Advertisement

އީޕީއޭ މިނިވަން ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ

23 މޭ 2024 - 12:17 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ތިމާވެށްޓާ ބެހޭ ވަޒީރު ތޯރިގު: ސަރުކާރުން ބުނަނީ އީޕީއޭ ގާނޫނީ ގޮތުން މިނިވަންކުރުމުގެ ވިސްނުމެއް ނެތް ކަމަށް - ފޮޓޯ: އަދަދު


އީޕީއޭ މިނިވަން ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ

23 މޭ 2024 - 12:17 0

އެންވާރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގާނޫނީ ގޮތުން މިނިވަންކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގުޅީފަޅު ހިއްކުން މަޑު ޖައްސާލަން ނެރުނު ކޯޓު އަމުރު ސުޕްރީމް ކޯޓުން ބާތިލު ކުރިއިރު، އެ ކޯޓުގެ ފަނޑިޔާރު ވަނީ އީޕީއޭ ބާރުވެރިކޮށް ގާނޫނީ ގޮތުން މިނިވަންކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިމާވެށްޓާ ބެހޭ ވަޒީރު ތޯރިގް އާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، "އަދިއެއް ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް،" މިފަދައިންނެވެ.

ނަމަވެސް, އީޕީއޭ ބާރުވެރިކޮށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން ދޭނެ ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ އީޕީއޭއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ އެ އިދާރާ ބާރުވެރިކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަނީ އެސިސްޓަންސް ފޯރުކޮށްދެމުން އީޕީއޭއަށް، އީޕީއޭއިން ބޭނުންވާ މަސައްކަތްތައް މިނިވަންކަމާއެކު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއާ އަދި އިތުރު މަސައްކަތް ކޮށްދޭނެ ފުރުސަތުތައް ފޯރުކޮށްދެމުން،" ތޯރިގު ވިދާޅުވި އެވެ.

ގުޅީފަޅުގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު ވަނީ، މައްސަލަ ދަށު ކޯޓުގައި އަދިވެސް ހިނގަމުންދާއިރު ގުޅީފަޅުގެ ބިން އެއްކޮށް ހިއްކާ ނިމިފައިވާކަން ވެސް ފާހަގަ ކުރެއްވާފަ އެވެ. އެހެންކަމުން އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމުގެ މުއާލާތް ކެނޑިފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އެފަދަ މައްސަލައެއް އިތުރަށް ތަކުރާރު ނުކުރުމަށް މުޅި ދައުލަތް ޝާމިލުވެގެން ސްޓްރެޓެޖިކަލް އެންވަރަމެންޓަލް އެސެސްމަންޓެއް ހަދަންޖެހޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އެސެސްމެންޓް ހެދުމުގެ ބޭނުމަކީ މުޅި ދައުލަތުގެ ސަރަހައްދުގައިވާ އެންމެހާ ބިންތަކާއި ފަޅުތަކާއި ދިރުންތައް ދިރާސާކޮށް، އަންނަން އޮތް ޖީލުތަކަށް ދެމި އޮންނާނެ ގޮތަކަށް ހިމާޔަތް ކުރަންޖެހޭ ތަންތަން ފާހަގަކޮށް ކަނޑައަޅުން،" ސުއޫދު ވިދާޅުވި އެވެ.