Advertisement

ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ތިބި 47 ސިޔާސީ މުވައްޒަފުންވެސް ކުރާނެ މަސައްކަތް ހުންނާނެ: މިނިސްޓަރު ތޯރިގު

23 މޭ 2024 - 18:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިނިސްޓަރު ތޯރިގު : އެންވަޔަރަމަންޓުގެ ސިޔާސީ މުވައްޒަފުން ކުރާނެ މަސައްކަތް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް


ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ތިބި 47 ސިޔާސީ މުވައްޒަފުންވެސް ކުރާނެ މަސައްކަތް ހުންނާނެ: މިނިސްޓަރު ތޯރިގު

23 މޭ 2024 - 18:00 0

ކްލައިމެޓް ޗޭންޖު, އެންވަޔަރަމަންޓު އެންޑް އެނާޖީ މިނިސްޓްރީގައި މިވަގުތު ތިބި ހުރިހާ ސިޔާސީ މުވައްޒަފުންވެސް ކުރާނެ މަސައްކަތް ހުންނާނެ ކަމަށް މިނިސްޓަރު ތޯރިގު އިބްރާޙިމް ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ހުށަހެޅި ރިކުއެސްޓަކަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ދިން ޖަވާބުގައިވާ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް އެ މިނިސްޓްރީގައި 47 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވީ، ސަރުކާރު ހިންގުމަށް ބޭނުންވާ ސިޔާސީ މުވައްޒަފުން ކޮންމެ މިނިސްޓްރީއަކަށްވެސް ވައްދާ އުސޫލުން އެ މިނިސްޓްރީގައިވެސް ތިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީގެ ތިއްބެވި ސިޔާސީ މުވައްޒަފުންނަށް ކޮންމެ ބޭފުޅަކަށްވެސް ކުރައްވާނެ މަސައްކަތާއި، މަސައްކަތް ކުރާނެ ތަނާއި މި ހުރިހާ ކަމެއް ހުންނާނެ، އެބޭފުޅުން އެއްވެސް މަސައްކަތެއް ނެތިއެއް، ނުވަތަ މަސައްކަތް ކުރާނެ ތަނެއް ނެތިއެއް ނީންނާނެ،" ތޯރިގު ވިދާޅުވި އެވެ.

އެ ވުޒާރާއަކީ ވަރަށް ބައިވަރު މަސައްކަތް ކުރާ ވުޒާރާއެއް ކަމަށް ވިދާޅުވެ އޭގެ ތެރެއިން ތިމާވެށީގެ މަސައްކަތާއި، ހަކަތައިގެ މަސައްކަތާއި، ފެނާއި ސެނިޓޭޝަންގެ މަސައްކަތާއި ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ އިތުރުން މޫސުމީ ބަދަލާ ގުޅުންހުރި މަސައްކަތައްވެސް ކުރަނީ އެ ވުޒާރާއިންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި، މިހާރު އެ ވުޒާރާގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދަކީ މި ސަރުކާރުގެ ސިޔާސަތުތައް ރައީސް މުއިއްޒު ބޭނުންވާ ސްޕީޑުގައި ކުރިއަށް ގެންދަން ކޮންމެހެން ބޭނުންވާ މުވައްޒަފުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ތިމާވެށީގެ ދާއިރާއިން ރައީސްގެ ގިނަ ވައުދުތަކެއް ހުރިކަންވެސް ފާހަގަކުރެއްވި އެވެ.

އެންވަޔަރަމަންޓުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ

  • އެއް މިނިސްޓަރު - 58,500ރ.
  • އަށް ސްޓޭޓް މިނިސްޓަރުން - 43,500ރ.
  • 13 ޑެޕިއުޓީ މިނިސްޓަރުން - 31,500ރ.
  • 15 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - 25,500ރ.
  • 10 ޕޮލިޓިކަލް ޑިރެކްޓަރުން - 20,500ރ.

މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 1,403,500ރ. (އެއް މިލިއަން ހަތަރު ލައްކަ ތިން ހާސް ފަސް ސަތޭކަ ރުފިޔާ) މަހެއްގެ މައްޗަށް ހޭދަވެ އެވެ. އަދި, އަހަރެއްގެ މައްޗަށް 16,842,000ރ. (ސޯޅަ މިލިއަން އަށް ލައްކަ ސާޅީސް ދެ ހާސް ރުފިޔާ) ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ އެވެ.

ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެ އަދަދު 84 މިލިއަން ރުފިޔާ ފަހަނައަޅައި ދާނެ އެވެ.