Advertisement

ވަޒީރުކަމުގައި އެޅި ފިޔަވަޅުތަކާ މެދު އަމީރުގެ ދެރަވުމެއް ނެތް

22 މޭ 2024 - 14:37 2

އަމަން ހަލީމް

އަމަން ހަލީމް

ކުރީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު (ކ): ފައިސާ ޗާޕުކުރުމާއި ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތައް ނާޅާ ނުވީސް ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ވަޒީރުކަމުގައި އެޅި ފިޔަވަޅުތަކާ މެދު އަމީރުގެ ދެރަވުމެއް ނެތް

22 މޭ 2024 - 14:37 2

ސޯލިހު ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ގެންގުޅުނު އިގުތިސޯދީ އަދި މާލީ ސިޔާސަތުތަކާއި އޭރު ކުރިމަތިވީ އިގުތިސޯދީ ކާރިސާގެ ތެރޭގައި އެޅި ފިޔަވަޅުތަކާ މެދު ދެރަވުމެއް ނެތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

"އަދަދު" އިން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމުގައި އަމީރު މިހެން ވިދާޅުވީ، އޭނާގެ ވަޒީރުކަމުގައި މާލީ ސިޔާސަތު ބައްޓަން ކުރެއްވި ގޮތަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއެކީ، އޭރު ކުރެއްވި ކަންތައްތަކާމެދު މިހާރު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލުކުރުމުންނެވެ.

ޖަވާބުގައި އަމީރު އެންމެ ފުރަތަމަ ވެސް ވިދާޅުވީ އޭރު އެޅި ފިޔަވަޅުތަކަކީ, އެހެން ގޮތްގޮތުން ފައިސާ ހޯދޭތޯ މަސައްކަތް ކުރުމަށް ފަހު ފައިސާ ލިބޭނެ ގޮތެއް ނެތިގެން، އިގުތިސޯދު ފުން އަނދަވަޅަކަށް ނުވެއްޓި ސަލާމަތްކުރަން، ކޮންމެހެން ވެސް އަޅަން ޖެހިގެން އެޅި ފިޔަވަޅުތަކެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އޭރު އަޅުގަނޑުމެންނަށް ހަމަ ކޮންމެހެން ވެސް ކުރަން ޖެހުނު ކަންތައްތަކެއް ކުރީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ބެލިން ބޭރުގެ ފަރާތްތަކުން ހިލޭ އެހީ ހޯދުމާއި އަދި ބޭރުގެ ފަރާތްތަކުން ދަރަންޏަށް ފައިސާ ނެގުމާ މި ހުރިހާ ކަންތައްތަކެއް، ވަރަށް ބޮޑަށް ބެލިން ކޮންސެޝަނަލް ފައިނޭންސިން ހޯދަން ވެސް," އަމީރު ވިދާޅުވި އެވެ.

ބޭރުން ފައިސާ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ، އަމީރު ވިދާޅުވި ގޮތުގައި، އެ ދުވަސްވަރަކީ ކޮވިޑު ބަލިމަޑުކަން ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް ތަހައްމަލު ކުރަމުން ދިޔަ ދުވަސްވަރަކަށް ވުމުންނެވެ. އެހެންވެ އެހީއެއް ނުލިބުނު ތަނުގައި ކޮންސެޝަނަލް (އަގު ހެޔޮ) ކޮށް ދަރަންޏަށް ވެސް ފައިސާ ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، އެ ހިސާބުން ކުރިމަތީގައި އޮތް ސުވާލަކީ ޓޫރިޒަމް އާމްދަނީ އެއްކޮށް ހުއްޓި އިގުތިސޯދީ ބޮޑު ކާރިސާއެއް ބޯމަތީގައި އޮތް ހިނދު ހަރަދު ކުޑަކުރާނީ ކިހާ ވަރަކަށްތޯ އެވެ. އެކަން ކުރަން ބެލިއިރު ރާއްޖެއަކީ ފިސްކަލް ރިޒާވެއް ނެތި، ލިބޭ އެއްޗެއް ހަރަދުކުރަން ޖެހޭ ގައުމެއް ކަމުން، ޕަބްލިކް ބޭންކު އެކައުންޓު އޯވާޑްރޯ ކުރަން (ފައިސާ ޗާޕުކުރަން) ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ ތެރޭގައި ކުރީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފާޑުކިޔުން ބޮޑުވީ މި ނިންމުމަށެވެ. އެގޮތުން މި ނިންމުމާ ދެކޮޅު ފަރާތްތަކުން، ހާއްސަކޮށް އަދުގެ ސަރުކާރުގައި ތިބި އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ، ގައުމުގެ އިގުތިސޯދާއި ދައުލަތުގެ މާލިއްޔަތު ފުން އަނދަވަޅަކަށް ވެއްޓުމުގެ އަސްލަކީ މިއީ ކަމަށެވެ.

ނަމަވެސް މިކަމުގައި އަމީރު ދެކެވަޑައިގަންނަވަނީ ދިމާ އިދިކޮޅަށެވެ. އަދި މިކަމުގައި އެޅި ފިޔަވަޅުތަކުގެ ވާހަކަ ދައްކަނީ އޮޅުވާލައިގެން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި، ފައިސާ ޗާޕުކުރި ވާހަކަ އެކަނި ދައްކާއިރު އެހެން ސަރުކާރަކުން ނުކުރާ ވަރަށް ހަރަދުތައް ވެސް ކުޑަކުރި ކަމަށާއި ފައިސާ ޗާޕު ނުކޮށް ހަރަދުތައް ކުޑަ ނުކުރި ނަމަ އިގުތިސޯދު މިއަދު އޮތް ހާލަތުގައި ނެތީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"2020 ވަނަ އަހަރު އަޅުގަނޑުމެން ހުށަހެޅި ބަޖެޓަކީ ގާތްގަނޑަކަށް 34 ބިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް. އަޅުގަނޑުމެން ހަރަދު ކުޑަ ކުރިން ގާތްގަނޑަކަށް 28 ބިލިއަނަށް. ދެން 28 ބިލިއަނަށް ވުރެ ހަރަދުތައް ކުޑަކުރަންވީތޯ؟ އެއީ ސުވާލަކީ،" އަމީރު ވިދާޅުވި އެވެ.

"އެކަން އަޅުގަނޑުމެން ކުޑަ ކުރި ނަމަ މިއަދު ރާއްޖޭގެ އިގުތިސޯދު މިހެން ނޯންނާނެ. ރާއްޖޭގެ އިގުތިސޯދު ރީބައުންޑު ވާން ނަގާނެ އިތުރު ފަސް، ދިހަ އަހަރު. އެކަން އަޅުގަނޑުމެން ކުރީމައި 2021 ގައި ރާއްޖޭގެ އިގުތިސޯދު ކުރިއަރައި ދިޔަ 42 ޕަސެންޓު. 2022 ގައި ގާތްގަނޑަކަށް 13 ޕަސެންޓު."

ސަރުކާރުގެ ހަރަދުތައް އިތުރަށް ކުޑަ ނުކުރެވުނު ސަބަބު ސާފުކޮށްދެއްވަމުން އަމީރު ވިދާޅުވީ ސަރުކާރުން އޭރު ނިންމި ނިންމުމެއް ނިންމީ ސަރުކާރާއި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލި، ހުރިހާ ޕްރޮޖެކްޓެއް ހުއްޓާ ނުލާ ކުރިޔަށް ދާނެ ގޮތެއް ކަމަށެވެ. އަދި އޭރު އެޅި ފިޔަވަޅުތަކުން ސަރުކާރުން ބޭނުންވި ނަތީޖާ ހާސިލުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.