެ. އެއިން އެއްވެސް ފަހަރަކު އެކަމުގައި ސާފު ޖަވާބެއް ދީފައެއް ނެތެވެ. ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އެ ސުވާލަށް ދެއްވާ ޖަވާބެއްގެ ގޮތުގައި އަބަަދުވެސް ދައްކަވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ރާއްޖޭން ބުރަކޮށް މަސައްކަތްކުރާ ކަމަށް ވިދާޅުވާ ވިދާޅުވުމެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން އެ ސުވާލު އަނެއްކާ ވެސް ތަކުރާރު ކުރި އެވެ. ކުރިން ވެސް އެ ސުވާލުގެ ޖަވާބު ސީދާ ގޮތެއްގައި ނުދެއްވާތީ މިއަދު އެ ސުވާލުކުރީ ކުރިއަށް ވުރެ މާ ތަފްސީލުކޮށެވެ.

"ގާނޫނީ ގޮތުން އެއްވެސް ކަހަލަ ހުރަހެއް އޮވެގެންތޯ އިޒްރޭލުގެ ޕާސްޕޯޓް ބޭން ނުކުރެވިގެން އުޅެނީ؟ އެކަން ސާފުކޮށްލައިދެއްވުން އެދެން،" މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރި އެވެ.

"ކުރީ ދުވަހެއްގެ ޕްރެސްގައި ވެސް އަޅުގަނޑު ހަމަ އެ ސުވާލަށް ޖަވާބުދިނިން ކަންނޭނގެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ނުވަތަ އެ ހައްގުތައް ރައްކާތެރިކުރުމަށް ޓަކައި ރާއްޖޭން އަބަދުވެސް މިދަނީ ސްޓޭންޑް ނަގަމުން،" އެ ސުވާާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވި އެވެ.

އެއަށް ފަހު އޭނާ ދެއްކެވީ ފަލަސްތީނުމީހުންގެ ހައްގުގައި ސަރުކާރުން އެކިއެކި ޕްލެޓްފޯމްތަކުގައި އަޑު އުފުލާ ވާހަކަ އެވެ.

ހީނާ އެގޮތަށް ވާހަކަ ދެއްކެވުމުން "އަދަދު" ގެ އަހުމަދު އާއިދު ކުރި ސުވާލުގެ ކުރިން އޭނާ ބުނީ ރާއްޖޭން ފަލަސްތީނު ރައްޔިތުންނާ އެކުގައި އޮތް ކަމާ މެދު އެއްވެސް ސުވާލެއް ނޫފައްދާ ކަމަށާއި ސުވާލުކުރަނީ ޕާސްޕޯޓް ބޭންކުރުން ލަސްވާ ސަބަބާ ބެހޭ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސުވާލަކީ [އިޒްރޭލު] ޕާސްޕޯޓް ބޭނުންކުރުން ލަސްވަނީ ކީއްވެގެންތޯ؟" އޭނާ ސުވާލުކުރި އެވެ.

"އަޅުގަނޑު ހަމަ ކުރިން ވެސް ދެންނެވި ގޮތަށް ދިވެހިރާއްޖޭން ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކަކީ ބައިނަލް އަގުވާމީ އެހެން ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކާ އަޅައި ބަލާއިރުގައި އަަޅުގަނޑަކަށްް ހިއެއް ނުވޭ، އަޅުގަނޑުމެން ކުރަމުންދާ ވަރަަކަށް އެއްވެސް ގައުމަކުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްތަކެއް ކުރެެވެމުންދާ ހެނެއް،" އެ ގޮތަށް ސުވާލުކުރުމުން ވެސް ހީނާ ދެއްވީ މި ޖަވާބެވެ.

އެއާ އެކު އޭނާ ތަކުރާރުކޮށް ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން އަޅަން ރާއްޖޭން އޮތީ ތައްޔާރަށް ކަމަށެވެ. އެހެން ވިދާޅުވުމުން އެ ސުވާލަށް [އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްވަނީ ކީއްވެތޯ؟] މި ސުވާލަށް ޖަވާބު ދެވުނީ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހިރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އިނގޭތޯ، އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ދިވެހިރާއްޖޭން އޮތީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ހީނާ މިގޮތަށް ތަކުރާރުކޮށް ވިދާޅުވި އިރު، "ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ސަރުކާރުން އަޅާނީ ކޮން ފިޔަވަޅެއްތޯ" އެއްވެސް ނޫސްވެރިއަކު ސުވާލެއް ނުކުރެ އެވެ.