Advertisement

ކުލި ކޮންޓްރޯލް ކުރުމުގެ ބަހުސް، ސަރުކާރުތަކުގެ ބަސް އަދި ރައީސް ނާސިރުގެ ޕޮލިސީ

21 މޭ 2024 - 12:24 3

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


ކުލި ކޮންޓްރޯލް ކުރުމުގެ ބަހުސް، ސަރުކާރުތަކުގެ ބަސް އަދި ރައީސް ނާސިރުގެ ޕޮލިސީ

21 މޭ 2024 - 12:24 3

ސިޔާސަތެއްގެ ދަށުން ވިޔަސް، ސިޔާސަތަކާ ނުލައި ނަމަވެސް ދިވެހިރާއްޖޭގައި ވެއެތުވެދިޔަ 56 އަހަރު މި ތަންފީޒު ކުރަނީ އާބާދީ އެއް ތަނަކަށް މަރުކަޒު ކުރުމުގެ އެޖެންޑާއެކެވެ.

ސިޔާސަތުތައް އަތުރާލާ ގޮތުން، ތަރައްގީ ގެންނަ ގޮތުން، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އުޅެން މަޖުބޫރުވެފައި މި ވަނީ ނުވަ އަކަ ކިލޯމީޓަރު ވެސް ހަމަނުވާ ކުޑަކުޑަ ވެރި ރަށް މާލޭގަ އެވެ.

ރާއްޖޭގެ ރަށްރަށުން މާލެ ނުވަތަ މާލޭ ސަރަހައްދުގެ ހުޅުމާލެ އަދި ވިލިނގިއްޔަށް ދިވެހިން ހިޖުރަ ކުރަނީ ތައުލީމު، ވަޒީފާ، ސިއްހަތު އަދި ނަރުދަމާ އަސާސީ ހިދުމަތް ހޯދުމަށެވެ. މި ބޭނުންތަކަށް ހިޖުރަ ކުރަމުން ގޮސް، ދިވެހިރާއްޖޭގެ އާބާދީގެ 41 ޕަސެންޓު މިހާރު ދިރިއުޅެނީ މާލޭގަ އެވެ.

އެކު ޖުމުލަ މާލޭގައި 211،908 މީހުން ދިރިއުޅެ އެވެ. އޭގެ ތެރެއިން 160،187 މީހުންނަކީ ދިވެހިންނެވެ. އަދި 51،721 ބިދޭސީން ވެސް މާލޭގައި ދިރިއުޅެވެ.

އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ދިވެހިރާއްޖެ އެކުލެވެނީ 94،424 ގޭބީސީގެ މައްޗަށެވެ. އޭގެ ތެރެއިން 42،571 ގޭބީސީ ހުންނަނީ ވެރި ރަށް މާލޭގަ އެވެ. އެ ގޭބީސީތަކުގެ ތެރެއިން 20,859 އަކީ ކުއްޔަށް ދީފައި ހުންނަ ތަންތަނެވެ. އެހެންކަމުން މާލޭގެ ގޭބީސީތަކުގެ ތެރެއިން 49 ޕަސެންޓު ހުންނަނީ ކުއްޔަށް ދީފަ އެވެ.

ކުއްޔަށް ދީފައި ހުންނަ ތަންތަނުގެ އެވެރެޖުކޮށް ކުއްޔަށް ދީފައި ހުންނަނީ 15،000ރ. އާއި 17،000ރ. ދެމެދުގެ އަގެއްގަ އެވެ. ބޮޑުވެގެން، 33،000ރ. އަށް ވުރެ ވެސް ބޮޑުކޮށް މާލޭގައި ތަންތަން ކުއްޔަށް ދީފައި އެބަ ހުއްޓެވެ.

އުފައްދާފައި އޮތް އެ ހާލަތާއެކު މި ވެއެތުވެދިޔަ އަހަރުތަކުގައި އިވެން ފެށި އަޑަކީ ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ ގޮވާލުމެވެ. ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ޖަމިއްޔާއެއް ވެސް އުފެދުނެވެ. އެކަމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. ނަމަވެސް ކުލި ކޮންޓްރޯލް ކުރުމަކީ ސަރުކާރު ހިންގަން ތިބޭ ވެރިންނަށް ރަނގަޅު އުސޫލަކަށް ނުވި އެވެ. އެމީހުން އެކަމާ ދެކޮޅެވެ.

ކުލި ކޮންޓްރޯލް ކުރުމާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދެއްކެވި އެވެ. އޭގެ ފަހުން ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވެސް ކުލި ކޮންޓްރޯލް ކުރުމާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ. އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް ކުލި ކޮންޓްރޯލް ކުރުމާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.

ދިވެހިރާއްޖޭގެ ވެރި ރަށް މާލެ އަދި މާލެ ކައިރި ސަރަހައްދުތަކުގެ ކުލި ކޮންޓްރޯލް ކުރަންވީ ހެއްޔެވެ؟ ނޫނީ ކުލި ކޮންޓްރޯލްނުކޮށް ފްރީ މާކެޓެއްގައި އަގުތައް މަތިވެ، ތިރިވާން ދޫކޮށްލަންވީ ހެއްޔެވެ؟ އޭގެ ތެރެއިން ރަނގަޅު ގޮތަކީ ކޮބައި ހެއްޔެވެ؟

އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް: އެންމެ ބޮޑީ ވެސް ކުލީގެ ހަރަދު

މީގެ ފަސް އަހަރު ކުރިން 2019 ވަނަ އަހަރު ހެދި ހައުސްހޯލްޑް އިންކަމް ސާވޭ އިން ދައްކާ ގޮތުގައި މުޅި ދިވެހިރާއްޖޭގެ އެވެރެޖް ގޭބީސީއަކަށް މަހެއްގެ މައްޗަށް 28،251ރ. ލިބެ އެވެ. މާލޭގެ ގޭބީސީތަކަށް ވަކިން ލިބޭ އަދަދު އެ ސާވޭއަކުން ނޭނގެ އެވެ.

އެކަމަކު، މާލޭގެ ގޭބީސީތަކުން އެވްރެޖުކޮށް މަހަކު ހަރަދު ކުރާ މިންވަރު އެ ސާވޭއިން ވަނީ ހޯދައިފަ އެވެ. އެގޮތުން މާލޭގެ ގޭބީސީތަކުން ކޮންމެ މަހަކު ވެސް އެވްރެޖުކޮށް 37،013ރ. ހަރަދު ކުރެ އެވެ. ހަރަދު ކުރާ މިންވަރުގެ 27 ޕަސެންޓު، ކުއްޔަށް އުޅޭ ގޭބީސީތަކުން ހަރަދު ކުރަނީ ކުއްޔަށެވެ.

މީގެ ދެ އަހަރު ކުރިން ހެދި ބޯހިމެނުމުން ހޯދި ހައުސްހޯލްޑް ކެރަކްޓެރިސްޓިކްސް އެނަލިސިސް އިން ދައްކާ ގޮތުގައި ކުއްޔަށް އުޅޭ ގޭބީސީތަކުން އެންމެ ގިނައިން އުޅެނީ މަހަކު 15،000ރ. އާއި 17،000ރ. އާ ދެމެދުގެ އަދަދެއް ކުއްޔަށް ދައްކައިގެންނެވެ. އެކަމަކު ބޯހިމެނުމުން ދައްކާ ގޮތުގައި މާލޭގެ އެވްރެޖު ކުއްޔަކީ 14،364ރ. އެވެ.

ބޯހިމެނުމުގައި ވަނީ މާލޭގައި ކުއްޔަށް ދީފައި ހުންނަ ތަންތަނުގެ އެވްރެޖު ކުލި ވެސް ހޯދައިފަ އެވެ. ކުލި ހޯދާފައި ވަނީ އެއް ކޮޓަރީގެ އެޕާޓްމަންޓާއި ދެ ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓާއި ހަތަރު ކޮޓަރީގެ އެޕާޓްމަންޓާއި ފަސް ކޮޓަރީގެ އެޕާޓްމަންޓުތަކުގަ އެވެ.

މާލޭގެ ކުލި ބެހިފައިވާ ގޮތް

  • އެއް ކޮޓަރި: 9،315ރ.
  • ދެ ކޮޓަރި: 13،367ރ.
  • ތިން ކޮޓަރި: 19،307ރ.
  • ހަތަރު ކޮޓަރި: 24،892ރ.
  • ފަސް ކޮޓަރި: 28،280ރ.

ކުރިން ބުނި 2019 ވަނަ އަހަރުގެ ހައުސްހޯލްޑް އިންކަމް ސާވޭއިން ދައްކާ ގޮތުގައި މާލޭގައި ކުއްޔަށް އުޅޭ ގޭބީސީތަކަށް ލިބޭ އާމްދަނީގެ 27 ޕަސެންޓު ހަރަދު ކުރަނީ ކުއްޔަށެވެ. ކުއްޔާއެކު ކަރަންޓު، ފެން އަދި ގޭހަށް ބަލައިފި ނަމަ އާމްދަނީގެ 34.9 ޕަސެންޓު އެކަންކަމަށް ހަރަދުވެ އެވެ.

މާލޭގެ ގޭބީސީތަކުން ކުއްޔަށް އެއްވަރަށް ހަރަދު ކުރާ އެހެން ކަމެއް ނޯވެ އެވެ. ހައުސްހޯލްޑް ސާވޭއިން ދައްކާ ގޮތުގައި ކުލި، ފެން، ކަރަންޓު އަދި ގޭހުގެ އިތުރުން ދެން އެންމެ ބޮޑު ހަރަދެއް ކުރަނީ ކެއުންބުއިމަށެވެ. މާލޭގެ ގޭބީސީތަކުން އެވްރެޖުކޮށް އާމްދަނީގެ 18 ޕަސެންޓު ކެއުންބުއިމަށް ހަރަދު ކުރެ އެވެ.

ބޯހިމެނުމުން ދައްކާ ގޮތުގައި މާލޭގެ 49 ޕަސެންޓު ގޭބީސީ ހުންނަނީ ކުއްޔަށް ދީފަ އެވެ. އެއީ ބޮޑު އަދަދެއް ނަމަވެސް އެއީ ކުރިއާ އަޅާބަލާއިރު ދަށް އަދަދެކެވެ. ކުރިން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި މާލޭގެ ގޭބީސީތަކުގެ ތެރެއިން 59 ޕަސެންޓު ގޭބީސީ ހުރީ ކުއްޔަށް ދީފަ އެވެ. އެހެންކަމުން ކުއްޔަށް ދީފައި ހުރި ގޭބީސީތަކުގެ އަދަދު މި ވަނީ 10 ޕަސެންޓު މަދުވެފަ އެވެ.

ކުލި ކޮންޓްރޯލް ކުރަންވީތަ؟ ނުވަތަ ފްރީ މާކެޓަށް އަގު ދޫކޮށްލަންވީތަ؟

ރާއްޖޭގައި ނޫނަސް ކުލި ކޮންޓްރޯލް ކުރުމަކީ ދުނިޔޭގައި ކުރާ ބޮޑު ބަހުސެކެވެ. ރަނގަޅު ގޮތަކީ ކުލި ކޮންޓްރޯލް ކުރުން ކަމަށް ބައެއް މީހުން ބުނާއިރު ދެން ތިބި މީހުންގެ ވިސްނުމަކީ ފްރީ މާކެޓަށް ކުލީގެ އަގު ދޫކޮށްލުމެވެ.

ކުލި ކޮންޓްރޯލް ކުރުން ބޮޑު ބަހުސަކަށްވާ މައިގަނޑު ސަބަބަކީ، ބޯހިޔާވަހިކަމަކީ އެންމެނަށް ވެސް ލިބެންޖެހޭ އަސާސީ ކަމަކަށްވުމާއެކު ކުއްޔަށް ދޭ މީހާ ކުރަނީ އަމިއްލަ ވިޔަފާރިއަކަށްވުމެވެ.

މިސާލަކަށް މާލެއަށް ބަލައިފި ނަމަ، މި ރަށަށް ހިޖުރަނުކޮށް ރަނގަޅު ތައުލީމެއް، ބޭސް ފަރުވާއެއް، ވަޒީފާއެއް ލިބޭކަށް ނެތެވެ. މީހުން ހިޖުރަ ކުރުމާއެކު އުފެދޭ ބޮޑު ޑިމާންޑާއެކު ރިއެލްއެސްޓޭޓުގެ ވިޔަފާރި ބޮޑުވެ، އެކަމުގެ ތެރެއަށް ވަންނަ ވިޔަފާރިވެރިންގެ އަދަދު އިތުރުވެ އެވެ.

އެމީހުން ވިޔަފާރި ކުރަނީ ތަން ކުއްޔަށް ދީގެން ހޯދޭނެ އެންމެ ބޮޑު ނަފައެއް ހޯދުމަށެވެ. ކުއްޔަށް އުޅޭ މީހުން ހިޖުރަ ކުރަންޖެހޭ ސަބަބާމެދު އެމީހުންގެ ހަމްދަރުދީއެއް ނޯވެ އެވެ. ތައުލީމާއި ބޭސް ފަރުވާ އާއި ވަޒީފާއަކީ، ދައުލަތުން އެ ހިޖުރަ ކުރި މީހާއަށް ފޯރުކޮށްދޭންޖެހޭ ކަންކަމެވެ.

ދެން އޮތީ ކުއްޔަށް ދޭ ތަން ހަދަން ބޭންކުން ނަގާ ލޯނެވެ. އެ ލޯނު ބޭންކުން ދޫކުރަނީ ތަން ކުއްޔަށް ދީގެން ލިބޭނެ އާމްދަނީއަކުން ލޯނު އަނބުރާ ދެއްކޭނެތޯ ލަފާ ކުރުމަށްފަހެވެ. ލޯނުގެ އިންޓްރެސްޓު ކުޑައެއް ނޫނެވެ. އެހެންކަމުން ކުލި ކުޑަ ކުރިޔަސް، ވިޔަފާރި ކުރާ މީހާއަށް އެންމެ ބޮޑަށް ވެސް ކުލި ކުޑަ ކުރެވޭނީ ލޯނުގެ ރިޕޭމަންޓު އޭނާއަށް ދެއްކޭނެ މިންވަރަށެވެ. އެކަމަކު އެއިރުން ވިޔަފާރީގެ މަންފާ އޭނާއަށް ލިބޭނީ ލޯނު ދައްކައި ނިމުމުންނެވެ.

ކުލި ކޮންޓްރޯލް ކުރުން ކަމަށް ހަގީގަތުގައި ބުނަނީ ކުލީގެ އަދަދުތައް ގަވާއިދުތަކަކަށް ފެއްތުމަށް ކުރާ މަސައްކަތަށެވެ. އެންމެ އާންމުކޮށް ކުލި ކޮންޓްރޯލް ކުރާ ގޮތަކީ މިވެނި މުއްދަތެއްގެ ތެރޭގައި ކުލި އިތުރު ކުރެވޭ އަދަދު ކެޕް ކުރުމެވެ. އެއިރުން މިސާލަކަށް، މިވެނި ސަރަހައްދެއްގައި، މިވެނި އަހަރެއްގައި ހެދި އިމާރާތެއް މިވެނި މުއްދަތަކަށް އެންމެ އަގުބޮޑުކޮށް ކުއްޔަށް ދެވޭނެ މިންވަރު ގަވާއިދުގައި ބަޔާން ކުރާނެ އެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި އޮންނަނީ ކުލި ކޮންޓްރޯލްކޮށްފަ އެވެ. އޭގެ ތެރޭގައި ކެލިފޯނިއާ، ނިއު ޔޯކް، ނިއު ޖާޒީ، މެރީލޭންޑް، މެއިން، އޮރެގަން އަދި މިނެސޯޓާ ހިމެނެ އެވެ. އޭގެ އިތުރުން، ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ ބައެއް ހިސާބުތަކުގައި ވެސް އޮންނަނީ ކުލި ކޮންޓްރޯލްކޮށްފަ އެވެ.

ކުލި ކޮންޓްރޯލް ކުރާ ގަވާއިދުތަކުން އާންމުކޮށް ބަލާ ފަސް މިންގަނޑެއް ނުވަތަ ގޮތެއް އޮވެ އެވެ. އެއީ:

  • ކުލި ބޮޑު ކުރުން ހުއްދަ ކުރެވޭ މިންވަރު ކަނޑައެޅުން: މީގެ ދަށުން ކުލި އެންމެ ބޮޑު ކުރެވޭނެ މިންވަރު ގަވާއިދުގައި ކަނޑައަޅާނެ އެވެ. އެ މިންވަރު ކަނޑައަޅަނީ ކޮންސިއުމާ ޕްރައިސް އިންޑެކްސް އާއި އެހެނިހެން ބައެއް ކަންކަމަށް ބެލުމަށްފަހު އެކަމަށް ހާއްސަ ބޯޑަކުންނެވެ.
  • ކުލި ކޮންޓްރޯލް ކުރެވޭ ބާވަތްތަކުގެ ގޭބީސީ: ކުލި ކޮންޓްރޯލް ކުރުމުގެ ގަވާއިދުގެ ދަށަށް ހުރިހާ ގޭބީސީތަކެއް ނުފެތެ އެވެ. ގަވާއިދަށް ނުފެތޭ ގޭބީސީތަކުގެ ތެރޭގައި ނިއު މާކެޓު ރޭޓުގައި ހަދާފައި ހުންނަ އިމާރާތްތަކާއި ވަކި އަހަރެއްގެ ފަހުން ހަދާ އިމާރާތްތަކާއި ވަކި އަހަރުތަކެއް ފަހުން (މިސާލަކަށް އިމާރާތް ކުރާތާ 10 އަހަރު ފަހުން) ކުލި ކޮންޓްރޯލް ކުރުމުގެ ގަވާއިދަށް ފެތޭ އިމާރާތްތަކާއި ފަހުގެ ތާރީހެއްގައި އެކަށީގެންވާ މިންވަރަށް މަރާމާތުކޮށްފައި ހުންނަ ގޭބީސީތަކާއި ނުވަތަ ވަކި އަދަދަކަށްވުރެ ޔުނިޓު މަދު ގޭބީސީ ހިމެނެ އެވެ.
  • ޔުނިޓް ޑިކޮންޓްރޯލް: ބައެއް ފަހަރު، ގޭބީސީއެއް ހުސްވުމުން ކުލި ކޮންޓްރޯލް ކުރުމުގެ ގަވާއިދުން ބޭރުވެ އެވެ. އިމާރާތެއް ވިއްކާލުމުން ވެސް ގަވާއިދުން ބޭރުވެ އެވެ.
  • ހާއްސަ ހާލަތްތައް: ލޭންޑްލޯޑަށް ކޮސްޓު ކަވަރު ނުކުރެވޭ ހާލަތްތަކުގައި ނުވަތަ އިމާރާތަށް ބަދަލު ގެނައުމަށް ބޭނުންވާ ހާލަތްތަކުގައި އެ އިމާރާތެއް ގަވާއިދުގެ ދަށުން އިސްތިސްނާ ކުރެވިދާނެ އެވެ.
  • ކުއްޔަށް ހިފާ ފަރާތް ހިމާޔަތް ކުރުން: ކުއްޔަށް ހިފާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރަން ގިނަ ގަވާއިދުތަކުގައި މާއްދާތަކެއް ހިމަނަ އެވެ. އެއިރުން މަގުބޫލު އުޒުރެއް ނެތި ކުއްޔަށް އުޅޭ މީހާ ތަނުން ބޭރު ނުކުރެވޭނެ އެވެ.

ސަރުކާރުތަކުގެ ބަސް އަދި ކުލި ކޮންޓްރޯލް ކުރަންޖެހޭ ކަމަށް ބުނާ ވާހަކަ

ކުލި ކޮންޓްރޯލް ކުރުމުގެ އުސޫލާ ދެކޮޅަށް ދިވެހިރާއްޖޭގެ ތިން ސަރުކާރަކުން ވަނީ ވާހަކަ ދައްކައިފަ އެވެ. އެންމެ ބޮޑަށް އެ ވާހަކަ ދެއްކެވީ ހުޅުމާލޭ ހިޔާ ފްލެޓުތައް އެޅުއްވުމުގެ ބާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.

ޔާމީން ވިދާޅުވީ، ރަނގަޅު ގޮތަކީ ކުލި ކޮންޓްރޯލް ކުރުމުގެ ގަވާއިދެއް އުފަންނުކޮށް، ސަޕްލައި އިތުރުކޮށްގެން މާކެޓުގެ އަގު ވައްޓާލުމެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ކުލި ބޮޑުވުމުގެ މައްސަލައަށް ގެންނަންޖެހޭނީ އިގްތިސާދީ ހައްލެކެވެ. ގާނޫނީ ހައްލެއް ނޫނެވެ.

"މީގައި އޮތް ހަމައެކަނި ހައްލަކި އިކޮނޮމިކް ސޮލިއުޝަނެއް. އެއީ ޑިމާންޑަށް ވުރެ ބޮޑަށް ސަޕްލައި އިތުރު ކުރުން. އެހެންވީމާ އަޅުގަނޑު ކުރާ މަސައްކަތަކީ މިހާރު ގެދޮރުވެރިކަމުގެ ޑިމާންޑް މާލޭ އޭރިއާގައި މި އުޅުއްވާ ބޭފުޅުން ތަންތަން ކުއްޔަށް ހިފައިން އުޅޭ ޑިމާންޑަށް ވުރެ ބޮޑު ސަޕްލައި އެއް އަޅުގަނޑު މި ކްރިއޭޓް ކުރަނީ ހިޔާ މަޝްރޫއުގެ ދަށުން ގެދޮރުވެރި ކުރުވަން. ކުރުވީމަ މާލޭގައި މިހާރު ކުއްޔަށް ދޭ ތަންތަނުގެ އަގުތައް ވެސް ތިރިވެގެންދާނެ،" ސެޕްޓެމްބަރު 16، 2018، ގައި ބޭއްވި ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ސަޕްލައި އިތުރު ކުރުމުން، ކުއްޔަށް އުޅޭ މީހުންނަށް ދެ އިހުތިޔާރެއް އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެއީ ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގައި އަގުހެޔޮކޮށް އުޅުން ނުވަތަ މާލޭގައި އަގުބޮޑުކޮށް އުޅުމެވެ.

"އެހެންވީމާ މާލޭގައި ދިރިއުޅޭ ސަރަހައްދުގަ މިހާރު އަގުބޮޑުކޮށް ބޮޑު އަގުގައި ކުއްޔަށް އުޅޭ މީހުންނަށް އަޅުގަނޑު ހޯދައިދޭ ޗޮއިސްއެއް މިއީ. އެހެންވީމާ އެމީހުންގެ ޗޮއިސްއެއް ބޮޑު އަގުގައި މާލޭގައި ތިބޭނީތޯ ނޫނީ ރައީސް ޔާމީންގެ ޑްރީމަށް ހުޅުމާލެ އަށް އަންނާނީތޯ،" ޔާމީން ވިދާޅުވި އެވެ.

އޭގެ ފަހުން ގައުމާ ހަވާލުވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވިސްނުން ވެސް ރައީސް ޔާމީންގެ ވިސްނުމާ ދާދި އެއްގޮތެވެ. ކުލި ކޮންޓްރޯލް ކުރުމުގެ ވާހަކަތައް ގަދަވުމުން، ސޯލިހުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ވެސް ވިދާޅުވީ ކުލީގެ އަގަށް ބަދަލު ގެންނަން ޖެހޭނީ ސޯޝަލް ހައުސިން ޕްރޮޖެކްޓުތައް އިތުރުކޮށްގެން ކަމަށެވެ.

"އެކަމަކު ޕްރައިވެޓް ސެކްޓާގައި ޕްރައިވެޓް ޕާޓީސްތައް އަމިއްލައަށް ލޯނު ނަގައިގެން ހަދާ ގެތަކުން ރެންޓް ކޮންޓްރޯލްކުރުމަކީ އެއީ މާކެޓް މެކޭނިޒަމްއާ ވަރަށް ހިލާފުކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" ސެޕްޓެމްބަރު، 2022، ގައި ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވި އެވެ.

އޭގެ ފަހުން، އެ ނުކުތާތައް ފާހަގަ ކުރައްވާ މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް ވަނީ ގާނޫނީ އިމުގެ ތެރެއިން ކުލި ކޮންޓްރޯލް ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ހައިދަރު ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ކުލި އޮންނަންޖެހޭނީ މާކެޓަށް ދޫކޮށްލާފައި ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުލި އޮންނަން ޖެހޭނީ މާކެޓަށް ދޫކޮށްލާފަ. އެހެން ނޫނީވިއްޔާ ވާ ގޮތަކީ ކުލި ކޮންޓްރޯލް ކުރަން ފަށައިފިއްޔާ ބޮޑެތި ލޯނުތަކާ އެއްޗެހި ނަގައިގެން އިމާރާތްކޮށްފައި ހުންނަ ބަޔަކަށް ލިބޭ ގެއްލުންތަކެއް ވެސް އުޅޭނެ،" މެއި 9، ގައި ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކުލި ކޮންޓްރޯލް ކުރުމާ ދެކޮޅަށް ޑިސެމްބަރު، 2019، ގައި ވާހަކަ ދައްކަވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އެމަނިކުފާނު ހުންނެވިއިރު ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ކުލި ކޮންޓްރޯލްކޮށްފި ނަމަ އިގްތިސާދުގެ އެހެން ދިމަދިމާލުން ނުރަނގަޅު އަސަރު ފެންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ވީމިންވަރަކުން މާކެޓާ ނުކުޅެވޭތޯ ބެލުން. ކުލި ބިނާވެފައި އެ އޮންނަނީ ކިތައް މީހުންތޯ އިމާރާތެއް ބޭނުމީ އާއި ކިތައް އިމާރާތްތޯ ހުރިއާ އެދޭތީގެ މައްޗަށް. ކުލި މައްޗަށް ދަނީ އިމާރާތް މަދުވެފައި ބޭނުންވާ މީހުން ގިނަވީމާ. އެ ކުލި ދަށްވާނީ އިމާރާތް ގިނަވެފައި ބޭނުންވާ މީހުން މަދުވީމައި،" ނަޝީދު ވިދާޅުވި އެވެ. "ކުލި ކަނޑައަޅައިފިނަމަ ދެން އިގްތިސާދުގެ އެހެން އެތައްތަނަކުން ކިތަންމެ ނުހަމަ ކަންތައްތަކެއް ނުކުންނާނެ."

ސަރުކާރުތަކުގެ ވާހަކަތައް އެގޮތަށް ހުރި ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ކުލި ކޮންޓްރޯލް ކުރުމާ އެއްކޮޅަށް ދިވެހި ބައެއް ތަޖުރިބާކާރުން ވަނީ ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ޕެޓިޝަން ސްޕޮންސާ ކޮށްދެއްވި މެމްބަރު އަލީ ހުސެއިން އެވެ.

އަލީ ހުސެއިން ދެކެވަޑައިގަންނަވާ ގޮތުގައި، ކުލި ކޮންޓްރޯލް ކުރުމަށް ޑިމާންޑަށް އަދި ސަޕްލައިއަކަށް ބަލާކަށް ނުޖެހޭނެ އެވެ. ބައެއް އެހެން ތަކެތީގެ އަގު ވެސް ސަރުކާރުން ކޮންޓްރޯލް ކުރަނީ ޑިމާންޑު ނުވަތަ ސަޕްލައިއަށް ބަލައިގެން ނޫންކަން ވެސް އޭނަ ފާހަގަ ކުރައްވަ އެވެ.

"ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރާ ބީދައިން ކުލި ވެސް ކޮންޓްރޯލު ކުރެެވެން އެބަޖެހޭ. ހަމަގައިމު ވެސް ބޭންކު ލޯނު ދައްކާ ނިމިފައި ހުރި ބިލްޑިންތައް ވެސް މަދެއް ނޫން. ޑިމާންޑް އެންޑް ސަޕްލައި ގެ އުސޫލުތަކަށްވުރެ ރައްޔިތުންގެ އަސާސީ ބޭނުންތައް މާ މުހިންމު،" އޭޕްރީލް، 2020، ގައި އަލީ ހުސެއިން ވިދާޅުވި އެވެ.

އޭގެ އިތުރުން، ދައުލަތުން ދޫކޮށްފައި ހުންނަ ބަންޑާރަ ބިންބިމުގައި އަޅާފައި ހުންނަ ގޭބީސީތައް ކުއްޔަށް ދޫކުރާ ނަމަ، ކުލި ކޮންޓްރޯލް ކުރުމުގެ އުސޫލުތަކެއް ހިފެހެއްޓޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"އަމުދުން ދައުލަތުގެ މިލްކުވެރިކަން އޮންނަ ބަންޑާރަ ބިމުގައި އަޅާފައި ހުންނަ އިމާރާތެއްގެ ކުލި ކޮންޓްރޯލުކޮށް ރެގިއުލޭޓު ކުރުމަކީ ދައުލަތައް ނުވަތަ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން،" ޑިސެމްބަރު، 2019، ގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވި އެވެ.

ކުލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ވިދާޅުވާ އަނެއް ބޭފުޅަކީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ. ސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި ކުލި އެންމެ ބޮޑު ކުރެވޭނެ މިންވަރެއް ގާނޫނީ އިމުގެ ތެރެއިން ކަނޑައެޅިދާނެ އެވެ.

"ކުލި ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެއް ގާނޫނަކުން. އެއީ އެހެން ގައުމުތަކުގައި ވެސް އެބަހުރި އެކަން ކޮށްފައި. ރާއްޖޭގައި ވެސް ބިމާބެހޭ ގާނޫނަށް އިސްލާހު ގެނެސްގެން އަޕާ ލިމިޓެއް [އެންމެ ބޮޑުކޮށް ކުލި ނެގޭނެ މިންވަރެއް] ކަނޑައެޅިދާނެ. ވަކި ވަރަކަށް ވުރެ ކުލި ބޮޑު ނުކުރެވޭ ގޮތަށް،" މެއި، 2016، ގައި ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ސުއޫދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް ނާސިރު ކުލި ކޮންޓްރޯލް ކުރެއްވި

ދިވެހި ޖުމްހޫރިއްޔާގެ ދެ ވަނަ ރައީސް އިބްރާހިމް ނާސިރަކީ އެމަނިކުފާނު ގަބޫލު ކުރެއްވި ޕޮލިސީއެއް ވަރަށް ވަރުގަދައަށް ތަންފީޒު ކުރެއްވި ލީޑަރެކެވެ. މާލެއަށް މީހުން ތޮއްޖެހެން ފެށި، މާލޭގެ ކުއްޔަށް ދޭ ތަންތަނުގެ ޑިމާންޑު އިތުރުވާން ފެށި ރައީސް ނާސިރުގެ ވެރިކަމުގެ އެވެ. އެއާއެކު، ކުއްޔަށް ދިނުމުގެ އުސޫލުތަކެއް ބަޔާން ކުރާ މިންގަނޑެއް އެމަނިކުފާނު ތައާރަފު ކުރެއްވި އެވެ.

"ގޭގެ އާއި އެކަށީގެންވާ ގޮތުން މީހުން ތިބުމަށް ހަދާފައިވާ ތަންތަން ކުއްޔަށް ހިއްޕެވުމުގެ ގަވާއިދު" ނާސިރުގެ ވެރިކަމުގައި ފުރަތަމަ ތައާރަފު ކުރެއްވީ ނޮވެމްބަރު، 1976، ގަ އެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރު އެ ގަވާއިދު މުރާޖައުކޮށް، އިސްލާހު ކުރި އެވެ. އެ ގަވާއިދުގެ ދަށުން ކުއްޔަށް ދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑާއި ކުއްޔަށް ދެވޭނެ އަގުތައް ބަޔާންކޮށް، ކުލި އޮތީ ކޮންޓްރޯލްކޮށްފަ އެވެ.

  • 255ރ. އަށް ކުއްޔަށް ދެވޭނީ: ގެއެއްގެ ގޯތި ތެރޭގައި ވަކިން ވަދެވޭ ގޮތަށް މޮޅަށް ހަދާފައި ހުންނަ ކޮޓަރި (އެނދު، އަލަމާރި، ގޮނޑި، މޭޒު، ޑްރެސިން ޓޭބަލް ހުރެފައި، ކޮޓަރީގައި ފަންގިފިލާ އަޅާފައި، ފަންކާ ހަރުކޮށްފައި) ކޮޓަރިން ފާހާނާއަށް ވަދެވޭ ގޮތަށް، ކޮންމެ ކޮޓަރިއަކަށް ފާހާނާއެއް، ފާހާނާގައި ތަށިމުށި ޖަހާފައި ހުރި ނަމަ.
  • 230ރ. އަށް ކުއްޔަށް ދެވޭނީ: ގެއެއްގެ ގޯތި ތެރޭގައި ވަކިން ވަދެވޭ ގޮތަށް މޮޅަށް ހަދާފައި ހުންނަ ކޮޓަރި (އެނދު، އަލަމާރި، ގޮނޑި، މޭޒު، ޑްރެސިން ޓޭބަލް ހުރެފައި، ކޮޓަރީގައި ފަންގިފިލާ އަޅާފައި، ފަންކާ ހަރުކޮށްފައި) ކޮޓަރިން ފާހާނާއަށް ވަދެވޭ ގޮތަށް، ކޮންމެ ދެ ކޮޓަރިއަކަށް ފާހާނާއެއް، ފާހާނާގައި ތަށިމުށި ޖަހާފައި ހުރި ނަމަ.
  • 205ރ. އަށް ކުއްޔަށް ދެވޭނީ: ގެއެއްގެ ގޯތި ތެރޭގައި ވަކިން ވަދެވޭ ގޮތަށް މޮޅަށް ހަދާފައި ހުންނަ ކޮޓަރި (އެނދު، އަލަމާރި، ގޮނޑި، މޭޒު، ޑްރެސިން ޓޭބަލް ހުރެފައި، ކޮޓަރީގައި ފަންގިފިލާ އަޅާފައި، ފަންކާ ހަރުކޮށްފައި) ފާހާނާ ކޮޓަރިއާ ވަކިން ހުރެފައި، ފާހާނާގައި ތަށިމުށި ޖަހާފައި ހުރި ނަމަ.
  • 205ރ. އަށް ކުއްޔަށް ދެވޭނީ: ގެއެއްގެ ގޯތި ތެރޭގައި ވަކިން ވަދެވޭ ގޮތަށް މޮޅަށް ހަދާފައި ހުންނަ ކޮޓަރި (އެނދު، އަލަމާރި، ގޮނޑި، މޭޒު، ޑްރެސިން ޓޭބަލް ހުރެފައި، ކޮޓަރީގައި ފަންގިފިލާ އަޅާފައި، ފަންކާ ހަރުކޮށްފައި) ކޮޓަރިން ފާހާނާއަށް ވަދެވޭ ގޮތަށް ކޮންމެ ކޮޓަރިއަކަށް ފާހާނާއެއް، ފާހާނާގައި ތަށިމުށިނުޖަހާ ހުރި ނަމަ.
  • 180ރ. އަށް ކުއްޔަށް ދެވޭނީ: ގެއެއްގެ ގޯތި ތެރޭގައި ވަކިން ވަދެވޭ ގޮތަށް މޮޅަށް ހަދާފައި ހުންނަ ކޮޓަރި (އެނދު، އަލަމާރި، ގޮނޑި، މޭޒު، ޑްރެސިން ޓޭބަލް ހުރެފައި، ކޮޓަރީގައި ފަންގިފިލާ އަޅާފައި، ފަންކާ ހަރުކޮށްފައި) ކޮޓަރިން ފާހާނާއަށް ވަދެވޭ ގޮތަށް ކޮންމެ ދެ ކޮޓަރިއަކަށް ފާހާނާއެއް، ފާހާނާގައި ތަށިމުށިނުޖަހާ ހުރި ނަމަ.
  • 155ރ. އަށް ކުއްޔަށް ދެވޭނީ: ގެއެއްގެ ގޯތި ތެރޭގައި ވަކިން ވަދެވޭ ގޮތަށް މޮޅަށް ހަދާފައި ހުންނަ ކޮޓަރި (އެނދު، އަލަމާރި، ގޮނޑި، މޭޒު، ޑްރެސިން ޓޭބަލް ހުރެފައި، ކޮޓަރީގައި ފަންގިފިލާ އަޅާފައި، ފަންކާ ހަރުކޮށްފައި) ފާހާނާ ކޮޓަރިއާ ވަކިން ހުރެފައި، ފާހާނާގައި ތަށިމުށި ނުޖަހާ ހުރި ނަމަ.
  • 230ރ. އަށް ކުއްޔަށް ދެވޭނީ: ގެއެއްގެ ތެރޭގައި ވަކިން ވަދެވޭ ގޮތަށް މޮޅަށް ހަދާފައި ހުންނަ ކޮޓަރި (އެނދު، އަލަމާރި، ގޮނޑި، މޭޒު، ޑްރެސިން ޓޭބަލް ހުރެފައި، ކޮޓަރީގައި ފަންގިފިލާ އަޅާފައި، ފަންކާ ހަރުކޮށްފައި) ކޮޓަރިން ފާހާނާއަށް ވަދެވޭ ގޮތަށް، ކޮންމެ ކޮޓަރިއަކަށް ފާހާނާއެއް، ފާހާނާގައި ތަށިމުށި ޖަހާފައި ހުރި ނަމަ.
  • 205ރ. އަށް ކުއްޔަށް ދެވޭނީ: ގެއެއްގެ ތެރޭގައި ވަކިން ވަދެވޭ ގޮތަށް މޮޅަށް ހަދާފައި ހުންނަ ކޮޓަރި (އެނދު، އަލަމާރި، ގޮނޑި، މޭޒު، ޑްރެސިން ޓޭބަލް ހުރެފައި، ކޮޓަރީގައި ފަންގިފިލާ އަޅާފައި، ފަންކާ ހަރުކޮށްފައި) ކޮޓަރިން ފާހާނާއަށް ވަދެވޭ ގޮތަށް، ކޮންމެ ދެ ކޮޓަރިއަކަށް ފާހާނާއެއް، ފާހާނާގައި ތަށިމުށި ޖަހާފައި ހުރި ނަމަ.
  • 180ރ. އަށް ކުއްޔަށް ދެވޭނީ: ގެއެއްގެ ތެރޭގައި ވަކިން ވަދެވޭ ގޮތަށް މޮޅަށް ހަދާފައި ހުންނަ ކޮޓަރި (އެނދު، އަލަމާރި، ގޮނޑި، މޭޒު، ޑްރެސިން ޓޭބަލް ހުރެފައި، ކޮޓަރީގައި ފަންގިފިލާ އަޅާފައި، ފަންކާ ހަރުކޮށްފައި) ފާހާނާ ކޮޓަރިއާ ވަކިން ހުރެފައި، ފާހާނާގައި ތަށިމުށި ޖަހާފައި ހުރި ނަމަ.
  • 155ރ. އަށް ކުއްޔަށް ދެވޭނީ: ގެއެއްގެ ތެރޭގައި ވަކިން ވަދެވޭ ގޮތަށް މޮޅަށް ހަދާފައި ހުންނަ ކޮޓަރި (އެނދު، އަލަމާރި، ގޮނޑި، މޭޒު، ޑްރެސިން ޓޭބަލް ހުރެފައި، ކޮޓަރީގައި ފަންގިފިލާ އަޅާފައި، ފަންކާ ހަރުކޮށްފައި) ކޮޓަރިން ފާހާނާއަށް ވަދެވޭ ގޮތަށް ކޮންމެ ދެ ކޮޓަރިއަކަށް ފާހާނާއެއް، ފާހާނާގައި ތަށިމުށިނުޖަހާ ހުރި ނަމަ.
  • 130ރ. އަށް ކުއްޔަށް ދެވޭނީ: ގެއެއްގެ ތެރޭގައި ވަކިން ވަދެވޭ ގޮތަށް މޮޅަށް ހަދާފައި ހުންނަ ކޮޓަރި (އެނދު، އަލަމާރި، ގޮނޑި، މޭޒު، ޑްރެސިން ޓޭބަލް ހުރެފައި، ކޮޓަރީގައި ފަންގިފިލާ އަޅާފައި، ފަންކާ ހަރުކޮށްފައި) ފާހާނާ ކޮޓަރިއާ ވަކިން ހުރެފައި ފާހާނާގައި ތަށިމުށި ނުޖަހާ ހުރި ނަމަ.

ރައީސް ނާސިރު ކުލި ކޮންޓްރޯލް ކުރެއްވީ 70 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެ ޕޮލިސީއަކީ އެމަނިކުފާނުގެ އެހެން ޕޮލިސީތަކާ ވެސް ގުޅުން ހުރި ޕޮލިސީތަކެވެ. މިސާލަކަށް ރިސޯޓުތަކުގައި ވެސް ސަރުކާރުގެ މިވެނި ވަރެއްގެ ހިއްސާ އޮތުން ނާސިރު މަޖުބޫރު ކުރެއްވި އެވެ. ފެންނަ ފެނުމަށް އެމަނިކުފާނުގެ ޕޮލިސީތައް ބައްޓަން ކުރީ ފްރީމާކެޓު އުސޫލާ ދުރު ގޮތަކަށެވެ. ސަރުކާރުގެ ކޮންޓްރޯލް ވިޔަފާރިތަކުން މުޅިން ނުނެއްޓޭނެ ގޮތްތަކަކަށެވެ.

-

ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ މީހުން އެކަމަށް އެދޭ ސަބަބުތަކެއް އެބަ ހުއްޓެވެ. އެއީ ބޯހިޔާވަހިކަމާ ގުޅޭ މުހިންމު ހައްގުތަކެއް ވެސް އެކަމުގައި އެކުލެވޭ ކަމެކެވެ. އަނެއް ކޮޅުން ކުލި ކޮންޓްރޯލް ނުކުރާ ދެކޮޅަށް ދައްކާ ވާހަކަތަކުގައި ވެސް ބުރަދަނެއް އެބަހުއްޓެވެ. ސަޕްލައި އިތުރުކޮށްގެން ކުލި ކޮންޓްރޯލްވާ ކަމަކީ ވެސް ހަގީގަތެކެވެ. ބޭނުންވަނީ އިންތިހާ ބޮޑު އަގުގައި ކުއްޔަށް ނުއުޅުމަށެވެ. ކޮންމެ ގޮތަކުން ނަމަވެސް ކުލި ވާންވީ ހަމަޖެހޭ އަގެއްގެ ކުއްޔަކަށެވެ.