Advertisement

ރައީސް އޮފީހުން ބުނީ މަގާމުތަކަށް ބަދަލު ގެންނަނީ ސަރުކާރު ހިންގުން ރަނގަޅު ކުރަން ކަމަށް

23 މޭ 2024 - 11:17 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަނީ - ފޮޓޯ: ރައީސް އޮފީސް


ރައީސް އޮފީހުން ބުނީ މަގާމުތަކަށް ބަދަލު ގެންނަނީ ސަރުކާރު ހިންގުން ރަނގަޅު ކުރަން ކަމަށް

23 މޭ 2024 - 11:17 0

ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކަށް މި ފަހުން ގެނައި އަދި ގެންނަމުންދާނެ ބަދަލުތަކަކީ ސަރުކާރު ހިންގުން ރަނގަޅު ކުރަން ގެންނަ ބަދަލުތަކެއް ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "އަދަދު" ނޫހުން ސުވާލު ކުރުމުން ހީނާ ވިދާޅުވީ އެ ސުވާލަށް މި ވަގުތު އޮތް ޖަވާބަކީ އެއީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ކުރައްވާ ކަމެއް ކަމަށެވެ.

"ސަރުކާރު ހިންގަން ފަސޭހަފުޅު ކުރުމަށް ޓަކައި، ނުވަތަ އިތުރަށް ހަރުދަނާ ކުރަން، ރަނގަޅު ކުރަން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ބަދަލުތައް ގެންނަމުން ދާނެ،" ހީނާ ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ފުރަތަމަ މިފްކޯގެ ސީއީއޯ ކަމުން އަހުމަދު ޝަމާހު ވަނީ ވަކިކޮށްފަ އެވެ. ޝަމާހު މިހާރު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަންކުރަން ވަނީ ނިންމައިފަ އެވެ.

އޭގެ ފަހުން އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުން ނޫރައިން ޖަނާހު އިސްތިއުފާ ދެއްވި އެވެ. އެ އިސްތިއުފާއާއެކީ އެ ކުންފުނީގެ އެތެރޭގައި ހުރި ގޯސްތައް މީޑިއާއަށް ފެންމަތިވެ އެވެ. އެމްއެމްޕީއާރުސީގެ ބޯޑު މެންބަރު ކަމުން ރާފިލް މުހައްމަދު ވެސް އިސްތިއުފާ ދެއްވި އެވެ. އޭގެ އިރުކޮޅެއް ފަހުން ކުންފުނީގެ މެނޭޖިން ޑިކްރެޓަރު ކަމުން ފާތިމަތު ތައުފީގު (ކުޑީ) ވަކިކުރި އެވެ.

ރޭގެ ވަގުތެއްގައި، އެޗްޑީސީގެ ޗެއާޕާސަން ކަމުން އަހުމަދު ޒުހޫރު ވަނީ ވަކިކޮށްފަ އެވެ. ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒާއި ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ވަޖުދީ ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުތަކުން "އަދަދު" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި މި މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ތެރެއިން، ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުންނެވެ.

ސިޔާސީ މަގާމުތައް މަދުކުރުމުގެ ތެރެއިން އެންމެ ގިނައިން މަދުކުރަނީ ޑެޕިއުޓީ މިނިސްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިބި މީހުންނެވެ. ހަމަ އެހެންމެ މަޖިލިސް އިންތިހާބާ ދިމާކޮށް ބައެއް ކުންފުނިތަކުން ދިން ވަޒީފާތަކުން ވެސް މީހުން ވަކިކުރަން ނިންމާފައިވާ ކަމަށް ވެސް މައުުލޫމާތު ލިބިފައިވެ އެވެ.

ސިޔާސީ ވަޒީފާތައް މަދުކުރަން ނިންމާފައިވާއިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް ގިނަވެ ސިޔާސީ މުވައްޒަފުންނަށް ކުރާ ހޭދަ ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. ފިނޭންސުގެ ރެކޯޑުތަކުން ވެސް ދައްކަނީ ދައުލަތުގެ މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވާ ކަމަށެވެ.

މި ތުހުމަތުތައް ސަރުކާރުން ދޮގު ކުރި ނަމަވެސް މިއަދާ ހަމައަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ޖުމްލަ އަދަދު ހާމަނުކުރާތީ މިކަން ކަށަވަރު ވާނެ ގޮތެއް ނެތެވެ.